ޚަބަރު

ޗައިނާގެ ސޯލަރ އިންވަރޓަރުތަކުން ސިއްރު މުވާސަލާތީ އާލާތްތަކެއް ފެނިއްޖެ

ދިޔަވަރު
ޗައިނާގެ ސޯލަރ އިންވަރޓަރުތަކުން ސިއްރު މުވާސަލާތީ އާލާތްތަކެއް ފެނިއްޖެ

ޚަބަރު: ރޮއިޓަރސް

އެމެރިކާގައި ބޭނުން ކުރަމުންދާ ޗައިނާގައި އުފައްދާފައިވާ ބައެއް ސޯލަރ އިންވަރޓަރތަކުގެ ތެރެއިން ސިއްރު މުވާސަލާތީ އާލާތްތައް ފެނިއްޖެއެވެ. އަދި މިކަމާއި ގުޅިގެން، ނުރައްކާތެރިކަން އޮތްވަރު ދެނެގަތުމުގެ މަސައްކަތް އެމެރިކާއިން ކުރަން ފަށައިފިއެވެ.

އެމެރިކާގައި ބޭނުންކުރާ، ސޯލަރ ޕެނަލްތަކާއި ޓަރބައިންތަކުން ކަރަންޓު ގްރިޑުތަކަށް ގުޅުވުމަށް ބޭނުންކުރާ އިންވަރޓަރތަކުގެ ބޮޑު ބައެއް އުފައްދަނީ ޗައިނާގައެވެ. މި އިންވަރޓަރތައް ބޭނުންކުރަނީ ބެޓެރީތަކާއި، ހީޓް ޕަމްޕްތަކާއި، އިލެކްޓްރިކް ވެހިކަލް ޗާޖަރުތަކުގައެވެ.

ގްރިޑުތަކަށް ގުޅާފައިވާ އިންވަރޓަރތައް ބަލައި ސެކިއުރިޓީ މައްސަލަތައް ޗެކްކުރާ އެމެރިކާގެ ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި، ބައެއް ޗައިނާ ސޯލަރ އިންވަރޓަރުތަކުގައި ޕްރޮޑަކްޓް ލިޔެކިޔުންތަކުގައި ހިމެނިފައިނުވާ މުވާސަލާތީ އާލާތްތައް ހަރުކުރެވިފައިވެއެވެ. ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ޗައިނާގެ އެކި ސަޕްލަޔަރުންގެ ބެޓެރީތަކުންވެސް ސެލިއުލަރ ރޭޑިއޯފަދަ ލިޔެކިއުންތަކުގައި ހިމަނާފައިނުވާ މުވާސަލާތީ ވަސީލަތްތައް ފެނިފައިވެއެވެ.

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިފަދަ ސިއްރު މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ޗައިނާގައި ތިބޭ ބަޔަކަށް އެމެރިކާގައި ހުރި އިންވަރޓަރުތައް ނިއްވާލުމަށް ނުވަތަ ސެޓިންތައް ބަދަލުކުރުމަށް މަގުފަހިވެއްޖެނަމަ، ކަރަންޓު ގްރިޑްތައް ހަލާކުވެ، ހަކަތައިގެ ވަސީލަތްތަކަށް ގެއްލުންލިބި، ފުޅާ ދާއިރާއެއްގައި ކަރަންޓު ކެނޑިގެން ހިނގައިދާނެއެވެ. "މާނައަކީ އެމެރިކާގެ ބައެއް ކަރަންޓު ގްރިޑް ނައްތާލުމަށް ޗައިނާއަށް ފުރުޞަތު އޮތް" ކަމަށް އެއް މަޞްދަރު ބުނެފައިވެއެވެ.

