ޚަބަރު

އެޗްޑީސީ 3 ބެއިންގެ މުށުތެރޭގައި! ކުންފުނީގައި ހިންގަމުންދާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކަށް މުއިއްޒު އަދިވެސް ހުރީ ދެލޯ މަރާލައިގެން!

ދިޔަވަރު
އެޗްޑީސީ 3 ބެއިންގެ މުށުތެރޭގައި! ކުންފުނީގައި ހިންގަމުންދާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކަށް މުއިއްޒު އަދިވެސް ހުރީ ދެލޯ މަރާލައިގެން!

އެޗްޑީސީ އަބަދުވެސް ފާހަގަ ވެގެންދަނީ, ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެކުންފުންޏެއްގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އެންމެ ބޮޑަށް އާންމު ވެފައިވާ އެއް ކުންފުނީގެ ގޮތުގައެވެ. ހުރިހާ ސަރުކާރެއްގައިވެސް މި ކުންފުނި ވަނީ އޭގެ އިންތިހާއަށް ސިޔާސީ ކޮށްފައެވެ. ސިޔާސީ ބޭނުމަށް އެކްޓިވިސްޓުންނަށް މި ކުންފުނިން ވަޒީފާ ދިނުމާއި, ވަޒީފާގަ ތިބޭ އިސް ފަރާތްތަކުން އޭރަކު އޮންނަ ސަރުކާރެއްގެ ބޮޑުންނާއި ގުޅިގެން ކޮރަޕްޝަނާއި ފަސާދައިގެން ބޮޑެތި ޖަރީމާތައް ހިންގުމަކީ އެޗްޑީސީގައި ސަގާފަތަކަށް ވެފައި އޮންނަ ކަމެކެވެ.

އެހެންނަމަވެސް, އެހެން ހުރިހާ ސަރުކާތުތަކާވެސް ޚިލާފަށް, މިސަރުކާރުގައި އެޗްޑީސީ ފާހަގަވެގެން ގޮސްފައިވަނީ ކޮރަޕްޝަނާއި ފަސާދަ މެކުހަށް ޖަހާފައިވާ ކުންފުންޏެއްގެ ގޮތުގައެވެ. މުއިއްޒުގެ ވެރިކަމުގައި ދޮޅު އަހަރު ފާއިތުވެގެން ދިޔައިރު, ކުންފުނީގެ އެމްޑީގެ މަގާމްގައި ހުންނެވި ފަޒުލްވަނީ އެންމެ ފަހުން އަމިއްލަ ބޭބެއަށް ހުޅުމާލެއިން ވަގަށް ގޯތި ކަނޑާ ދޭން ފަށާފައެވެ. ފަޒުލްވަނީ އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ފައިސާ ޚުދު މުއިއްޒުއާއިވެސް ހަވާލުކޮށްފައެވެ. އެހެންނަމަވެސް, ވައްކަން ކުރަމުން ކުރަމުން ގޮސް ވައްކަން ހައްދު ފަހަނައަޅާ, އަތުންފައިން ގޯސް ހެދި, ކުރަމުންދާ ވައްކަންތައް އާންމުންނަށް ބޭޒާރުވުމުން އޭރުގެ އެމްޑީ ފަޒުލްއަށް ޖެހުނީ އަމިއްލައަށް އިސްތިއުފާ ދޭށެވެ. އެހެންނަމަވެސް އޭނާގެ އިސްތިއުފާއަށްފަހު, ފަޒުލް ހިންގި ޖަރީމާތައް ނުބަލާ, މުއިއްޒުގެ އަމުރަށް ފަޒުލްގެ ކޮރަޕްޝަންގެ މައްސަލަތައް ޕޮލިސް ސާވިސްގައި ވަނީ ޕާކް ކޮށްފައެވެ. އަދި އެއަށްފަހު ފަޒުލް ވަނީ އަނެއްކާވެސް މުއިއްޒުގެ ޕީއެންސީގެ އެންމެ ކުރީ ސަފުގައި ތަމްސީލުވާން ފަށާފައެވެ.

