ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ ނިޒާމީ ނުކުތާގައި ދިގު ދެންމުމަށް ފަހު، އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައި އެޖެންޑާ އިއްވުމާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން، ގަރާރު "ގަވައިދާ ހިލާފު ކަމަށް" ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.
އެއާ އެކު ހޫނު ބަހުސެއް ހިންގަން ފުރުސަތު ދެއްވުމަށް ފަހު މަޖިލީހުގެ ރިޔާސަތުން ވިލުފުށި ދާްއިރާގެ މެމްބަރު ހަސަން އަފީފު އިއުލާނުކުރެއްވީ ޖަލްސާ ނިންމަވައިލެއްވީ ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ނިޒާމާ ބޭހޭ ނުކުތާއެއް ކަަމަށް ވިދާޅުވެ މެމްބަރުންނަށް ފުރުސަތު ދެއްވައިގެން ރިޔާސަތުން ހަސަން އަފީފު މަސައްކަތް ކުރައްވަނީ ޖަލްސާ ކުރިއަށް ނުގެންދަވަން ކަމަށެވެ.
"މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މިއޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފައި. އެހެންވީމާ އަލުން މި މައްސަލަ ހުށަހަޅުއްވަން، މި މައްސަލަ މިހާރު ނިމުނީ،" އަފީފު ވިދާޅުވި އެވެ.