ރައީސް މުއިއްޒަށް ވެމްކޯއިން ބޮޑު އަދަދަކުން ފައިސާ ދޭން ޖެހި، އިސްލާމިކް ބޭންކަށް ދޭންޖެހޭ މުއައްޒަފުންގެ ލޯނު ފައިސާ ދިނުން ހުއްޓާލައިފި އެވެ.
ރައީސް މުއިއްޒު ދަނީ ސަރުކާރު ހުރިހާ ކުންފުނިތަކަށް މަޖުބޫރު ކޮށްގެން އެކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން އަތުން ކޮންމެ މަހަކު މިލިއަނުން ފައިސާ ނަގަމުންނެވެ. މިކަން ފަށާފައިވަނީ މަޖިލީސް އިންތިހާބަށް ފައިސާ ހޯދުމަށް ކަމަށް ބުނެ ރައީސް މުއިއްޒު އަމިއްލަ ފުޅަށް އެމްޑީއިންނަށް ގުޅައިގެންނެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއަށް އައްޔަންކޮށްފައިވާ އެމްޑީގެ ފަރާތުން މުއިއްޒު ބޭނުންވާ ވަރަށް ފައިސާ ހަމަ ނުޖެހިގެން "ކަލޭ ތިތަނަށް ލާފައި ތިހިރީ އަމާ ހަނދާން ކުރަންހޭ" ބުނިކަމަށް އެމްޑީ ވަނީ އެތައް ބައެއް ކައިރީ ވާހަކަ ދައްކާފައެވެ.
ވެމްކޯއިން ޕެންޝަން ފައިސާ މުއައްޒަފުން އަތުން ކެނޑުމަށްފަހު، ޕެންޝަން އޮފީހަށް ފައިސާ ޖަމާ ނުކުރާތާ 8 މަސް ވެފައި ވާއިރު، އިސްލާމިކް ބޭންކުން މުއައްޒަފުން ނަގާފައިވާ ލޯނަށް، މުއައްޒަފުން އަތުން ފައިސާ ކެނޑުމަށްފަހު، އެ ފައިސާ ޖަމާ ނުކޮށް ދަނީ ރައީސް މުއިއްޒަށް ދޭ ފައިސާގެ ތެރޭ މިފައިސާ ވެސް ހިމަނަމުންނެވެ.
އިސްލާމިކް ބޭންކަށް ދޭން ހުރި ފައިސާ މުއައްޒަފުންގެ މުސާރައިން ކެނޑުމަށްފަހު، އެފައިސާ ޖަމާ ނުކުރާކަން ފެންނަން ހުރި ލިޔެކިޔުންތައް ދިޔަވަރު ނޫހަށް ވަނީ ލިބިފައެވެ.
މިކަމުގެ ސަބަބުން ބޭންކުން ލޯނު ނުދެއްކި ޖޫރީމަނާ ތަކާއި މުއައްޒަފުން ކުރިމަތިލާން ޖެހި، ނަފްސާނީ ބިރުވެރިކަމަކަށް ވަނީ މުއައްޒަފުން ދާން ޖެހިފައެވެ.
ނަމަވެސް މުއިއްޒަށް ކޮންމެ މަހަކުވެސް ދެމުންދާ ފައިސާތައް މިލިއަނުން ދަނީ ދެމުންނެވެ. މި ފައިސާ އާންމުކޮށް ނަގަނީ ސަޕްލަޔަރުންނާއި، ކޮންޓްރެކްޓަރުން އަތުން ވެމްކޯއިން ފައިސާ ދައްކާ ބިލްތަކުގެ ބަދަލުގައި %20 ރިޝްވަތުގެ ކަޓެއް ނަގައިގެންނެވެ. މިކަން ވެމްކޯގެ އިތުރުން ފެނަކަ ހިމެނޭހެން ގިނަ ސަރުކާރު ކުންފުނިތަކުން ދަނީ ކުރަމުންނެވެ.