މުއިއްޒު އެޗްޑީސީގައި ހިންގަމުންދާ ކޮރަޕްޝަންތައް ފޮރުވުމަށް ފަޒުލް އެކުންފުނިން އިސްތިއުފާ ދިންނަމަވެސް, އެކުންފުނި އަދިވެސް އޮތީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައެވެ. ކޮރަޕްޝަންގެ މުގުލުގައި ތިބި, އެކުންފުނީގެ އިސް ވެރީން އަދިވެސް މަގާމްތަކުގައި އެބަ ތިއްބެވެ. މުއިއްޒުވަނީ އެފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދީފައެވެ. އެގޮތުން ފަޒުލްގެ އިސްތިއުފާއަށްފަހު, ފަޒުލްއާއެކު ކޮރަޕްޝަންގެ ޖަރީމާތައް އެކުންފުނީގައި ހިންގަމުންދިޔަ އިސް ވެރީންވަނީ ކުންފުނިން ވައްކަން ކުރުމަށް ކަމަރު ބަނދެ, އެކަމަށް އަލުން އާ ދޮރުތައް ހުޅުވަން ފަށާފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ އެޗްޑީސީގެ ސީއޯއޯގެ މަގާމްގައި ހުރި އަހުމަދު އިބުރާހިމް (ޕޮކަންޑި) އާއި އޭނާގެ އެއްބަޑު އެއްބަފާ ދެބެއިން ކުންފުނީގެ އިސް މަގާމްތަކަށް ޕްރޮމޯޓްކޮށް, މުޅި ކުންފުނީގެ އިދާރީ އޮނިގަޑަށް މިތިންބެއިންގެ ނުފޫޒު ފޯރުވާފައިވާ މިންވަރެވެ.

މި ދެންނެވީ އެޗްޑީސީގެ ސީއޯއޯ ޕޮކަންޑިއާއި, ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ (ޗީފް އެސްޓޭޓް އޮފިސަރުކަމަށް ޕްރޮމޯޓު ކުރުމަށް ހަމަޖައްސާފައިވާ) އޭނާގެ ދޮންބެ އަލީ އިބުރާހިމްއާއި, ޕޮކަންޑިގެ ނުފޫޒުން އެޗްޑީސީގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީގެ މަގާމަށް ޕްރޮމޯޓް ކޮށްފައި ހުރި ޕޮކަންޑިގެ ކޮއްކޮ ނަބީހު އިބުރާހިމްގެ ވާހަކައެވެ. އެޗްޑީސީގެ ސީއީއޯގެ ކޮއްކޮ ނަބީހު އިބުރާހިމް ކުންފުނީގެ ސީނިއަރ ލީގަލް އޮފިސަރުގެ މަގާމްގައި ހުއްޓާ, ޕޮކަންޑިގެ ނުފޫޒުން ލީގަލްގެ ޑެޕިއުޓީގެ މަގާމަށް ޕްރޮމޯޓް ކުރިތާ އަދި ވީ ދެމަހެއްހާ ދުވަހެވެ.

އެޗްޑީސީގެ އެތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގުމުގައި މި 3 ބެއިންގެ ބޮޑު ދައުރެއް އޮންނަ ކަމުގައި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ. ލީގަލް ޑިޕާޓްމަންޓްއާއި, ކުންފުނީގެ މުޅި އޮޕަރޭޝަންއާއި އަދި ކުންފުނީގެ ހުރިހާ އެސްޓްތަކަށް މި ތިން ބެއިންގެ ސީދާ ނުފޫޒު ފޯރުވޭނެ މަގުފަހުކޮށް, ހުރިހާކަމެއް މިހާރުވަނީ އެމަގުން ތަރުތީބު ކޮށްފައެވެ.

އެގޮތުން އެޗްޑީސީގެ ޕްރޮކިއުމަންޓުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރަމުންދާ, އެކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ އަލީ އިބުރާހިމް ޑިވިޝަން ހެޑަކަށް ހަމަޖައްސަން މިހާރުވަނީ ނިންމާފައެވެ. ”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ފެށޭ ހަފްތާގައި އޭނާ މިމަގާމަށް ހަމަޖައްސާނެއެވެ. އަލީ އިބުރާހިމްއަކީ އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރގެ މަގާމްގައި ހުރި ޕޮކަންޑި (އަހުމަދު އިބުރާހިމް)ގެ ދޮންބެއެވެ.

