އޭޕްރީލް 22، ގައި ކަޝްމީރުގައި އިންޑިއާއިން ބަލަހައްޓާ ޕަހަލްގަމްއަށް ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކޮށް ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް ދިވެހި ސަރުކާރުގެ ތާއީދު އޮތް ކަން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ހާމަ ކުރައްވައިފި އެވެ.
ޕަހަލްގަމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރި ކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.
އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓު ތަންފީޒު ކުރަން ބޭއްވި ކޯ ގްރޫޕް ބައްދަލުވުމެއްގައި ހަލީލު ވަނީ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ ސަރުކާރުން ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ތާއީދު އޮތް ކަން ހާމަ ކުރައްވައިފަ އެވެ.
"އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހި ސަރުކާރުން ތިބިކަން ހާމަ ކުރައްވައި، ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާ ސަރުކާރުން ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދު ކުރާ ކަމަށް ހަލީލު ވިދާޅުވި،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޕަހަލްގަމަށް ހަމަލާ ދިނީ ޕާކިސްތާނުގެ މިލިޓަރީ އިން އެހީތެރިވާ ޓެރަރިސްޓު ޖަމާއަތަކުން ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. އެ ހަމަލާފައި 26 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ހަމަލާ ދީފަ އެވެ.
އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަލީލު އިންޑިއާއަށް ކުރައްވާ ދަތުރުގެ މައިގަނޑު މަގްސަދަކީ އިކޮނޮމިކް އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް ވަރުގަދަ ކުރަން މަޝްވަރާ ކުރުން ކަމަށެވެ. ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގަތީ އިއްޔެ އެވެ.