އޭސީސީގެ ބޮޑު މީހާއަކީ ރައީސް މުއިއްޒުއެވެ. އޭސީސީގެ ރައީސް އާއި، ނައިބް ރައީސް އައްޔަން ކުރުމާއި، ވަކި ކުރުމުގެ ބާރު ރައްޔިތުން އަތުން ފޭރިގަނެގެން އެބާރު މުށަށް ލައިގެން އުޅެނީ ރައީސް މުއިއްޒުއެވެ. މިވަގުތު ހުންނެވީ މައްކާގެ މާތް ބިމުގައެވެ. ނިންމެވީ ފްލެޓުން ވައްކަން ކުރުމަށްޓަކައި، އަދި ފުލެޓުން މުއިއްޒު ކުރަމުންދާ ވައްކަމުގެ ވާހަކަތައް ހާމަ ކުރާ ކަމަށްޓަކައި، އަކްރަމް ކަމާލުއްދީނަށް ދައުވާ ކުރުމަށެވެ.
އެކަން އެ ގޮތަށް ނިންމީ ރައީސް މުއިއްޒުއެވެ. އޭސީސީ އަކީ އަމިއްލަ އަށް ކަންކަން ނިންމުމުގެ ލަޔާގަތާއި މިނިވަންކަން މިވަގުތު އޮތް ތަނެއް ނޫނެވެ. އެއީ މުއިއްޒުގެ އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް ގެނައުމަށް ބޭނުން ކުރާ މާސްކެކެވެ. މި މާސްކުގެ ފުރަގަހުގައި ހުރި އަނިޔާވެރިއަކީ ރައީސް މުއިއްޒުއެވެ.
މައްކާގެ ބިމާއި، މަދީނާގެ ބިމަކީ ހަރަމެވެ. އެއީ މާތްﷲ އެ ބިމުގައި ލޭ އޮހޮރުވުން މަނާ ކޮށް، ބޭއިންސާފާއި އަނިޔާ ވެރިވުން އެ ބިމުގައި މަނާ ކޮށްފައިވާ މާތް ބިމެވެ. ހަރަމް އޭ ކިޔެނީ އެހެންވެއެވެ. ނަމަވެސް މިފަދަ އަނިޔާއެއް ރައްޔިތަކަށް ދިނުމަށް މުއިއްޒު ނިންމީ މައްކާގެ މާތް ބިމުގައި ހުރެގެންނެވެ. ފްލެޓުން ވައްކަން ކުރުމަށް ކުރާ މަސައްކަތް އެއީ ސައްޙަ މަސައްކަތެއް ކަމަށް ދެއްކުމަށްޓަކައި، އަކުރަމް ކަމާލުއްދީން އެ ފްލެޓް ދީފައި ވަނީ ގޯހުން ކަމަށް ނިންމުމަށް، މަކަރާއި ހީލަތުން އޭނާ އަށް ދައުވާ ކުރަން މުއިއްޒު ނިންމީ މައްކާގެ މާތް ބިމުގައި ހުރެގެންނެވެ.
ރައްޔިތުންގެ މައްޗަށް މުއިއްޒު އަނިޔާވެރިވާނެ މިންވަރު މިއިން ފެނިގެންދެއެވެ. މައްކާގެ މާތް ބިމުގައި ހުރެގެން މިފަދަ ނިންމުމެއް ނިންމުމަށް މީނާ ކުޑަ ވެސް ޖެހިލުމެއް ނުވިއެވެ. އޭސީސީގެ ބޮޑު މީހާ އަށް ވެގެން، ސްޕްރީމް ކޯޓު ހިސާރުކޮށް މީހުންނަށް ދައުވާ ކުރަން މިފެށީ، ނުބައިކަން ހައްދު ފަހަނައަޅައި ދިޔުމުންނެވެ. މާތް ﷲ މުއިއްޒުގެ އަނިޔާވެރިކަމުން އަކްރަމް ކަމާލުއްދީން އާއި ދިވެހި ރައްޔިތުން ސަލާމަތް ކުރައްވާށިއެވެ. އާމީން.