ބޮޑެތި ޑިސްކައުންޓްތަކާއެކު މުދާ ވިއްކާ އޮންލައިން މާކެޓްޕްލޭސް ޓެމޫގެ ދެކުނު އިރުމަތީ އޭޝިޔާގެ ވިޔަފާރި ފުޅާކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. އިންޑޮނޭޝިޔާއިން ޓެމޫގެ ވިޔަފާރި މުޅިން މަނާކޮށްފައިވާއިރު ވިއެޓްނާމުންވެސް އެފަދަ ފިޔަވަޅުތަކެއް އަޅާނޭކަމުގެ އިންޒާރުދީފައިވެއެވެ.
އިންޑޮނޭޝިޔާގެ އީ-ކޮމާސް މާކެޓްގެ އަގަކީ 82 ބިލިއަން އެމެރިކާ ޑޮލަރު އެވެ.
އިންޑޮނޭޝިޔާއިން ޓެމޫ މަނާކޮށްފައިވަނީ ހެޔޮއަގުގައި އެތެރެކުރާ ތަކެތިން އެޤައުމުގެ ކުދި ވިޔަފާރިތައް ހިމާޔަތްކުރުމަށާއި އިމްޕޯޓް ޓެކްސް ނެގުން ކަށަވަރުކުރުމަށެވެ.
ޗައިނާގެ ބިލިޔަނަރ ކޮލިން ހުވަންގް އުފެއްދި ޓެމޫއަކީ ޕީޑީޑީ ހޯލްޑިންގްސްގެ ދަށުން ހިންގާ ކުންފުންޏެކެވެ. އެމެރިކާގެ ޑެލަވެއަރގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުނީގެ މައި އޮފީސް ހުންނަނީ ބޮސްޓަންގައެވެ. ޕީޑީޑީ ހޯލްޑިންގްސްއަކީ 2015 ވަނަ އަހަރު ޗައިނާގައި އުފެދި، 2023 ގައި އަޔަލޭންޑްގެ ޑަބްލިންއަށް މައި އޮފީސް ބަދަލުކުރި ކުންފުންޏެކެވެ.
އެމެރިކާގެ ސޫޕަރ ބޯލްގައި ޓެމޫއިން 6 އިޝްތިހާރު ދެއްކުމާއެކު 10 މިލިޔަން ޑޮލަރުގެ ހަދިޔާ ބެހުމުން މި ކުންފުނި މަޝްހޫރުވެގެންދިޔައެވެ. "ބިލިޔަނަރެއްހެން ޝޮޕިންގ ކުރޭ" މިނަމުގައި ހިންގި މި ކެމްޕޭނަށްފަހު ޓެމޫއިން ދުނިޔޭގެ އެކި ހިސާބުތަކަށް ވިޔަފާރި ފުޅާކުރަމުން ދެއެވެ.
ޓެމޫގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތައް ދަނީ ބަނގުރޫޓުވެގެންނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ކުދި ވިޔަފާރި ކުރެއެވެ.