ދިވެހިރާއްޖެއިން މި އަހަރު ހައްޖަށް ފުރާ މީހުންގެ އަދަދާއި ސަރުކާރުގެ ބޭނުމަށް ނެގި ހައްގު ކޯޓާގެ އަދަދު ހާމަ ކުރަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދެކޮޅު ހަދައިފި އެވެ.
އެ މައުލޫމާތުތައް ހޯދަން ދުވަހު ނޫސް "އަދަދު" އިން ހައްޖު ކޯޕަރޭޝަނަށް މެއި 18 ވަނަ ދުވަހު އެދިފައި ވެއެވެ. އެހެންނަމަވެސް އެ ނޫހަށް އެ މައުލޫމާތު ދިނުމަށް ހައްޖު ކޯޕަރޭޝަންއިން ވަނީ ދެކޮޅު ހަދާފައެވެ. އެނގިފައިވާ ގޮތުގައި އެމައުލޫމާތު އާންމު ނުކުރުމަށް މުއިއްޒުވަނީ ހައްޖު ކޯޕަރޭޝަންއަށް އަންގާފައެވެ.
މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. އެހެންނަމަވެސް މި ކޯޓާގެ ތެރެއިން ސަރުކާރުން ބޭނުންވާ އެތައް ބަޔަކަށް ފުރުސަތު ދީފައިވާއިރު, އެއީ ކިހާ އަދެއްކަން ހާމަކުރުމަށް ހައްޖު ކޯޕަރޭޝަންއިން ވަނީ ދެކޮޅު ހަދާފައެވެ.
ދިވެހި ހައްޖުވެރިން ހައްޖަށް ފުރާނީ މެއި 26، މެއި 27، މެއި 29، މެއި 30، ގަ އެވެ. ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ދެ ބޯޓުގައި އަދި ސައުދީ އެއާގެ ދެ ބޯޓެއްގަ އެވެ.
ދިވެހި ހައްޖުވެރިން ހައްޖު ދަތުރުގައި އާންމުކޮށް 20 ނުވަތަ 25 ދުވަސް ހޭދަ ކުރެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މުއްދަތު މިފަހަރު އެންމެ 15 ދުވަހަށް ކުޑަކޮށްފަ އެވެ. ހައްޖު ދަތުރުގެ މުއްދަތު މަދު ކުރި ނަމަވެސް ހައްޖުވެރިންނަށް ޑިސްކައުންޓެއް ލިބިފައެއް ނުވެ އެވެ.
ހައްޖު ދަތުރު ކުރު ކުރި ނަމަވެސް ސަރުކާރުގެ ބޮޑު ވަފުދެއް މިދިޔަ ހަފުތާގައި ވަނީ ހައްޖަށް ފުރައިފަ އެވެ. އޭގެ ތެރޭގައި ޕީއެސްއެމްގެ ޓީމަކާއި އިސްލާމިކް މިނިސްޓްރީގެ މީޑިއާ ޓީމެއް ވެސް ހިމެނެ އެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ގިނަ ބަޔަކުވެސް ހައްޖަށް ސަރުކާރުގެ އެހީގައި ގޮސްފައިވާކަން, އެފަރާތްތަކުން ސޯޝަލް މީޑިއާގައި އާންމު ކުރަމުންދާ މައުލޫމާތުން އެގެން އެބަހުއްޓެވެ.
މިސަރުކާރުން ދަނީ ކޮންމެ އަހަރެއްގެ ހައްޖު ކޯޓާއިންވެސް ވައްކަންކޮށް, ހައްޖުގެ މަތިވެރި އަޅުކަމުން ވައްކަން ކުރަމުންނެވެ.