ޚަބަރު

މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ޓްރައިބިއުނަލަށް، ވަޒީފާއިން ވަކި ކޮށްފައި ވަނީ ޤާނޫނާއި ވަޒީފާގެ އެއްބަސް ވުމާއި ޚިލާފަށް!

ދިޔަވަރު
މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ޓްރައިބިއުނަލަށް، ވަޒީފާއިން ވަކި ކޮށްފައި ވަނީ ޤާނޫނާއި ވަޒީފާގެ އެއްބަސް ވުމާއި ޚިލާފަށް!

ވަޒީފާއިން ވަކި ކުރަން ނޯޓިސް ނުދީ ވަޒީފާއިން ކަނޑާލުމުން މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވިޓަލީ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މާޗް 3، ގައި އޭނާ ވަޒީފާއިން ކަނޑާލާފައި ވަނީ ތިން މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ މުއްދަތަށްވާ މުސާރަ ނުދީ ގާނޫނާ ހިލާފަށް ކަމަށެވެ. ވިޓަލީގެ ތިން މަސްދުވަހުގެ މުސާރައަކީ 42،000 ޑޮލަރު 647،640 ރުފިޔާ އެވެ.

އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެތަނަށް އެ މައްސަލަ ބެލޭނެ ކަމަށެވެ. އަދި މައްސަލައިގައި ޖަވާބުދާރީވުމަށް ވެސް މިފްކޯއަށް ވަނީ އަންގައިފަ އެވެ.

ވިޓަލީ ވަކި ކުރުމަށްފަހު އޭނާގެ މެނޭޖްމަންޓުގައި ވަކި ކުރި މިފްކޯގެ މެނޭޖަރުންތަކަކަށް ވަނީ އަލުން ވަޒީފާ ދީފަ އެވެ. ސީއީއޯގެ މަގާމަށް ގެނެއީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރެވެ.

ސީއީއޯގެ މަގާމަށް ވިޓަލީ އައްޔަން ކުރީ ޑިސެމްބަރު، 2024، ގަ އެވެ. އެހެންކަމުން އޭނާ މަގާމުގައި ހޭދަ ކުރީ އެންމެ ތިން މަސްދުވަހެވެ. އޭނާ މަގާމުން ވަކި ކުރި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

ކުންފުނިތަކަށް ބަދަލު ގެންނަ ކަމަށް، ސަރުކާރުން ދައްކާފައި ވަނީ ދަޅައެވެ.

އޭނާގެ ވަކި ކުރިއިރު، ސިޔާސީ ނުފޫޒުން މިފްކޯ ސަލާމަތް ކުރަން އޮތީ ބޮޑު މަސައްކަތެއް ފަށައިފަ އެވެ. މިފްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމަކަށް މީހަކު އައްޔަން ކުރިއިރު، ސިޔާސީ ނުފޫޒު ފޯރި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ މަގާމަށް މީހަކު އައްޔަން ކުރީ އެ ނުފޫޒަށް ބޯލެނބުމެއް ނެތި ކަމަށް ވިޓަލީ ވިދާޅުވި އެވެ.