ރައީސް މުއިއްޒުގެ ދެމަފިރި ކަނބަލުން މިފަހަރު ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ ރޯޔަލް ކޯޓުގެ ހިލޭ އެހީގައި ދޭ ހައްޖެއް ކަމަށާއި, ހައްޖުގެ ހުރިހާ ޚިދުމަތެއް ހުންނާނީ ވީއައިޕީ ފެންވަރުގައި ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސް ދެމުންދާ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސާޖިދާއާއި އެމަނކުފާނުގެ ދެމަފިރި ކަނބަލުން މިފަހަރު ހައްޖަށް ވަޑައިގަންނަވާ ކަމަށާއި, އެ ދަތުރަކީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއް ކަމަށެވެ. އަދި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައި ވަނީ ހިލޭ ރޯޔަލް ކޯޓުންކަމުގައި މުއިއްޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވާ ހުރިހާ ދިވެހިންނަށްވެސް ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ރަގަޅު ފެންވަރުގައި ކަމުގައެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހައްޖުގެ އަޅުކަމަކީ, އިސްލާމް ދީނުގެ އެންމެ މާތް އެއް އަޅުކަމަށް ވާއިރު, މިމަތިވެރި އަޅުކަން ވީއައިޕީ ފެންވަރުގައި މުއިއްޒުގެ ދެމަފިރިން އަދާކުރައްވާ ވާހަކަ މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް މުއިއްޒު އިސްތިހާރު ކުރައްވަން ފެއްޓެވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.