ޚަބަރު

ތަނަވަސްކަން އިންތިހާއަށް ހުރެމެ, ސައުދީ ރޯޔަލް ކޯޓާގައި ހިލޭ ހައްޖުގެ ފުރުސަތު ހޯއްދަވައިގެން, މުއިއްޒުގެ ދެމަފިރިން "ސްޕޮންސާޑް" ހައްޖަކަށް!

ދިޔަވަރު
ތަނަވަސްކަން އިންތިހާއަށް ހުރެމެ, ސައުދީ ރޯޔަލް ކޯޓާގައި ހިލޭ ހައްޖުގެ ފުރުސަތު ހޯއްދަވައިގެން, މުއިއްޒުގެ ދެމަފިރިން "ސްޕޮންސާޑް" ހައްޖަކަށް!

އެއްވެސް ޝައްކެއް ނެތް ގޮތުގައި ހައްޖުގެ މަތިވެރި އަޅުކަމަކީ މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. އަދި އެ އަޅުކަމަކީ އިސްލާމް ދީނުގައި އިންސާނުންގެ މެދުގައި އޮންނާންޖެހޭ ހަމަހަމަ ކަމާއި, އެއްބައިވަންތަކަން ރަމްޒުކޮށްދޭ މަތިވެރި އަޅުކަމެއްވެސް މެއެވެ.

ޖިސްމާނީ ގޮތުން އަދި މާލީ ގޮތުން ކެރި ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު މަދުވެގެން އުމުރުން އެއް ފަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް އިސްލާމް ދީން ގޮވާލައެވެ. ހައްޖުގެ އަޅުކަމަކީ މީލާދީގޮތުން 628 ވަނަ އަހަރު ކުރެވުނު ފުރަތަމަ ހައްޖަށް ފަހު ކޮންމެ އަހަރަކު ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތުގައި ކުރެވޭ އަޅުކަމެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ސަހާބީން އެ މަތިވެރި އަޅުކަން އަދާކުރެއްވި ގޮތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ނަސްލުތަކުގެ އެކި ފަންތީގެ އެކި ކުލައިގެ މީހުން ޖަމާވެ އެއް ބައެއްގެ ގޮތުގައި އެއްވެސް ތަފާތެއް ނެތި އެއް ޖަމާއަތެއްގައި މި އަޅުކަން އެ ގެންދަނީ ކޮންމެ އަހަރަކު ފުރިހަމަ ކުރަމުންނެވެ.

އެކި ނަސްލުގެ އެކި ގައުމުގެ އެކި ކުލައިގެ އަދި އެކި ބަހުން ވާހަކަ ދައްކާ، އެކި ސަގާފަތައް ނިސްބަތްވާ މީހުންގެ ގޮތުގައި ދުނިޔޭގައި އުޅެމުން ދިޔަ ނަމަވެސް މުސްލިމުންނަކީ އެއް ބަޔެކެވެ. އެއް ޖަމާއަތަކަށް ނިސްބަތްވާ ބައެކެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި މިދެންނެވި ތަފާތުތައް ހައްޖުވެރިން އެއްކިބާ ކުރެއެވެ. މުއްސަންޖެއް ފަގީރެއް ނިކަމެއްޗެއް ހައިބަތު ހުރި މީހެއް ހައްޖުގެ އަޅުކަމުގެ ތެރޭގައި ތަފާތުކޮށް ވަކި ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ހައްޖަކީ މުސްލިމުންނަކީ އެއްބައެއްކަން ހާމަކޮށްދޭ މަތިވެރި އަޅުކަމެކެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމުގައި އެންމެ ހެޔޮކަން ބޮޑުވެސް ތިމާގެ އަމިއްލަ ހަލާލު މަސައްކަތުން ހޯދާ ތާހިރު ފައިސާއިން ހައްޖު ކުރުމެވެ. ކޮރަޕްޝަނާއި ފަސާދައިގެން މަގުން ހޯދާ ފައިސާއިން ހައްޖު ކުރުމެއް ނޯވެއެވެ.

