ޚަބަރު

ހައްޖު ކޯޓާއިން މުއިއްޒު ވައްކަން ކޮށް %32 މީހުން ހައްޖުން މަހުރޫމް ކޮށްފި! މީހުންގެ ހައްޖު ވަގަށް ނަގާ މީހުންނާއި، ވަގު ހައްޖު ކުރާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާށި! އާމީން

ދިޔަވަރު
ހައްޖު ކޯޓާއިން މުއިއްޒު ވައްކަން ކޮށް %32 މީހުން ހައްޖުން މަހުރޫމް ކޮށްފި! މީހުންގެ ހައްޖު ވަގަށް ނަގާ މީހުންނާއި، ވަގު ހައްޖު ކުރާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާށި! އާމީން

ހައްޖަށް ދިއުމަށް މިއަހަރުވެސް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފައިވަނީ 1,000 ކޯޓާއެވެ. މިދިޔަ އަހަރު ދިން ކޯޓާގެ އަދަދަކީ 1,151 އެވެ. ނަމަވެސް، ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި، ހައްޖަށް ދިއުމުގެ އިންތިޒާރުގައި ތިބި މީހުންގެ އަދަދު 5,000 އަށް ވުރެ ގިނައެވެ. މީގެ 11 އަހަރު ކުރިން ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންވެސް އަދިވެސް ތިބީ އެ ފުރުޞަތަށް އިންތިޒާރުގައެވެ.

މިފަދަ ދިގު ކިއުއެއް އޮތްނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ޙަޤީޤަތަކީ މުޅިން އެހެން މަންޒަރެކެވެ. ހައްޖަށް ދިއުމުގެ އިންތިޒާރުގައި ތިބި ގިނަ ބަޔަކު ފަހަތަށް ޖެހޭގޮތަށް، ކޮންމެ އަހަރަކުވެސް ސަރުކާރުން ކޯޓާތަކެއް ވަގަށް ނަގައެވެ.

ހައްޖުގެ ފުރުޞަތު ނިގުޅައިގަތުމުގެ ނުބައިކަން

މީހެއްގެ ހައްޖުގެ ފުރުޞަތު ނިގުޅައިގަތުމަކީ ޙަޤީޤަތުގައި ބޮޑު ޖަރީމާއެކެވެ. ދީނީ ވާޖިބެއް އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ޢާންމު ރައްޔިތުންގެ ޙައްޤު ފަހަތަށް ޖައްސައި، ކަނޑައެޅިގެން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ހިންގާ މި ކޮރަޕްޝަނަކީ ހިތާމަހުރި ކަމެކެވެ. މި ބާވަތުގެ ފަރާތްތެރިކަން ދައްކައި ތަފާތުކުރުން ގެންގުޅުމަކީ އިސްލާމްދީނުގެ ހަމަހަމަކަމުގެ އުސޫލުތަކާ ސީދާ ފުށުއަރާ ޢަމަލެކެވެ. އަހަރުތަކެއް ވަންދެން ހައްޖަށް ދިއުމުގެ އުއްމީދުގައި ފައިސާ ރައްކާކޮށް، ހައްޖު ކޯޕަރޭޝަނަށް ދައްކައި، ވަގުތާއި މުއްދަތު ހޭދަކޮށްފައިވާ ރައްޔިތުންގެ ފުރުޞަތު ސިޔާސީ ނުފޫޒާއި ތިމާގެ ކަމުގެ ގުޅުންތަކުގެ މައްޗަށް ބަލައި އެހެން ބަޔަކަށް ދިނުމަކީ އަޚްލާޤީ ގޮތުން ވިސްނިޔަސް، އިސްލާމީ ނަޒަރަކުން ބެލިޔަސް އަދި ޤާނޫނީ ހަމަތަކުން ވިސްނާލިޔަސް މުޖުތަމަޢުގައި ނުބައި ނަމޫނާއެއް ދައްކާ، އެކަން ކުރާ ފަރާތްތައް ޖަވާބުދާރީކުރުވަންޖެހޭ ބޮޑު ނުބައި ފާފައެކެވެ. އަދި މި ނުބައި ފާފަ ކުރާ ފަރާތްތަކަށް މާތްﷲ ލައުނަތް ލައްވާށިއެވެ. އާމީން.

ސަރުކާރު ރިޒާވް ކޯޓާގައި 300 އަށް ވުރެ ގިނަ މީހުން

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިދިޔަ އަހަރު ހައްޖު ކޯޕަރޭޝަނުން ހޯދާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދިގު ކިއު އޮތްނަމަވެސް ކޮންމެ އަހަރަކުވެސް ލިބޭ ހާހެއްހާ ކޯޓާއިން ސަރުކާރުން ކޯޓާތަކެއް ނަގައެވެ.. ސަރުކާރަށް ޚާއްޞަކުރާ ކޯޓާތަކުގައި ފޮނުވަނީ މުއިއްޒު އަންގާ ބައެކެވެ.

