ޑިވެލޮޕްމެންޓް ބޭންކު ސީއީއޯ މައްސަލަ މުއިއްޒު އަންގައިގެން ޓްރިބިއުނަލް އިން ބޭރުކޮށްލީ ރާއްޖެ ސޮއެ ކޮށްފައިވާ މުއާޙަދާ ތަކާއި ޚިލާފަށް ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ހިއްސާކޮށްފިއެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ނޯއެލް ގްރެގޮރ ޕެޓާސަން-ޖޯންސް އައްޔަންކުރެވުނީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އޭނާ އިސްތިއުފާ ދީފައިވަނީ 2025 ވަނަ އަހަރުގެ މާރިޗް 23 ވަނަ ދުވަހު، ބޭންކުގެ މަސައްކަތްތައް ފެށުމުގެ ކުރިންނެވެ. މުސާރަ އާއި އިނާޔަތްތައް ނުލިބޭކަމަށް ބުނެ، 2025 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހު ނޯއެލް ދަޢުވާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
ޓްރައިބިއުނަލުން އެ ދަޢުވާ ބާޠިލްކޮށްފައިވަނީ 2025 ވަނަ އަހަރުގެ މޭ 7 ވަނަ ދުވަހު، ލިޔުންތައް އިނގިރޭސި ބަހުން ހުށަހެޅުމުގެ ސަބަބުންކަމަށް ބުނެވެއެވެ.
ރައީސް މުއިއްޒު ދަނީ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ގޮންޖަހައި، ރާއްޖެއަކީ ބައިނަލްއަގުވާމީ ނިޒާމުގެ ތެރެއިން އެއްކިބާވެފައިވާ ތަނަކަށް ހަދަމުންނެވެ.
ރާއްޖެ ސޮއެ ކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބޭރުގެ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރެވެއެ.
ނޯއެލް ވަޒީފާ ބެހޭ ޓްރިބިއުނަލް އަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން މުއިއްޒުގެ ސަރުކާރުގެ ވިސްނުން ހުރީ އޭނާއަށް ހައްޤުވާ މުސާރައާއި އިނާއަތްތައް ނުދިނުމަށެވެ. އެކަން ސާފުވެގެން ދިޔައީ ޑިވެލޮޕްމެންޓް ބޭންކުން މިއަދު ނެރުނު ބަޔާނުގައި ނޯއެލް އަށް ދޭންޖެހޭ މުސާރައެއް ނޯންނާނެކަމަށް ބުނެ ނެރުނު ދޮގު ބަޔާނުންނެވެ.
ދިވެހިރާއްޖެއަކީ 2009 ވަނަ އަހަރުން ފެށިގެން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ މެންބަރެއް ގޮތުގައި ހިމެނޭ ޤައުމަކަށް ވުމާއެކު، އައިއެލްއޯގެ އެކިއެކި މުޢާހަދާތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ބިދޭސީ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޒިންމާދާރުވާންޖެހެއެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޙައްޤުތަކުގެ ތެރޭގައި ތަފާތުކުރުން ނުގެންގުޅުމާއި، ހަމަހަމަ އުޖޫރަ ލިބުމާއި، ޢަދުލު އިންޞާފަށް ވާޞިލުވުމުގެ ޙައްޤު ހިމެނެއެވެ.
ނޯއެލް ގްރެގޮރ ޕެޓާސަން-ޖޯންސް އަށް މި މައްސަލާގައި އިންސާފު ނުލިބޭނެއެވެ. ރާއްޖޭގެ ކޯޓަކުން އެކަމެއް ނުވާނެއެވެ. އެހެންކަމުން ބައިނަލްއަޤްވާމީ ކޯޓުތަކަށް މި މައްސަލަ ހުށައެޅިގެންދާނެއެވެ. އައިއެލްއޯ ފަދަ ބައިނަލްއަޤްވާމީ އިދާރާތަކަށް ދިޔުމުން، ނުލިބި ހުރި މުސާރައާއި، އިނާޔަތްތަކާއި، ގެއްލުމުގެ ބަދަލު ހޯދުމަށް މުއިއްޒުގެ ސަރުކާރާއި ދެކޮޅަސް ޙުކުން ކުރާނެއެވެ. މިފަދަ ހާލަތެއްގައި ސަރުކާރުން އުފުލަން ޖެހޭ މާލީ ބުރަ އިތުރުވެ، މިލިއަނުން ރުފިޔާ ޚަރަދުވެ، ޑިވެލޮޕްމަންޓް ބޭންކުގެ ބަޖެޓާއި ޤައުމުގެ މާލިއްޔަތަށް އޭގެ އަސަރު ކުރާނެއެވެ. އަދި މި މައްސަލައަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ލިބިއްޖެ ނަމަ، ބޭރުގެ އިންވެސްޓަރުން ކުރިމަތީ ރާއްޖޭގެ އަގު ވެއްޓި، މުއިއްޒުގެ ސަރުކާރުގެ ދޯދިޔާކަން ހާމަ ވެގެން ދާނެއެވެ.
އައިއެލްއޯ ނުވަތަ އ.ދ. އިން މަސައްކަތްތެރިންގެ މުޢާހަދާތަކާއި މުއިއްޒުގެ ސަރުކާރުން ޚިލާފުވުމުގެ ސަބަބުން، ޤައުމުގެ އަގު ވެއްޓުމާއި ވިޔަފާރިއާއި އެހީ ލިބުމުގައި ރާއްޖެއަށް ދަތިތައް ކުރިމަތިވެގެން ދާނެއެވެ. މުއިއްޒުގެ ސަބަބުން ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު އަދަދު ނުކުރެވޭ މިންވަރަށް ދަނީ ގެއްލުން ލިބެމުންނެވެ.
ޑިވެލޮޕްމެންޓް ބޭންކެއް އަޅަނީ ކަމަށް ބުނެ ރައީސް މުއިއްޒު ހިންގަމުންދާ ސްކޭމުގެ ބޭނުމަކީ މަނީ ލޯންޑަރު ކުރުން ކަމަށް ބެލެވެއެވެ. ގަތަރުގެ ޕްރިންސް އެއްކަމަށް ބުނެ އަރައްބަކު ގެނެސް ފޭކް ކުންފުންޏަކާއި އެކު ހަމަ މި ބޭންކަށް އިންވެސްޓްމެންޓް ހޯދުމުގެ ނަމުގައި މުއިއްޒު ވަނީ އެތައް ސަކަރާތެއްވެސް ޖަހާފައެވެ.