ޚަބަރު

މުލީ އެއަރޕޯޓުގެ ބިން ހިއްކީ ރައީސް ޔާމިންގެ ވެރިކަމުގަ, އެމްޑީޕީގެ ވެރިކަން ބަދަލުވިއިރު އެެއަރޕޯޓުގެ %60 ވަނީ ނިމިފަ, މުލީ ރައްޔިތުންގެ ފަރާތުން ދިން ހަނދާނީ ފިލައާ ހަވާލުވާން މުއިއްޒު ލަދެއް ނުގަތް!

ދިޔަވަރު
މުލީ އެއަރޕޯޓުގެ ބިން ހިއްކީ ރައީސް ޔާމިންގެ ވެރިކަމުގަ, އެމްޑީޕީގެ ވެރިކަން ބަދަލުވިއިރު އެެއަރޕޯޓުގެ %60 ވަނީ ނިމިފަ, މުލީ ރައްޔިތުންގެ ފަރާތުން ދިން ހަނދާނީ ފިލައާ ހަވާލުވާން މުއިއްޒު ލަދެއް ނުގަތް!

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އަޅަން ފަށާ, އެމްޑީޕީގެ ވެރިކަން ބަދަލުވިއިރު %60 މަސައްކަތް ނިންމާފައިވާ މުލީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި, ރައީސް މުއިއްޒުއަށް ޚާއްސަ އެވާޑެއް އަރުވައިފިއެވެ.

މުލީ ރައްޔިތުންގެ ފަރާތުންނާއި އަދި އެމްޓީސީސީގެ ފަރާތުން މުއިއްޒުއަށް މި އެވާޑް އެރުވީ އެ އެއަރޕޯޓު އެޅުމަށް މުއިއްޒު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ބުނެއެވެ.

އެހެންނަމަވެސް, މުލީ އެއަރޕޯޓު އެޅުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކޮށްދެއްވާފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައާއި ރައީސް ސާލިހުގެ ވެރިކަމުގައެވެ. އެއަރޕޯޓު އެޅުމަށް ބިން ހިއްކަން ފެށީ 2014 ވަނަ އަހަރުއެވެ. ރައީސް ޔާމިން ދައުރުގައި އެއަރޕޯޓު އެޅުމަށް ބިން ހިއްކުމަށްފަހު އެއަރޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ހަމަ އެއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އެކުންފުނިން ވަނީ ފަށާފައެވެ.

މުލީގައި 14 ހެކްޓަރުގެ ބިން ހިއްކައި 1,812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިފައިވެއެވެ. މިހުރިހާ މަސައްކަތެއްވެސް ނިންމާފައިވަނީ މުއިއްޒު ވެރިކަމާ ހަވާލުވުމުގެ ކުރިންނެވެ.

އެހެންނަމަވެސް މުލީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމިންއަށްވެސް އަދި ރައީސް ސާލިހުއަށްވެސް ޝުކުރު އަދާކުރުމަކާ ނުލާ, މުއިއްޒު އަވަސް ވެގަތީ, އެއަރޕޯޓު އެޅީ މުއިއްޒުގެ ވެރިކަމުގައިކަމަށް މޭރުންކޮށް, އެއީ ހަމައެކަނި މުއިއްޒު ކުރި މަސައްކަތެއް ކަމަށް ދެއްކުމަށް, މުލީ ރައްޔިތުންގެ ނަމުގައާއި އަދި އެމްޓީސީސީގެ ނަމުގައި އެވޯޑެއް އަރުވާ އެ އެވާޑާއި ހަވާލުވުމަށެވެ.

މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ފަށާފައި ނުވާއިރު, މުއިއްޒު ގެންދަވަނީ ރައީސް ސާލިހުގެ ވެރިކަމުގައި ފެށި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް, އެމަޝްރޫޢުތަކުގެ "ކުރެޑިޓް" ނަގަމުންނެވެ.

ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މުއިއްޒު ފާހަގަވެފައިވަނީ, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހުވެސް އޮޅުވާލުމާއި ދޮގާއި މަކަރާއި ހީލަތުން ވެރިކަން ކުރަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.