އަލީ އިބުރާހިމް އަކީ އެޗްޑީސީގެ ޕްރޮކިއުމަންޓްގައި ހުރެ އެތައް ޖަރީމާއެއް ހިންގާފައިވާ ފަރާތެކެވެ. އޭނާގެ މަންމައައި ބައްޕަ އުޅެނީ ހުޅުމާލޭ އައިސްލް ރެސިޑެންސް އިން ގަނެފައިވާ ފްލެޓްއެއްގައެވެ. އަދި އަލީ އިބުރާހިމް ދިރިއުޅެމުންދަނީ އެޗްޑީސީގެ ފަރާތުން އޭނާއަށް ލިބިފައިވާ ފްލެޓެއްގައެވެ. އަދި އޭނާ ވަނީ އަންހެނުންގެ ނަމުގައި ހުޅުމާލޭ ބްލޫ ހެވަން ރެސިޑެންސްއިންވެސް ފްލެޓްއެއް ގަނެފައެވެ. އަދި ގާކޮށިންވެސް ޕޮކަންޑިއާއި އަލި އިބުރާހިމް ވަނީ ފްލެޓް ގަނެފައެވެ. ގާކޮށިން ގަނެފައިވާ ފްލެޓްތަކަކީ, ރައީސް ޔާމިންގެ ސަރުކާރުގަ އެކުންފުނީގެ އައިޓީ ހެޑްއަކަށް ސަލީމް ހުރިއިރު, ޔާމިންގެ ސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓް ލިބޭގޮތަށް ސިސްޓަމް ތެރެއިން ރިޒާވް ކުރި ފްކެޓްތަކުގެ ތެރެއިން އަލީ އިބުރާހިމް ”ދަމައިގެންފައިވާ“ ފްލެޓް ތަކެކެވެ. އޭނާވަނީ ކުރިން އެޗްޑީސީން ލިބިފައިން ފްލެޓަށް ދައްކަމުންދިޔަ ކުލި އަލަށް ލިބުނު ފްލެޓްގެ އަގުގެ ގޮތުގައި ނިންމޭގޮތަށް އުސޫލުވެސް ހަދާފައެވެ.

އެޗްޑީސީގެ ޕްރޮކިއުމަންޓުއިން ގަންނަ ތަކެތީގެ ހުރިހާ ބިޑްތަކެއްވެސް ފައިނަލް ކުރަނީ އަލީ އިބުރާހިމް އެވެ. އެބިޑްތައް ކާމިޔާބު ކުރެވެނީ އަލީ އިބުރާހިމް ބޭނުންވާ ބަޔަކަށެވެ. އަދި އެޗްޑީސީގެ ހުރިހާ ވެހިކަލްއަކަށްވެސް ގަންނަ ސްޕެއަރ ޕާޓްތައް ގަންނަނީ އަލީ އިބުރާހިމްގެ ސްރީ ލަންކާގެ ބިޒްނަސް ޕާޓްނަރ ލައްވައެވެ.

އަލީ އިބުރާހިމްއަކީ އެއްވެސް އިރަކު ގަޑި ނުޖެހި ވަޒީފާއަށް އަންނަ މުވައްޒަފެއް ނޫނެވެ. އެގޮތުން އޭނާ އެންމެ އަވަހަށްވެސް ވަޒީފާއަށް އަންނަ ގަޑިއަކީ ހެނދުނު 9:30 އެވެ. ކޮންމެ މަހަކުވެސް, ޗުއްޓީ ހޭދަކޮށްލުމަށް އަގުބޮޑު ރިސޯޓުތަކަށް ދަތުރު ކުރުމަކީ އޭނާގެ އާދައެކެވެ. އޭނާ އެޗްޑީސީގެ ޕްރޮކިއުމަންޓްގައި ހުރެ ނަގާ ”ކަޓު“ތަކުން ދިރި އުޅެމުންދަނީ ވަރަށް ލަގްޒަރީ ދިރިއުޅުމެއްގައެވެ.

އެޗްޑީސީގެ ސީއޯއޯ ޕޮކަންޑިގެ ބާރުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ މަގާމަށް އަލީ އިބްރާހިމް ޕްރޮމޯޓް ކުރުމާއެކު އޭނާއަށް މަހަކު 65 ހާސް ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. އޭނާ ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ޗީފް އެސްޓޭޓް އޮފިސަރުގެ މަގާމަށެވެ. އެހާތަނުން އޭނާ އައްޔަން ކުރެވިގެން އެދަނީ އެޗްޑީސީގެ ހުރިހާ ޕްރޮޕަޓީއެއްގެ ވެރިޔާގެ މަގާމަށެވެ.