ޗައިނާގެ ކުންފުނިތަކަށް ޤާނޫނީގޮތުން ޗައިނާގެ އިންޓެލިޖެންސް އިދާރާތަކާ އެއްބާރުލުން ދޭންޖެހޭތީ، އޭގެ ނަތީޖާއަކީ ބޭރު ޤައުމުތަކުގެ ކަރަންޓު ގްރިޑުތަކާ ގުޅާފައިވާ ޗައިނާގެ އިންވަރޓަރުތައް ޗައިނާގެ ސަރުކާރުން ކޮންޓްރޯލްކުރުމުގެ ފުރުސަތު އޮތުމެވެ.

ޔޫރަޕްގައި ގާތްގަނޑަކަށް 3 ނުވަތަ 4 ގިގަވޮޓުގެ ހަކަތަ ކޮންޓްރޯލްކޮށްލައިގެން ވެސް ފުޅާ ދާއިރާއެއްގައި ކަރަންޓު ސަޕްލައިއަށް ދަތިތައް ދިމާކުރުވިދާނެއެވެ. ޔޫރަޕިއަން ސޯލަރ މެނުފެކްޗަރިން ކައުންސިލްގެ އަންދާޒާއަށް ބަލާއިރު، ޔޫރަޕްގައި 200 ގިގަވޮޓަށްވުރެ ގިނަ ސޯލަރ ޕަވަރ ޗައިނާގެ އިންވަރޓަރުތަކާ ގުޅިފައިވެއެވެ - މިއީ 200 އަށްވުރެ ގިނަ ނިއުކްލިއަރ ޕަވަރ ޕްލާންޓުތަކާ އެއްވަރުގެ އަދަދެކެވެ.

ނޮވެންބަރު މަހު، އެމެރިކާއާއި އެހެނިހެން ގައުމުތަކުގައި ހުރި ސޯލަރ ޕަވަރ އިންވަރޓަރުތައް ޗައިނާއިން ޑިސޭބަލްކުރެވުނު ހާދިސާއިން، ބޭރު ޤައުމުތަކުން އެތެރޭގެ ކަރަންޓު ސަޕްލައިއަށް އަސަރުކުރުމުގެ ނުރައްކާ ހާމަވެ، ސަރުކާރު އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރޫސްވެލްޓް، ލިތުއޭނިއާ އަދި އިސްޓޯނިއާފަދަ ޤައުމުތަކުން މިހާރު ހަކަތައިގެ ސަލާމަތާ ގުޅޭ ކަންބޮޑުވުންތައް ގަބޫލުކޮށް، ޗައިނާގެ އިންވަރޓަރުތަކުގެ ބޭނުންކުރުން ހަނިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ލިތުއޭނިއާގައި ނޮވެންބަރު މަހު ޤާނޫނެއް ފާސްކޮށް، 100 ކިލޯވޮޓަށްވުރެ ބޮޑެތި ސޯލަރ، ވިންޑް އަދި ބެޓެރީ އިންސްޓޮލޭޝަންތަކަށް ޗައިނާއިން އެކްސެސްވުން މަނާކޮށްފައިވެއެވެ. އިނގިރޭސި ސަރުކާރުންވެސް ހަކަތައިގެ ނިޒާމުގައި ޗައިނާގެ އައު ޓެކްނޮލޮޖީއާ ގުޅޭގޮތުން މުރާޖަޢާއެއް ކުރަމުންދާއިރު، އިންވަރޓަރުތައްވެސް އޭގެތެރޭގައި ހިމެނެއެވެ.

ނޭޓޯގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ ޗައިނާއިން މެންބަރު ޤައުމުތަކުގެ މުހިންމު އިންފްރާސްޓްރަކްޗަރ - އިންވަރޓަރުތައް ހިމެނޭގޮތަށް - ކޮންޓްރޯލްކުރުމުގެ މަސައްކަތް އިތުރުވަމުން އަންނަ ކަމަށާއި، ސްޓްރެޓީޖިކް ބަރޯސާވުންތައް ދެނެގަނެ، އެކަން ކުޑަކުރުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.