މިއަހަރުގެ ޙައްޖުގެ އަޅުކަން ވީއައިޕީ ފެންވަރުގައި އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން މެޑަމް މުޙައްމަދު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީވެސް، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.
މުއިއްޒުގެ ދެމަފިރި ކަނބަލުން މިފަހަރު ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ ރޯޔަލް ކޯޓާގައި ހިލޭ އެހީގައި ދޭ ހައްޖެއް ކަމަށާއި, ހައްޖުގެ ހުރިހާ ޚިދުމަތެއް ހުންނާނީ ވީއައިޕީ ފެންވަރުގައި ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.
މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސް ދެމުންދާ ”ރައްޔިތުންނާއެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސާޖިދާއާއި އެމަނކުފާނުގެ ދެމަފިރި ކަނބަލުން މިފަހަރު ހައްޖަށް ވަޑައިގަންނަވާ ކަމަށާއި, އެ ދަތުރަކީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއް ކަމަށެވެ. އަދި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައި ވަނީ ހިލޭ ރޯޔަލް ކޯޓާގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވާ ހުރިހާ ދިވެހިންނަށްވެސް ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ރަގަޅު ފެންވަރުގައި ކަމުގައެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހައްޖުގެ އަޅުކަމަކީ, އިސްލާމް ދީނުގެ އެންމެ މާތް އެއް އަޅުކަމަށް ވާއިރު, މިމަތިވެރި އަޅުކަން ވީއައިޕީ ފެންވަރުގައި މުއިއްޒުގެ ދެމަފިރިން އަދާކުރައްވާ ވާހަކަ މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް މުއިއްޒު އިސްތިހާރު ކުރައްވަން ފެއްޓެވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.