އެހެންނަމަވެސް, މުއިއްޒު މިއަދު ހައްޖަށް ފުރާވަޑައިގެންނެވިއިރު, މުއިއްޒުއަކީ މުސާރައިގެ ގޮތުގައި ލިބޭ ފައިސާއިން އެކަނިވެސް, ދެމަފިރިންނަށް ހައްޖަށް ދެވޭވަރުގެ ތަނަވަސްކަން ހުރި ދެބޭފުޅުންނެވެ. މި ދެންނެވުނީ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން މެދުވެރިކޮށްގެންނާއި, ދައުލަތުގެ ނަމުގައި ކުރާ އެކިއެކި މުއާމަލާތްތަކުން ކޮރަޕްޝަންގެ މަގުން މުއިއްޒު ހޯއްދަވާ ފައިސާގެ އެއްފަރާތަކަށް ޖެއްސުމަށްފަހު މުއިއްޒުއަށް މުސާރާއިގެ ގޮތުގައި ލިބޭ ހަލާލު ފައިސާގެ ވާހަކައެވެ. ހަރާމް ގޮތުގައި ހޯދާ ފައިސާއިން ހައްޖުކުރުމަށް މުއިއްޒު ބޭނުން ވެވަޑައި ނުގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް, ތިމާގެ ހަލާލު ފައިސާއިން ހައްޖަށް ދިއުމުގެ ބަދަލުގައި މުއިއްޒުއަށް މުހިންމުވީ, ސައުދީ ރޯޔަލް ކޯޓާގައި ދެއްވާ ހައްޖެއް ކުރެއްވުމަށެވެ. އަތުންފައިން ބުރަ މަސައްކަތެއް ނުކޮށް, ތަވާފްވެސް ފުލް ސެކިއުރިޓީގައި ކުރެއްވުމަށެވެ. މިނާގައިވެސް ވީއައިޕީ ގަނޑުވަރެއްގައި 3 ދުވަސް ހޭދަ ކުރެއްވުމަށެވެ. އަރަފާތު ބިމުގައިވެސް, އޭސި ގަނޑުވަރުގައި ދުވަސް ހޭދަ ކުރެއްވުމަށެވެ.

އަދި އަމުދުން, މުއިއްޒު ވީއައިޕީ ހައްޖަކަށް ވަޑައިގެންނެވީ, ދިވެހި އެތައް ނިކަމެތި ރައްޔިތުންނެއް އެތައް އަހަރެއްވަންދެން ހައްޖު ކިއުގައި މަޑުކުރައްވައިގެން ފުރުސަތަކަށް އާދޭސް ކޮށްކޮށް ތިއްބަވަނިކޮށެވެ.

އާދޭހެވެ. ކޮރަޕްޝަނާއި ފަސާދައިގެން އެތައް އަމަލެއް ރޯމާ ދުވާލު ހިންގެވުމަށްފަހު, އެތައް ރައްޔިތުންނެއްގެ ފްލެޓްތައް ނުހައްގުން ނިގުޅައިގަތުމަށްފަހު, މުއިއްޒު މިވަޑައިގެންނެވީ ވީއައިޕީ ހައްޖަކަށެވެ.

ޝައްކެއްވެސް ނެތް ގޮތުގައި، މަބްރޫރު ހައްޖެއް ފުރިހަމަ ކުރެވުމަކީ، މާޒީގައި ކުރެވިފައިވާ ކުއްތަކާއި، ހެދިފައިވާ ގޯސްތަކުން މީހާގެ ހަށިގަނޑާ ނަފްސް ސާފުވެ ތޯހިރުވެގެންދާ ކަމެކެވެ. ރަސޫލާ ހަދީސް ކުރައްވާފައިވާ ގޮތުން އެފަދަ ހައްޖެއް ފުރިހަމަ ކޮށްފައިވާ މީހާއަކީ މަންމަންގެ ބަނޑުން އުފަންވި އިރު ހުރި ސާފުކަންމަތީގައި ހުރި މީހެކެވެ. އެހެން ކަމުން ހައްޖުގެ އަޅުކަމުން ލިބިގެންދަނީ ސާފު އައު ފެށުމަކުން ހަޔާތް އަލުން ފެށުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އެހެންނަމަވެސް އެއީ މަބުރޫރު ހައްޖެއް ކުރެވިގެންނެވެ. ސާފު ތާހިރުގޮތުގައި ހައްޖުގެ ވާޖިބުތައް އަދާ ކުރެވިގެންނެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި އައުމަށްފަހު, މުނާފިގުކަމުގެ މަގަށް އެނބުރު ރުޖޫޢަ ނުވެ, ދުނިޔެއާއި އާޚިރަތް އެދިގެން އެމަގުން އަމަލުތައް ބައްޓަން ކުރެވިގެންވެސް މެއެވެ.