މުއިއްޒުގެ ޕީއެންސީ ސަރުކާރުގެ އެންމެ އިސް މަގާމުތައް ފިޔަވައި ބާކީ މަގާމުތައް ވިއްކުމުގެ މަސައްކަތް މުއިއްޒުގެ ސަރުކާރުން ފަށައިފި ކަމަށް ދިޔަވަރަށް މައުލޫމާތު ލިބިއްޖެއެވެ.
މި ގޮތުން، ސްޓޭޓް މިނިސްޓަރ ލެވެލް އާއި ޑެޕިއުޓީ މިނިސްޓަރ ލެވެލްގެ ބައެއް މަޤާމުތައް ދޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ދިޔަވަރު ނޫހުން އިތުރަށް ކުރި މަސައްކަތްތަކުން މުއިއްޒު ސަރުކާރުން ސިޔާސީ މަގާމުތައް ވިއްކާ އަގުތައް ވަނީ ހޯދިފައެވެ.
- ސްޓޭޓް މިނިސްޓަރ ލެވެލް: 2 މިލިއަން ރުފިޔާ
- ޑެޕިއުޓީ މިނިސްޓަރ ލެވެލް: 1 މިލިއަން ރުފިޔާ
- އެމްބަސީ ތަކުގެ ވަޒީފާ: 1 މިލިއަން ރުފިޔާ
މިއަށްވުރެ ދަށް ލެވެލްތަކުގެ ސިޔާސީ މަގާމުތަކަށް ފައިސާއާއި އެކު މީހުން ނުނަގާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފައިސާ އަށް ވަޒީފާ ދިނުމުގެ ކަންތައް ކުރިއަށް ދަނީ އަބްދުއްރަހީމް ހަވާލު ކޮށްފައި ހުންނަ މީހެއް ބެލުމުގެ ދަށުންނެވެ.
900 އެއްހާ ސިޔާސީ ވަޒީފާ، މުއިއްޒުގެ ސަރުކާރުން ދޭނެ ކަމަށް ބުނެފައިވާ އިރު، މިގޮތަށް ފައިސާއަށް ވަޒީފާ ދީގެން ވަރަށް ބޮޑު ގިނަ އަދަދަކަށް ފައިސާ ނަގާނެ ކަމަށް ބެލެވެެެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ފައިސާ ހޯދަމުން ދަނީ މަޖިލިސް އިންތިހާބަށް ޚަރަދު ކުރުމަށެވެ.
މީގެ އިތުރުން މިހާރު ފޮރިން މިނިސްޓަރުކަމާއި، ފިނޭންސް މިނިސްޓަރުކަން ދޭން ނިންމާފައި ތިބި ފަރާތްތަކަކީ، އަދި އިތުރު ބައެއް މިނިސްޓްރުންނަކީ މުއިއްޒުގެ ކެމްޕެއިނަށް މިލިއަނުން ޚަރަދު ކޮށްފައިވާ ފަރާތްތައްކަމަށް ޕީއެންސީ ތެރެއިން މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.
މުއިއްޒަކީ ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރުވެސް، އަދި އެފަހުން މޭޔަރު ކަމުގައި ހުންނެވި އިރުވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތު ކުރެވޭ ފަރާތެކެވެ. އަދި އޭސީސީގައި މުއިއްޒުގެ 13 މައްސަލައެއް މިހާރުވެސް ހުއްޓިފައި އެބައޮތެވެ.