މަސްވެރިންނަށް ޑޮލަރުން ފައިސާ ދެއްކުމަކީ މުއިއްޒުގެ ވައުދުފުޅެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ޑޮލަރުން ފައިސާ ދެއްކުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްބުނެ އިދިކޮޅު އެމްޑީޕީން ވެސް މީގެ ކުރިން ވާހަކަދައްކާފައިވާ އިރު، އަހާ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ޑޮލަރުން މަސްވެރިންނަށް ޕޭމަންޓް ދޭ ވާހަކަ އެއީ ރަނގަޅު ވާހަކައެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އެފަދަ މޭރުމަކުން ވިދާޅެއް ނުވޭ ކެމްޕޭންގައި ވެސް، އަޅުގަނޑު މިއީ ކެމްޕޭންގައި ވަރަށް އެކްޓިވްކޮށް އުޅުނު މީހަކަށް ވާތީއާ ވެސް އެކު. އެ މަނިކުފާނުގެ މެނިފެސްޓޯ ވެސް އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިންނަށް ޑޮލަރުން ފައިސާ ދޭނެކަމަށް މުއިއްޒު ވައުދު ނުވާކަމަށް ޝިޔާމް ވިދާޅުވި ނަމަވެސް, ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވަނީ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޭނެކަމަށް ވައުދު ވެފައެވެ. މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި އާންމު ކޮށްފައިވާ ރިޔާސީ ކެމްޕޭންގެ ޕީއާރު ވީޑިއޯތަކުގައި މިހާރުވެސް މުއިއްޒުގެ މި ވައުދު ހާމަވާން އެބަހުއްޓެވެ. އެހެންނަމަވެސް މުއިއްޒު މަސްވެރިންނަށް ވީ ވައުދު މިހާތަނަށްވެސް ފުއްދާފައި ނުވާއިރު މުއިއްޒު ގެންދަވަނީ މަސްވެރިންނަށް ވީ ވައުދުތައް އޮޅުވާލަމުންނެވެ.
ރޭގެ ފޯރަމްގައި ޝިޔާމް ވިދާޅުވީ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަހުގެ އަގު ހުރީ ދައުލަތަށް ކެތްވާ ވަރަކަށް ނޫން ކަމަށާއި މަހުގެ އަގު ހުރީ މަސްކިލޯއެއް 23 ރުފިޔާއަށް ކަމަށެވެ. އަދި އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި ކުރީގެ ސަރުކާރުން ގެނައި ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިން އަތުން 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަސް ގަންނާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. މިހާރު ސަރުކާރުން މަސްވެރިންނަށް މަސް ވިއްކަމުން ދަނީ 16 ރުފިޔާއަށްވުރެ ދަށް އަގެއްގައެވެ. މިއީ އެއްވެސް ސަރުކާރެއްގައި މަސްވެރިން މަސް ގަނެފައިވާ އަގެއް ނޫނެވެ.