މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ކަށްބިން ކޮނެ ސާފުކުރި މާފަންނު ސަހަރާގެ ބޮޑު ބައިގައި ޕާކަކާއި ބާސްކެޓު ކޯޓެއް އަޅަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ. މިކަން އިއުލާން ކޮށްފައި މިވަނީ، މީގެ ކުރިން މިވާހަކަ ތިލަވެ، އާދަން އާޒިމަށް ފާޑު ކިޔުން އަމާޒުވުމުން، މިކަން ނުކުރާނެ ކަމަށް ހަމަ މި ކައުންސިލުން ބުނެ މީޑިޔާއަށް ހާމަ ކުރުމަށް ފަހުގައެވެ. ރައީސް މުއިއްޒު ކަން ކުރައްވާހެންނެވެ.
މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދު ހުސްކުރަން ސިޓީ ކައުންސިލުން ނިންމީ އޯގަސްޓު 27، 2019 ގަ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އާދަން އާޒިމްގެ މޭޔަރު ކަމުގައި، މުޅި މާފަންނު ރައްޔިތުންގެ ނުރުހުމުގައެވެ. އަދި މާލެ އާއި، މުޅި ރާއްޖޭގެ ނުރުހުމުގައެވެ. ނަމަވެސް ރާއްޖެއަށް ބޮޑު ވެފައިވާ ޕާކިންގ ދަތިކަމަށް ހައްލު ހޯދާތީ ހިތްހަމަ ނުޖެހުނަސް އެކަމާއި ރައްޔިތުން ކަނޑައެޅިގެން ދެކޮޅަށް ނުނިކުމެ ތިބީއެވެ.
ޝަހީދުވި އަބްތޯލުންނާއި، މާފަންނު އެތައް އާއިލާއެއްގެ ގަބުރު ކޮނެ، ކަށްވަޅުން ނެގުމަށްފަހު، އާދަން އާޒިމް ބޭނުންވާ ސިޔާސީ ބޭނުމެއް ހާސިލް ކުރުމަށް ކަށްބިން ކުޅިވަރު ކުޅޭ ތަނަކަށް ހެދުމަކީ ދީނީ، އަދި ދުނިޔެވީ އެއްވެސް މިންގަޑަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކުރަން ހެޔޮވާ ވަރުގެ ކަމެއް ވެސް ނޫނެވެ.
މުއިއްޒުވެސް ގޭންގްތަކަށް ބިންތައް ދީ، ސިޓީކައުންސިލުގެ ނަމުގައި ހުރި ގުދަންތައް ނުއަގުގައި ދީ ޑީލް ހެދި މަގުން، އާދަމް އާޒިމް ގޮސް ގަބުރު ކޮނެ، ސިޔާސީ ޑީލް ހަދާ މަންޒަރު ނޫނީ މިއަދު ނުފެނެއެވެ. މިއީ މާލޭ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ރައްޔިތުންގެ ލާބައާއި މަންފާ ދޫކޮށް އަމިއްލަ މަސްލަހަތަށް ސިޔާސީ ކަންކަމަށް މުޅި ޤައުމުގެ ދީނީ، އިޖުތިމާޢީ ފޭރަން މިގޮތަށް ވީދައި ކުދި ކުދިކޮށް، އެތައް ހާސް މައްޔިތުންގެ ޙައްޤުތަކަށް އާދަމް އާޒިމް އަރާގަތުމަށްފަހު، އެތަނުގައި މިޔުޒިކް ޖަހައި 3އޮން3 ބާސްކެޓް ކުޅެން ކޯޓު އެޅުމަކީ އިންސާނީ ކަރާމާތަކަށް އަރައިގަތުމެވެ. މިއީ އާދައިގެ ކުޑަ ކަމެއް ނޫނެވެ.
ސިޓީ ކައުންސިލުން މީގެ ދެތިން ދުވަސް ކުރިން އާންމުކުރި ޕްލޭނުގައި ބުނެފައިވަނީ މާފަންނު ސަހަރާ ހުރި ސަރަހައްދު ތަރައްގީ ކުރަނީ "މާފަންނު މައިޒާން" ގެ ނަމުގަ އެވެ.
ދުނިޔޭގައި ކުރާ މިފަދަ ހުރިހާ ނުބައި ކަމެއް ކުރުމަށް އަބަދުވެސް ދެނީ ހަމަ މިފަދަ ރީތި ނަންނަމެވެ. ނުބައި ކަންކަން ޖަރީ ކުރުމަކީ ހަމަ އެހާމެ ނުބައި ކަމެކެވެ.