2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީކާޑު ހެދުމުގެ ޚިދުމަތް ލިބޭނެކަމަށް މުއިއްޒު ވީ ވައުދު ފުއްދުމަށް, ރަށްތަކުގައި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ތައާރަފް ކުރާ ކަމަށް ބުނެ ޑީއެންއާރުން ދަނީ އޮޅުވާލަމުންކަމުގައި ގިނަ ރަށު ކައުންސިލްތަކުން ބުނެފިއެވެ.
ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް, ޑީއެންއާރުން ދަނީ, ރާއްޖޭގެ އެކި ރަށްތަކުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފިކަމަށް ބުނެ, މީޑިއާތަކުގައި ޚަބަރު ފަތުރަމުންނެވެ. އަދި ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް ރަށަކަށް ޑީއެންއާރުގެ އޮފިޝަލަކު ވަޑައިގެން, އެރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށިކަމަށް ބުނެ ފޮޓޯ ނެގުމަށްފަހު މީޑިއާތަކަށް ޚަބަރު ދެއެވެ.
ޑީއެންއާރުން މިމަސައްކަތް ފަށާފައިވަނީ މުޢިއްޒުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި ވައުދު ފުއްދުމުގެ ގޮތުންނެވެ. 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީކާޑު ހެދުމުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޑީއެންއާރުން ބުނެފައިވެއެވެ.
އެހެންނަމަވެސް, އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ތައާރަފް ކުރާ ކަމަށް ބުނެ ޑީއެންއާރުން މަސައްކަތް އިފްތިތާހު ކޮށްފައިވާ ގިނަ ރަށްތަކުގައި އެ ޚިދުމަތް ދޭނެ ސަމާނުވެސް ނެތްއިރު, އެމަސައްކަތަށް ޚާއްސަކުރެވޭ މުވައްޒަފުންނަށް ދޭނެ މުސާރަވެސް މިހާތަނަށް އައިއިރު ޑީއެންއާރުން ހަމަޖައްސާ ދީފައި ނުވާކަމުގައި, ޑީއެންއާރުން މި ޚިދުމަތް ފަށާފައިވާކަމަށް ބުނެފައިވާ ގިނަ ކައުންސިލްތަކުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވެއެވެ.
ކައުންސިލްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި, ޑީއެންއާރުގެ ހަގީގީ މަގުސަދަކީ, މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީކާޑު ހެދުމުގެ ޚިދުމަތް ލިބޭނެކަމަށް މުއިއްޒު ވެފައިވާ ވައުދު ފުއްދިއްޖެކަމަށް ދެއްކުމެވެ. އަދި މިއީ މުއިއްޒުގެ ވައުދެއް ފުއްދިއްޖެކަމަށް ދެއްކުމަށް, ޑީއެންއާރުން ހިންގާ ބޮޑު ސްކޭމެއް ކަމުގައިވެސް ކައުންސިލްތަކުން ބުނެފައި ވެއެވެ.
ރިޔާސީ އިންތިޚާބުގައި މުއިއްޒު ވެފައިވާ ގިނަ ވައުދުތައް ފުއްދިއްޖެކަމަށް ދެއްކުމަށް ސަރުކާރުގެ ވުޒާރާތަކުން ދަނީ ދޮގުހަދާ, ހިސާބުތައްވެސް އޮޅުވާލަމުންނެވެ.