އޭޕްރިލް 18، ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22، ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލައިގައި ދެ ވަނަ ފަހަރަށް ހައްޔަރު ކޮށްފައި ހުރި ރައުދު ރޭ ދޫކޮށްލާފައިވާކަން ފުލުހުން ކަށަވަރުކޮށް ދިނެވެ.
ރައުދުގެ ވަކީލުން ބުނީ ރައުދު ބަންދުން ދޫކޮށްލީ ޕްރޮސިކިއުޓަ ޖެނެރަލް އެގޮތަށް އެދިވަޑައިގެން ސިޓީ ފޮނުވުމުން ކަމަށެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ސިޓީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވީ އިއްޔެ އެވެ.
ރައުދު ދޫކޮށްލިއިރު، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ.
ރައުދުގެ މައްޗަށް ފުލުހުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ތުހުމަތެވެ.
އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީތެރިވެނުދިނުމުގެ ކުށާއި އޭގެ އަދަބު ބަޔާން ކޮށްފައި އޮންނަނީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ ހ. ގައި ބަޔާން ކޮށްފައި އޮންނަނީ އަންނަނިވި ހާލަތްތަކުގައި އެކަން ކުރާ މީހާ އެ ކުރަނީ ކުށެއް ކަމަށެވެ. އެއީ:
ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުން، ނުވަތަ އެހީއަށް ބޭނުންވެފައިވާ މީހާއަށް، އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުން، ނުވަތަ އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ހާލަތެއްގައި ހުރުމާއި އަދި އިންޒާރު ދެވިދާނެ ހާލަތެއްގައި ހުރުން، އަދި އޭނާއަށް ނުވަތަ އެހެން މީހަކަށްވިޔަސް އެއްވެސް ބާވަތެއްގެ މާއްދީ ނުވާނެފަދައަކުން އެހީތެރިކަން ފޯރުވައިދެވިދާނެ ނުވަތަ އިންޒާރު ދެވިދާނެ ފަދަ ހާލަތެއްގައި ހުރުން، އަދި ގާނޫނުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް ލާޒިމުކޮށްފައިވާ އެއަށްވުރެ މަތީ ވާޖިބެއް ދޫކޮށްލަން ނުޖެހި އިންޒާރު ދެވެން އޮތުން ނުވަތަ އެހީތެރިވެދެވެން އޮތުން
އެ މާއްދާގެ ބ. ގައި އެހީތެރިވެނުދިނުމުގެ ނުދިނުމުގެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. ޖަނުހުގެ ތިންވަނަ ދަރަޖައިގެ ކުށަކަށް ދެވޭ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން މަސްދުވަހަށް ޖަލަށް ލުމެވެ.
މިދިޔަ މަހުގެ 24، ގައި ހައްޔަރުކުރި ރައުދު ފުލުހުންގެ ބަންދުގައި ހުންނަތާ މިއަދަށް ވަނީ 32 ދުވަސްވެފަ އެވެ. އެހެންކަމުން މީހަކަށް އެހީތެރިވެ ނުދިނުމުގެ ކުށް ރައުދުގެ މައްޗަށް ސާބިތުވި ނަމަވެސް އޭނާ ބަންދުގައި މާގިނަ ދުވަސް ހޭދަ ކުރަންޖެހޭނެ ކަމަކަށް ނުބެލެވެ އެވެ.
ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.