ސަރުކާރު ހިންގާ ޕީއެންސީގެ ކުރީ ސަފުގައި ”ވަގުން“ގެ ޓެގް އެޅިފައިވާ ގިނަ ބަޔަކު ފެނިގެން ދިއުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ރޭ ބޭއްވުނު ޕީއެންސީގެ ޖަލްސާގެ ކުރީ ސަފުގައި ތިބި, ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ މަގާމްގައި ތިބެގެން ދައުލަތުގެ މާލިއްޔަތުން މުޠުލަގަށް ވައްކަންކުރި މީހުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެކެއްގެ ގޮތުގައި އިނީ އެޗްޑީސީގެ އެމްޑީގެ މަގާމްގައި ހުރެ ހުޅުމާލޭގެ ބިން ނުހައްގުން އެތައް ބަޔަކަށް ދިން ފަޒުލްއެވެ. މުއިއްޒުއާއި ގުޅިގެން އެތައް ވައްކަމެއް ކުރި ފަޒުލް މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވީ އޭނާ އޭނާގެ ބޭބެއަށް ވަގަށް ގޯތި ކަނޑާ ހުޅުމާލެއިން ގޯތި ދިންކަން ފަޅާއެރި ހިސާބުންނެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދިން, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުން، އެ ތަޙުޤީޤުގައި މުއިއްޒުގެ ނަން ފެންމަތިވެގެން އަންނާނެތީ, ފަޒުލްގެ ކޮރަޕްޝަންގެ ތަހުގީގު, ޕޮލިހުންނާއި އޭސީސީން ފަހުން ވަނީ ޕާކު ކޮށްފައެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން, ފުލުހުންގެ އިސް އޮފިޝަލަކު މީގެ ކުރިން ވިދާޅުވެފައިވަނީ, އޭސީސީންނާއި އަދި ޕޮލިހުންގެވެސް, މުއިއްޒު ބޭޒާރު ވާނެތީ, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަ ކުރިޔަށް ނުގެން ގޮސް ޕާކްކޮށްފައި ވާކަމުގައެވެ.
އިބްރާހިމް ފަޒުލް ރަޝީދަކީ މިހާރުގެ ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރެވުނު ފަރާތެކެވެ. އޭނާ މަގާމުން އިސްތިއުފާ ދިނީ ހުޅުމާލެއިން ގޯތިގެދޮރު ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.
މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ގިނަ ފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް މަނީ ލޯންޑްރިންގއާ ގުޅޭ ދަޢުވާއެއް ކުރެވިދާނެ ފަރާތްތަކެވެ. އެހެންނަމަވެސް މިހާލަތުގައިވެސް މި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ތަޙުޤީޤީ މުއައްސަސާއަކަށް ހާޒިރުވެސް ކޮށްފައެއް ނުވެއެވެ. އަދި ޕީޖީ ޢައްބާސް ޝަރީފުވެސް މި މައްސަލަތައް ތަޙުޤީޤުކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވަމުން ނުގެންދަވައެވެ.
ފަޒުލް އެޗްޑީސީގެ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވީ, ދައުލަތުގެ މުދަލުން ވައްކަން ކުރަމުން ކުރަމުން ގޮސް, މުއިއްޒުއާއި ފަޒުލް އަރިސް މީހުންނަށް ހުޅުމާލެއިން ވަގަށް ގޯތި ކަނޑާފަ ދޭ ހިސާބަށް ކަންތައް ދިޔަފަހުން, ރައްޔިތުންގެ ފަރާތުން ކުރިމަތިވީ ޕްރެޝަރުގެ ސަބަބުންނެވެ.
އެޗްޑީސީގެ އެމްޑީކަމުގައި ހުރެ ފަޒުލް އޭނާގެ ބޭބެއަށް ވަގަށް ހުޅުމާލެއިން ގޯތި ދީ, އަދި މުއިއްޒުގެ އެންގުމަށް އެތައް ބަޔަކަށް ވަގަށް ހުޅުމާލެއިން ގޯތި ދޫކޮށްފައި ވެއެވެ. އަދި ނުއަގުގައި ގޯތި ވިއްކާ, އޭގެ އިތުރުން ވިނަރެސްއިން ފެލެޓްތައްވެސް, މުއިއްޒުގެ އަމުރަށް ފަޒުލް ވަނީ އެތައް ބަޔަކަށް ވަގަށް ދީފައެވެ. އަދި އޭނާވަނީ އޭނާ އަންހެނުންނަށްވެސް ނުއަގުގައި 2000 އަކަފޫޓުގެ ގޮވައްޗެއް ހުޅުމާލެއިން ދީފައެވެ.