ކިއުގައި ތިބި މީހުންގެ ތެރެއިން ހައްޖަށް ގެންދިޔައީ 683 މީހުންނެވެ. ސަރުކާރުން މުއިއްޒު ވަގަށް ނެގި ކޯޓާގައި 379 ވަގުން ހައްޖަށް ފޮނުވިއެވެ. ކޯޕަރޭޝަނުގެ އެހީތެރިންގެ ގޮތުގައި 89 މީހުން ފޮނުވިއެވެ. ކޮންމެ 12 މީހަކަށް އެހީތެރިއެކެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1,151 މީހުންގެ ތެރެއިން 32% އަކީ ސަރުކާރުން ކޯޓާއިން ވައްކަން ކޮށްގެން އެތައް ބައެއްގެ ޙައްޤަށް އަރައިގެން ހައްޖަށް ދިޔަ އަނިޔާވެރި ބައެކެވެ. މީގެ ތެރޭގައި ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ އަހަރު ހައްޖަށް ފޮނުވި 50 ފަޤީރުންވެސް ހިމެނެއެވެ. ފަޤީރުންނަށް ހައްޖަށް ވާޖިބެއް ނޫނެވެ. ވާޖިބު ހައްޖެއް ކުރަން ހުރި މީހަކަށް ފުރުޞަތު ނުދީ ފަގީރެއްގެ ނަމުގައި މުއިއްޒު ބޭނުންވާ މީހުންނަށް ހައްޖަށް ފޮނުވުމަކީވެސް ހަމަ ބޮޑު ފާފައެކެވެ.

ސަރުކާރުން ވަގަށް ނަގާ ކޯޓާގައި ހައްޖަށް ދަނީ ރައީސް ނިންމަވާ ފަރާތްތަކެވެ. އެ ލިސްޓު ތައްޔާރުކުރަނީ ރައީސް އޮފީހުންނެވެ. އެއަށްފަހު، މިނިސްޓްރީން އެ ލިސްޓު ހައްޖު ކޯޕަރޭޝަނަށް ފޮނުވައެވެ.

ވަގަށް ނަގާ ކޯޓާއިން ގިނައިން ވަގު ހައްޖު ކުރަނީ ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިން އަދި މުއިއްޒުގެ ޢާއިލާއާ ގުޅުން ބަދަހި ފަރާތްތަކެވެ. ވަގަށް ނަގާ ހައްޖު ކޯޓާގައި ބައެއްފަހަރު ކުންފުނިތަކުން ހައްޖަށް ފޮނުވާ މުވައްޒަފުންވެސް ހިމެނެއެވެ.

ވަގަށް ނަގާ ކޯޓާއިން ދުވަހަކުވެސް ހައްޖަށް ދާން ފައިސާ ދައްކާފައި ނުވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ އިތުރުން މުއިއްޒުގެ އަނިޔާވެރިކަން ހުރި މިންވަރަކީ ކިޔު ފަޅާފައި މާފަހު އަހަރެގައި ފައިސާ ދައްކާ މީހުންނަށްވެސް، މުއިއްޒު ބޭނުންވެއްޖެ ހިނދެގައި ހައްޖަށް ދެވޭ ގޮތް ހެދުމެވެ.

މިދިޔަ އަހަރު ހައްޖު ކިއުން ޖާގަ ލިބުނު އަދަދުތައް:

  • 2018ގައި ފައިސާ ދެއްކި: 327 މީހުން
  • 2017ގައި ފައިސާ ދެއްކި: 79 މީހުން
  • 2016ގައި ފައިސާ ދެއްކި: 38 މީހުން
  • 2015ގައި ފައިސާ ދެއްކި: 31 މީހުން
  • 2014ގައި ފައިސާ ދެއްކި: 34 މީހުން

ކޯޕަރޭޝަނުން އެހީތެރިންގެ ގޮތުގައިވެސް އެކަށީގެނުވާ ގިނަ އަދަދަކަށް މީހުން ހައްޖަށް ދާއިރު، ސަރުކާރުން ހައްޖު ކޯޓާ އިތުރަށް ވަގަށް ނަގައި އެތައް ސަތޭކަ ބަޔަކު ފޮނުވަން ޖެހޭ ސަބަބެއް ނެތެވެ.

މި އުސޫލާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ ސުވާލުކުރުމުން އެއްވެސް ބަހެއް ދެއްވާފައެއް ނުވެއެވެ.