ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑްރޯންއެއް ޓެސްޓުކުރުމަށް އަރުވަން ހުރި ނޫސްވެރިޔަކަށް ފުލުހުންގެ ފަރާތުން އަނިޔާ ކޮށް، މީޑިއާ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މުއިއްޒު ކުރާ ނަފްރަތުގެ ނަމޫނާއެއް ދައްކާލައިފިއެވެ.
ވަން އޮންލައިންގައި މަލްޓި މީޑިއާ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދާން އަހުމަދު އޭނާގެ ފޭސްބުކް އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި، ޑްރޯން ޓެސްޓު ކުރުމުގެ ބޭނުމަށް ހަތް ފޫޓުގެ އުސް މިނަށް އެރުވުމުން، ދެ ފުލުހަކު އައިސް "ހުއްދަ ނެތް ނަމަ އެކަން ނުކުރަން" އެންގިއެވެ.
ހަމްދާން ހުއްދަ ދެއްކުމަށް އެދުމުން "އެ ނެތް" ކަމަށް ބުނެ، މައުލޫމާތު ފުލުހުންނަށް ދިނެވެ. ހަމްދާން ދިޔައީ ފުލުހުންގެ ހުރިހާ އަމުރުތަކަކަށް ކިޔަމަތް ކަން ދައްކަމުންނެވެ. ފުލުހުންގެ އެއްވެސް އަމުރަކަށް ނުކިޔަމްތެރިވެފައެއް ނުވެއެވެ. ނަމަވެސް އައިޑީ ކާޑާއި ވޮލެޓް ދެއްކުމުން، "ތިއީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ" ކަމަށް ބުނެ، ފުލުހުން ހަޑިހުތުރު ބަހުން ވާހަކަދެއްކަން ފެށިއެވެ.
ޕްރެސް ކާޑު ފެނުމުން ފުލުހުން ހަމްދާނަށް "ނޫސްވެރިޔަކަސް ނުފުއްޕޭނެ" ކަމަށް ބުނެ، އަދިވެސް ހަޑިހުތުރު ބަހުން މުހާތަބުކޮށްފައި ވެއެވެ. މި ވާހަކަތައް ހަމްދާން ފޭސްބުކްގައި ލައިވްކޮށްފައިވާއިރު، ފުލުހުން ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑު ވީޑިއޯއިން ސާފުކޮށް އިވެ އެވެ.
ބާރުގެ ބޭނުން ކޮށްގެން ހައްޔަރުކުރުން
ހަމްދާން އެތަނުން ގެއަށް ދާން ހިނގަން ފެށުމުން، ފުލުހުން ކާރެއް ގެނެސްގެން އޭނާ ހައްޔަރުކޮށްފައި ވެއެވެ. ބިޑި އެޅުވުމަށް ފަހު، ބާރުގެ ބޭނުން ކޮށްގެން ކާރަށް ވައްދާފައިވެއެވެ.
ހަމްދާނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، މެސް ރޫމަށް ވައްދާފަ އެވެ. އެތަނުގައި މޫނު މަތީ ތަޅާ އަނިޔާކޮށް، ކަރުގައި ހިފާ ނޭވާ ހާސްކޮށްފައި ވެއެވެ. ފަސް ފުލުހަކު އޭނާ ތެޅިކަން ހަމްދާން ބުނެފައިވެ އެވެ. މުއިއްޒުގެ ސަރުކާރުން ދަނީ މި އަނިޔާވެރި ދެތިން ފުލުހުން ހިމާޔަތް ކުރަމުންނެވެ.
ނޫސްވެރިންނަށް ނަފްރަތް
ފުލުހުން ހަމްދާނަށް "ނޫސްވެރިއެއް ވީމަ ރަނގަޅަށް ތަޅާލަން ވާނެ" ކަމަށް ބުނެ، ވަރަށް ރަނގަޅަށް ވަނީ ތަޅާ ރޯނާ އަރުވާލާފައެވެ. "ނޫސްވެރިންނަކީ ފުލުހުންނަށް އޮތް ބަލާވެރިކަމެއް" ކަމަށް ބުނެފައިވާކާން ހަމްދާނުގެ ޕޯސްޓުގައި ވާތަން ފެނެ އެވެ.
އަދި ހަމްދާން ގެ ފޭސްބުކުގައި ލައިވްކުރި ވީޑިއޯ ޑިލިޓުކުރުވަން ފުލުހުން މަސައްކަތް ކޮށް، އެކަން ނުވުމުން "ފުލުހަކަށް ހަމަލާދިން" ކަމުގެ ދައުވާކުރާނެ ކަމަށް ބުނެ ބިރުދެއްކާފައިވެސް ވެއެވެ.
މިއީ ފުލުހުންގެ ތެރެއިން މަދު ބަޔަކު ކުރާ ކުށްތަކާއި، އަނިޔާތައް ހިމާޔަތް ކުރުމަށް މުއިއްޒު އާއި އިހްސާން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ނުކުންނަ ނަތީޖާއެވެ.
މުއިއްޒުގެ ސަރުކާރުން މި މައްސަލަ އޮއްބާލުން
ރައީސް މުއިއްޒުގެ ސަރުކާރުންނާއި ފުލުހުންގެ އިދާރާއިން ދަނީ މި ދެތިން ފުލުހުން ހިންގި ކުށް ފޮރުވަމުންނެވެ.
ފުލުހުންގެ މީޑިއާ ޓީމުން އިއްޔެ ފޮނުވި މެސެޖެއްގައި، މިހާތަނަށް ބެލި ބެލުމުން "އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ" ކަމަށް ބުނެފައިވެ އެވެ.
މި ހާދިސާ އިން މި ސަރުކާރުން، ނޫސްވެރިންނާއި މެދު އޮތް ނަފްރަތާއި، މީޑިއާގެ މިނިވަން ފޭރި ގަނެ، ނޫސްވެރިންނަށް އަނިޔާ ކުރަން ފުރުޞަތަކަށް ބަލަބަލާ އޮތް ވަރު ފެނިގެން ދެއެވެ.
މިހާދިސާ ހިނގުމުގެ 3 ދުވަސް ކުރިން ފުލުހުން ވަނީ މީޑިޔާއަށް ކެއުމެއް ބާއްވާފައެވެ. މިފަދަ ކަންކަން މިހެން ކުރާކުރުމަށް ދިވެހި ބަހުން ކިޔަނީ ފެންދީފަ ކަތިލުމެވެ.