ފަޒުލްއާއި ދެކޮޅަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އެޗްޑީސީން 15 މުވައްޒަފަކު އޭރު ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެހެންނަމަވެސް އެއަށްފަހު އެ މީހުންގެ ވަޒީފާ އިއާދަކޮށް، ސަސްޕެންޑްކުރި އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިދިޔަ ފެބްރުއަރީ މަހު ވަނީ އުވާލާފަ އެވެ.
ފަޒުލްގެ ބޭބެ ފަޒީލުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ އެކު އެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ޒިންމާތަކަކުން އޭނާ ވަކިކޮށް، އޮފީހަށް ނުނިކުމޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން އޭރުގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން 9 މުވައްޒަފަކު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.
އެހެންނަމަވެސް, އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުރެ, ރޯމާ ދުވާލު ވައްކަން ކުރަމުންދަނިކޮށް ރައްޔިތުންގެ ޕްރެޝަރާހެދި މަގާމުން އިސްތިއުފާދޭން މަޖުބޫރުވި ފަޒުލް ޕީއެންސީގެ އިސް ސަފުން ރޭގެ ސެނެޓް ބައްދަލުވުމުން ފެނިގެން ދިއުމުން އެނގި ކަށަވަރު ވެގެން ދިޔައީ, ފަޒުލް ކުރިހާ ވައްކަމެއް ކޮށްފައިވަނީ ވައްކަންތަކުގެ ފަހަތުގައި ސީދާ މުއިއްޒު ހުރެގެން ކަމެވެ.
މުއިއްޒު ދަނީ ކޮރަޕްޝަނާއި ފަސާދައިން ފަސްބައި ކިލަނބުވެފައިވާ މީހުން ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަންކޮށް, އަދި އެފަދަ ފަރާތްތަކަށް ދައުލަތުގެ މުވައްސަސާތައް މެދުވެރިކޮށް ހިމާޔަތްވެސް ދެމުންނެވެ.
ގިނަ ދުވަސްތަކަކަށްފަހު ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް ރޭ ބޭއްވި އިރު، އެންމެ ކުރީ ސަފުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވި މަގާމުތަކުންން ވަކޮށްފައިވާ ބައެއް ބޭފުޅުން ވަނީ ފެނިގެން ގޮސްފަ އެވެ.
އެގޮތުން ޕީއެންސީގެ ކުރީސަފުން ރޭ ފެނުނު ”ވަގުން“ގެ ތެރޭގައި“ބިންވެރިޔާ“ ސްކީމްގެ ދަށުން އަމިއްލަ ބޭބެއަށް ނުލިބޭ ގޯއްޗެއް ދިން މައްސަލައިގައި ތުހުމަތުކުރެވޭ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭއިރު, ފިއުލް ސަޕްލައި މޯލްޑިވްސްގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ފެށުމުން އިސްތިއުފާ ދިން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހެއިލްވެސް ހިމެނެއެވެ
ފަޒުލްގެ މައްސަލަ މިހާރު ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާކަމަށް ބުނާއިރު, ސުހައިލްއަށް ކުރަނީ އެފްއެސްއެމްއިން ވިއްކާ ތެލުން އޭނާއަށް ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ފިޔަވަޅު އެޅިނަމަވެސް ސުހައިލް އަށް ދިނީ އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ވެސް ވަނީ ޕީއެންސީގެ ބައްދަލުވުމުން ފެނިފަ އެވެ. އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސްގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާއިރު، އެކަމުގެ ތުހުމަތު ކުރެވޭ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވެސް ވަނީ ބައްދަލުވުމުގައި ވާހަކަދައްކާފަ އެވެ.
މީގެ ތިން މަސްކުރިން އެމްޕީއެލްގެ ސީއީއޯގެ މަގާމުން ވަކިކުރި މުހައްމަދު ވަޖީހު އިބްރާހީމް ވެސް ރޭގެ ޖަލްސާއިން ފެނިފައިވެ އެވެ. ވަޖީހުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި ދިނުމަށް އެދި އެމްޕީއެލްގެ މިހާރުގެ މެނޭޖްމަންޓުން އޭސީސީއަށް ހުށަހަޅާފައިވާކަން އިތުބާރުހުރި މަސްދަރަކުން ”ހުރިހާ“ އަށް ވަނީ އެނގިފަ އެވެ. އަދި މަގާމުން ވަކިކުރުމާއެކު މާލޭގައި ބޮޑެތި ފިހާރަތަކެއް ހުޅުވައި ވަޖީހު ގެންދަވަނީ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންނެވެ.
މިއާއެކު ގިނަ ބަޔަކު ދަނީ ޕީއެންސީން ކޮރަޕްޝަނަށް ހިތްވަރުދޭ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އެއްވެސް އިސްވެރިއަކަށް މިހާތަނަށް ފިޔަވަޅު އަޅާފައިނު ވެއެވެ.