އަލީ އިބުރާހިމްގެ ކޮއްކޮ, އެޗްޑީސީގެ ސީއޯއޯ, ޕޮކަންޑިއަށް މަހަކު 75 ހާސް ރިފިޔާ ލިބެމުން ދެއެވެ. އަދި އޭނާއަށް ވަކި ކާރުކޮޅަކާއި ޑްރައިވަރެއްވެސް އެޗްޑީސީން ހަމަޖައްސާފައި ހުރެއެވެ. އޭނާވެސް ދިރިއުޅެމުންދަނީ އެޗްޑީސީން ދީފަ ހުންނަ އެޕާޓްމަންޓެއްގައެވެ. އެ އެޕާޓްމަންޓްގެ ހުރިހާ ބިލެއް ދައްކަނީވެސް އެޗްޑީސީންނެވެ. އެޕާޓްމަންޓް ސާފުކުރުމަށް މުވައްޒަފުން ލާފަ ތިބެނީވެސް އެޗްޑީސީންނެވެ.

އެޗްޑީސީ އޮޕަރޭޝަން ޑިޕާޓްމަންޓްއާއި, މުނިސިޕަލް ޑިޕާޓްމަންޓްއާއި, ފެސިިލިޓީސް މެނޭޖްމަންޓްއާއި, ތިލަފުށި ޑިޕާޓްމަންޓްއާއި އަދި ގުޅީފަޅު ޑިޕާޓްމަންޓްވެސް ހިނގަމުން އަންނަނީ އެޗްޑީސީގެ ”ޗީފް އެސްޓޭޓް އޮފިސަރ“ މަގާމަށް ހަމަޖެއްސުމަށް މިހާރު ހަމަޖައްސާފައިވާ އަލީ އިބުރާހިމްގެ ކޮއްކޮ, އެޗްޑީސީގެ ސީއޯއޯ ޕޮކަންޑިގެ ބެލުމުގެ ދަށުންނެވެ. ޕޮކަންޑި ދަނީ, ކޮރަޕްޝަންގެ ތުހުމަތުތަކާއެކު އެކުންފުނީގެ އެމްޑީކަމުން ފަޒުލް ވަކިވިފަހުން, ކޮރަޕްޝަންގެ ޖަރީމާ ހިންގުމަށް މުޅިން އާ ސެޓަޕްތަައް ހަދަމުންނެވެ.

”ދިޔަވަރު އޮންލައިން“ އަށް ކަަށަވަރު ކުރެވިފައިވާ ގޮތުގައި, ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ އެޗްޑީސީން މިހާރުވަނީ އެ ކުންފުނީގެ އިތުރު 2 ޑިޕާޓްމަންޓެއް އުފެއްދުމަށް ނިންމާފައެވެ. އެގޮތުން އެކުންފުނީގެ ގްރީން ސެކްޝަންވެސް އިތުރު ޑިޕާޓްމަންޓްއަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރު ސެކިއުރިޓީ ސެކްޝަންވެސް ޑިޕާޓްމަންޓްއަކަށް ބަދަލު ކުރުމަށް މިހާރުވަނީ ނިންމާފައެވެ.

އެޗްޑީސީގެ އިތުރު ދެ ޑީޕާޓްމަންޓެއް އުފެއްދުމަށް ނިންމާފައިވާއިރު, އެ ކުންފުނީގެ ކޮންމެ އެޗްއޯޑީއަކަށްވެސް މަހަކު 50 ހާސް ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

މުއިއްޒުގެ ވެރިކަމުގައި, މިސަރުކާރުން އިތުރުކުރި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި, 10 މިލިއަން ރުފިޔާވަނީ އެ ކުންފުނީގެ ޚަރަދަށް އިތުރު ވެފައެވެ. މިސަރުކާރުން އެޗްޑީސީއަށް ވައްދާފައިވާ ހުރިހާ މުވައްޒަފުންނަށްވެސް މަހަކު 25 ހާސް ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބެމުން ދެއެވެ.

އެޗްޑީސީއަކީ, އެކުންފުންޏެއް މެދުވެރިކޮށް މުއިއްޒު އެންމެ ބޮޑެތި ޖަރީމާތައް ހިންގަމުންދާ އެއް ކުންފުންޏެވެ. އެގޮތުން ފަޒުލް އެކުންފުނީގެ އެމްޑީގެ މަގާމްގައި ހުރިއިރި އޭނާ މެދުވެރިކޮށް މުއިއްޒުވަނީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކޮރަޕްޝަންގެ ގޮތުގައި އަމިއްލަ ޖީބަށް ލައްވާފައެވެ. އެކަމަށް މަގުފަހު ކުރުމުގެ ގޮތުން އެކުންފުނީގެ ވެރިން ހިންގާ ކޮރަޕްޝަންތަކަށް މުއިއްޒު ހުންނަވަނީ ދެލޯ މަރާލައިގެންނެވެ.