މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައިޓީ އޮފިސަރު މުޙައްމަދު ފަޒީލް ވެސް މަޤާމުން ސަސްޕެންޑް ކޮށްފިއެވެ. މައުލޫމާތު ލިބުނުގޮތުގައި ފަޒީލް މަޤާމުން ސަސްޕެންޑްކޮށްފައިވަނީ 07 ދުވަހުގެ މުއްދަތަށެވެ.
ބްރޯޑްކޮމްގެ ސީނިއާރ މުވައްޒަފަހު ނަން ހާމަނުކުރަން ޝަރުތުކޮށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ބްރޯޑްކޮމްގެ ސާރވާރއަކީ އިރުއިރުކޮޅާ ޑައުންވެފައި އޮންނަ އެއްޗެއްކަން ކޮމިޝަނަރުންނަށާއި ތަނުގެ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
އަދި އެތަނުން ދުވާލަކު ދެތިން ފަހަރު ކަރަންޓްވެސް ވެސް ކެނޑޭނެކަމަށާއި އެއީ ހައްލުނުވެ އޮތް، ކޮމިޝަނަރުން ފަރުވާކުޑަކޮށްފައި އޮތް ކަމެއްކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައިޓީ އޮފިސަރ ފަޒީލް ދުވާލަކު ދެތިން ފަހަރު ސާރވާގެ މަސައްކަތުގައި އަވަދިނެތި އުޅުއްވާ ކަމަށާއި ބުދަ ދުވަހު ސާރވާ ޑައުންވި ވަގުތަކީ މުވައްޒަފުން ހަޅުތާލުކޮށް މަސައްކަތްނުކޮށް ގެއަށްގޮސްފައިވަނިކޮށް ދިމާވިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބްރޯޑްކޮމްގެ ސާރވާ ޑައުންވުމާއި ގުޅިގެން ބުދަ ދުވަހު ޕޮލިހުންގެ އެހީގައި އެމަސައްކަތްވެސް ކުރިކަމުގެ މަޢުލޫމާތު ނޫހުން ފެނިފައިވާ ކަމަށާއި އެމައްސަލައާއި އައިޓީ އޮފިސަރ އާއި ގުޅުވައިގެން އެބޭފުޅާ ސަސްޕެންޑް ކުރުމަކީ ދެރަކަމެއް ކަމެއް ކަމަށެވެ. އަދި އެއީ ސީދާ އިތުރަށް މުވައްޒަފުން ދެރަކޮށް، ނިކަމެތިކޮށް ކޮމިޝަނަރުންގެ ބާރުގަދަ ކަމަށް ދައްކަން ކުރި ވަރަށް ނާތަހުޒީބުކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ފަރާތުން ވިދާޅުވީ މިހާރު ފަޒީލް ޕޮލިހަށް ހާޒިރުކޮށް ބަޔާން ނެގުމަށް ކޮމިޝަނަރުން މަސައްކަތްކުރަމުންގެންދާ ކަމަށާއި އަދިވެސް މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންނާއި ވާހަކަދައްކައި ޙައްލުހޯދުމުގެ ޤާބިލުކަމެއް އެބޭފުޅުންގެ ނެތްކަމީ ދެރަވަރުކަމެއް ކަމަށެވެ.
ބްރޯޑްކޮމްގެ އައިޓީ އޮފިސަރ ފަަޒީލް ސްސަޕެންޑް ކުރިއިރު، ބުދަ ދުވަހު ވަނީ ބްރޮޑްކާސްޓިން ކޮމިޝަންގެ އެސްޖީ މަރިޔަމް ޒީނިޔާ ވެސް ސަސްޕެންޑްކޮށްފައެވެ. ޒީނިއާ ސަސްޕެންޑް ކުރީ މި މަހުގެ 20 ވީ އަންގާރަ ދުވަހު ހެނދުނު ކޮމިޝަންގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި އޭނާގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ނިންމުމަށް ފަހުއެވެ. ޒީނިޔާ ސަސްޕެންޑްކުރީ 3 ދުވަހުގެ މުއްދަތަކަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުންނާއި މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން، ނުވަ މުވައްޒަފުން އިއްޔެ ވަނީ މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ގޮސްފިއެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން އިއްޔެ މަސައްކަތް ނުކޮށް ގެއަށް ގޮސްފައިވާއިރު, މުއިއްޒު ގެންދަވަނީ މިނިވަން ކޮމިޝަތަކަށް ސިޔާސީ އެކްޓިވިސްޓުން ލަމުންނެވެ. އެގޮތުން އެންމެ ފަހުން މުއިއްޒު މިނިވަން ކޮމިޝަންއަކަށް އައްޔަން ކޮށްފައިވާ ފަރާތަކީ ފިލްމުކުޅޭ މުހައްމާއެވެ. އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކޮށްފައި ވީނަމަވެސް, އޭނައަކީ އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތް މީހެއްކަން ފާހަގަކޮށްލެވެއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, މުއިއްޒު ގެންދަވަނީ ބްރޯޑް ކާސްޓިން ކޮމިޝަންގެ އިދާރީ އިސް މުވައްޒަފުންގެ ގޮތުގައި ތިބި އިސް ބައެއް ފަރާތްތަކަށް ވަޒީފާއިން ވަކިކުރުމަށްފަހު ޕީއެންސީގެ ބައެއް އެކްޓިވިސްޓުން އެ ވަޒީފާތަކަށް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންނެވެ.