ރާއްޖޭގައި ދިރިއުޅޭ ވާލާއި ކާޅު ގުނާ އަދަދުކޮށް ބެލެހެއްޓުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އާއި އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީން މަޝްވަރާކޮށްފިއެވެ.
މިފަދައިން މަޝްވަރާކުރެވުނީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް ދެ އިދާރާގެ ދެމެދުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައެވެ. ދުނިޔޭގައި އާންމުކޮށް މިކަމަށް ހައްލު ހޯދާ ގޮތަކީ ވާލަށް ބަޑި ޖަހައިގެންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ކަމަކީ މަޝްވަރާކޮށް، ވާލާއި ކާޅު ގުނުމެވެ. މި ދާވަރުން ދާނަމަ، ކޮންމެ ރައްޔިތަކާއި ވާލެއް ޖާމިނު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުގެ ތިބި މީހުންގެ ފެންވަރަކީ، ށ ބަސް ހެދުމާއި، ޅެމުން ފަރުވާ ދިނުމާއި، ހާލާއި ކާޅު ގުނުމެވެ. ދޮޅު އަހަރު ވީއިރު ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތެވެ. މިދިޔަ އަހަރު ނިމެން އުޅެނިކޮށް މަޝްރޫއުތައް ރަށްރަށުގައި ފެށޭނެ ކަމުގެ ޔަގީން ކަން ދިނުމުގެ ގޮތުން މުއިއްޒު ދަތުރު ކުރެއްވިއެވެ. އޭގެ ކުރިން އިންތިހާބުގައި މަޝްރޫޢުތައް ފަށާނެ ކަމުގެ ވައުދުވިއެވެ. ދެން ރަށްރަށަށް ދާނީ މަސައްކަތް ފެށުމަށް ކަޑަ ޖަހާށެވެ.
މިދިޔަ ހަފްތާގައި ބޭއްވުނު "އަހާ" ފޯރަމްގައި ވާލައި ކާޅުގެ އުނދަގުލާއި ބެހޭގޮތުން މިނިސްޓަރ މާރިއާއާއި ކުރިމަތިވި ސުވާލުގެ ފަހުން މި މައްސަލައިގެ އަޑު ވަނީ ގަދަވެފައެވެ.
އަހާ ފޯރަމުގައި މިނިސްޓަރ ވިދާޅުވީ ވާލާއި ކާޅާއި އެކު އުޅެން ދަސްކުރަންޖެހޭ ކަމަށާއި އެތަކެތި މަރަން ބޭނުންނުވާކަމަށެވެ.
ނަމަވެސް މިނިސްޓްރީއާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އީޕީއޭ އިން ޚިޔާލު ދީފައިވަނީ ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެ އެހެން ގޮތެއް ނެތް ނަމަ އެ އެއްޗިހި މެރުމަށެވެ.
ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއެއްޗިއްސަށް ބަޑިޖަހައި މެރުމުގެ މަސައްކަތް އެމްއެންޑީއެފުން އާއްމުގޮތެއްގައި ކުރެއެވެ. އެކަން ހުއްޓުވީ ރައީސް މުއިއްޒުއެވެ. އެއީ ދަނޑުވެރިންނަށް ދަނޑުގޮވާން ކުރެވެން އޮތް މަގު ބަންދުކޮށް ހާލުގައި ޖައްސައި ސަރުކާރަށް ސަލާން ޖަހާވަރު ކުރުވައި ހުރިހާ ވޯޓު ގަނެލެވޭ ވަރަށް ޤައުމު ނިކަމެތި ކޮށްލުމަށެވެ.