އީދު ފާހަގަ ކުރުމުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލިފާން މަޅިތައް ރޯކޮށް, އެއަށް ކުރިމަތިލައިގެން ތިބެ ތަކުބީރުބަދެ ދެއަތް އުފުލާ ދުއާކޮށް, ނަށާ ހަދާއިރުވެސް މި ސަރުކާރާއި ސަލަފް ހަނު ތިބެއްޖެއެވެ.
މިއަހަރުގެ އަޟުހާ އީދު ފާހަގަ ކުރުމުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އާދަޔާ ޚިލާފަށް އަލިފާން މަޅިތައް ރޯކޮށް, އޭގެ ކުރިމަތީގައިތިބެ އާންމު ރައްޔިތުން ނަށާ ހަދަމުންނެވެ. އަދި ބައެއް ރަަށްރަށުގައި އަލިފާން މަޅިތައް ރޯކުރުމަށް ގޮސްފައިވަނި ތަކުބީރު ކިޔަމުންނެވެ. ބައެއް ރަށްރަށުގައިވަނީ, އަލިފާން މަޅިތައް ރޯކުރުމަށްފަހު އެއަށް ކުރިމަތިލައިގެން ތިބެ, ތަކުބީރު ބަނދެ, ދެއަތް އުފުލާ ދުއާވެސް ދަންނަވާ ހަދާފައެވެ.
އީދުތައް ފާހަގަކުރުމަށް އަލިފާން ރޯކުރުމާއި އޭގެ ވަށައިގެން އެނބުރި ލަވަކިޔާ ނަށާ, އަދި ދުއާ ކުރުމަކީ ހިންދޫ ދީންފަދަ ބައެއް ދީންތަކުގައި އާންމުކޮށް ކުރާ ކަމެކެވެ.
އެހެންނަމަވެސް އީދު މަޅީގެ ނަމުގައި އީދު ވިލޭރޭ ފަތިހު އަލިފާން ރޯކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ބައެއް ރަށްރަށުގައި ދަމަހައްޓަމުން އައިސްފައިވާ އާދައެެކެވެ. އެހެންނަމަވެސް އެއްވެސް ޒަމާނެއްގައި އެއަށް ކުރިމަތިލައިގެން ތިބެ اللهއަށް ދުއާ ދަންނަވާ, އޭގެ ވަށައިގެން ނަށާ ތަކުބީރު ބަނދެ ދިވެހިން ހަދާފައެއް ނުވެއެވެ. އެއީ ސަގާފީ ގޮތުންވެސް ދިވެހިން އެއްވެސް ޒަމާނެއްގައި ކޮށްފައިވާ ކަމެއްކަންވެސް ދިވެހި ތާރީޚުން އެނގޭކަށް ނެތެވެ.
އެހެންނަމަވެސް އީދު ފާހަގަ ކުރުމުގެ ނަމުގައި ރައީސް މުއިއްޒު ހިތްވަރު ދެއްވައިގެން މިފަހަރު ރަށްރަށުގައި އަލިފާން ރޯކޮށްފައިވަނީވެސް މިރޭގެ އިރާކޮޅުއެވެ. މިއީވެސް ސަގާފީގޮތުން އެއްވެސް ޒަމާނެއްގައި މިކަން ކޮށްފައިވާ އުސޫލެއްވެސް ނޫނެވެ. އީދުމަޅި ދިވެހިން އާންމުކޮށް ރޯކުރަނީ އީދުވިލޭރޭގެ ފަތުހު އިރުއެރުމުގެ އިރުކޮޅެއް ކުރިންނެވެ.
މިއަހަރު ސަރުކާރުން ހިތްވަރު ދީގެން މިރޭ އިރާކޮޅު އަލިފާން ގަނޑުތައް ރޯކޮށް, ބައެއް ރަށްރަށުގައި އޭގެ ކުރިމަތީގައި ތިބެ ތަކުބީރު ބަނދެ, އަދި ދުއާކޮށް ހެދިއިރުވެސް މިސަރުކާރުން އަދިވެސް އޮތީ ހަނުއެވެ. އަދި މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ އާއިލީ ބޭފުޅުން އިސްކޮށް ތިއްބަވާ ސަލަފްވެސް އޮތީ މިފަދަ ލާދީ ސަގާފަތެއް މި ސަރުކާރުން ހިތްވަރު ދީގެން އާންމުކޮށް ކުރި އަރުވަމުންދާއިރުވެސް ހަނުއެވެ. ސަރުކާރުން ބުނަމުން ދަނީ އީދު ފާހަގަ ކުރުމުގެ ނަމުގައި, އަދި ސަގާފަތް ދިރުވާ އާލާ ކުރުމުގެ ނަމުގައި މިފަދަ ސިޔާސަތުތައް ކުރިއަރުވާ އާލާކުރަން ޖެހޭ ކަމުގައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, މިސަރުކާރުން ދަނީ ސަގާފަތް ދިރުވުމާއި އިހުތިފާލްތައް ފާހަގަ ކުރުމުގެ ނަމުގައި ލާދީނީ އެތައް ސަގާފަތެއް ދިރުވާ އާލާ ކުރަމުންނެވެ.