ޚަބަރު

ރައީސްވެސް, ނައިބު ރައީސްވެސް ގައުމުން ބޭރުގައި, ގައުމު ހިންގުމުގެ ހުރިހާ ބާރެއް އަބުދުއްރަހީމްގެ އަތްޕުޅަށް!

ދިޔަވަރު
ރައީސްވެސް, ނައިބު ރައީސްވެސް ގައުމުން ބޭރުގައި, ގައުމު ހިންގުމުގެ ހުރިހާ ބާރެއް އަބުދުއްރަހީމްގެ އަތްޕުޅަށް!

ރައީސް މުއިއްޒާއި ނައިބު ރައީސް ހުސެއިން ލަތީފް މިވަގުތު ރާއްޖޭގައި ނެތުމާއެކު، ގައުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެގޮތުން, ވަގުތީ ގޮތުން ގައުމުގެ ހިންގުމުގެ ހުރިހާ ބާރެއް މިވަގުތު އުފުއްލަވަން ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އަބުދުއްރަހީމްއެވެ.

ރައީސް މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގަތީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ސައުދީ އަރަބިއްޔާއަށެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ގިނަ ވަޒީރުން ހިމެނޭ ވަފުދަކާއެކު ރައީސް ސައުދީއަށް ވަޑައިގެންނެވިއިރު، ރައީސް ފުރާވަޑައިގަތްއިރު އެއާޕޯޓުގައި އަލްވަދާއު ކިޔެއްވުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ހާޒިރުވެވަޑައިގެން ހުންނެވިއެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެންމެ ފަހުން ހުންނެވީ ތަޖިކިސްތާނުގައެވެ. އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިމިވަޑައިގެންނެވި ނަމަވެސް، އަދިވެސް ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ނައިބު ރައީސް ތަޖިކިސްތާނަށް ވަޑައިގަތީ ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހުގައެވެ. އާންމު އުސޫލުން ރައީސްއާއި ނައިބު ރައީސް އެކުގައި ގައުމުން ބޭރަށް ވަޑައިނުގަންނަވައެވެ. އެއީ ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި ދައުލަތުގެ ކަންކަން ބެލެހެއްޓުމަށްޓަކައެވެ.

މިވަގުތު ރައީސްއާއި ނައިބު ރައީސް ރާއްޖޭގައި ނެތްއިރު ސަރުކާރުގެ ކަންކަން ހިންގެވުމާ ހަވާލުވެ ހުންނެވީ ކޮން ބޭފުޅެއްކަން ސަރުކާރުން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ފުރާވަޑައިގަތް ވަގުތު އެއާޕޯޓުގައި މަޖިލިސް ރައީސް ހުންނެވުމުން އެމަނިކުފާނު ގައުމުގައި ހުންނެވިކަން ކަށަވަރުވެފައިވެއެވެ.

އެހެންނަމަވެސް, ރައީސް މުއިއްޒު ރާއްޖެއިން ފުރާވަޑައިގެންނެވިއިރު ޒިންމާތައް ހަވާލު ކުރެއްވީ ކޮންބެފުޅަކާކަން ހާމަ ކުރައްވާފައެއް ނުވެއެވެ.