ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ހުރިހާ ވެރިންވެސް ވަނީ ކިއުގައި ނުޖެހި ސަރުކާރުގެ ސްޕޮންސަރޝިޕްގައި މިފަހަރު ހިލޭ ހައްޖު ކޮށްފަ, އެތައް ދިވެހި ރައްޔިތުން ހައްޖަށް ފައިސާ ދައްކިތާ އެތައް އަހަރެއް ފާއިތުވެދާއިރުވެސް އަދިވެސް ތިބީ ފުރުސަތު ނުލިބި!

ދިޔަވަރު
ހައްޖު ކޯޕަރޭޝަންގެ ހުރިހާ ވެރިންވެސް ވަނީ ކިއުގައި ނުޖެހި ސަރުކާރުގެ ސްޕޮންސަރޝިޕްގައި މިފަހަރު ހިލޭ ހައްޖު ކޮށްފަ, އެތައް ދިވެހި ރައްޔިތުން ހައްޖަށް ފައިސާ ދައްކިތާ އެތައް އަހަރެއް ފާއިތުވެދާއިރުވެސް އަދިވެސް ތިބީ ފުރުސަތު ނުލިބި!

މިއަހަރުގެ ހައްޖު މޫސުމުގައި, ހައްޖު ކޯޕަރޭޝަންގެ ހުރިހާ ވެރިންވެސް ކިއުގައި ނުޖެހި ސަރުކާރުގެ ސްޕޮންސަރޝިޕްގައި މިފަހަރު ހިލޭ ހައްޖު ކޮށްފައިވާކަން ހާމަ ވެއްޖެއެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލްގެ އިތުރުން އެކުންފުނީގެ ދެ ޑީއެމްޑީންކަމަށްވާ ޝެއިހް އަލީ ޝަރީފާއި އަދި މުހައްމަދު ޝިހާބުވެސް, ކިއުގައި ނުޖެހި, ސަރުކާރުގެ ސްޕޮންސަރޝިޕްގައި ވަނީ މިފަހަ ހައްޖު ކޮށްފައެވެ.

މިފަރާތްތަކުން ހައްޖު ކޯޕަރޭޝަންގެ އިސް މަގާމްތަކުގައި ތިބެގެން, ކިއުގައި ނުޖެހި, އަދި ސަރުކާރުގެ ސްޕޮންސަރޝިޕްގައި ހައްޖު ކޮށްފައިވާއިރު, ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށްފަހު އެފުސަތު ނުލި އެތައް އަހަރެއް ފާއިތުވެފައިވާ އެތައް ނިކަމެތި ރައްޔިތުން އަދިވެސް ތިބިކަން ފާހަގަ ކޮށްލެވެއެވެ. އަދި އާންމު ރައްޔިތު މީހާ ހައްޖަށް ދިއުމަށް 60,000 ރުފިޔާ ހައްޖު ކޯޕަރޭޝަންއަށް ދައްކަންޖެހޭއިރު, ރައްޔިތުން ހައްޖަށް ފޮނުވާދޭ ކުންފުނީގެ އެންމެ އިސް މަގާމްތަކުގައި ތިބެގެން އެކުންފުނީގެ އިސް ފަރާތްތަކުން ސަރުކާރުގެ ސްޕޮންސަރޝިޕްގައި ހައްޖަަށް ދިއުމަކީ ވަރަށްވެސް ބޮޑު ބޭއިންސާފެއް ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ހައްޖު ކޯޕަރޭޝަންގެ އިސްވެރިން ކިއުގައި ނުޖެހި ސަރުކާރުގެ ސްޕޮންސަރޝިޕްގައި މިފަހަރު ހިލޭ ހައްޖު ކޮށްފައިވާއިރު އެކުންފުނީގެ އެމްޑީ ޝަކީލްގެ އާއިލާވެސް މިފަހަރު ވީއައިޕީ ފެންވަރުގައާއި އަދި އެހީތެރިންގެ ގޮތުގައި ހައްޖު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން އެހީތެރިއެއްގެ ޓެގް އަޅުވައިގެން ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮ މިއަހަރު ހިލޭ ހައްޖުގެ އަޅުކަން ކޮށްފައިވާއިރު, އޭނާގެ މައިންބަފައިންވެސް ވަނީ ވީއައިޕީ ފެންވަރުގައި މިފަހަރު ހައްޖު ކޮށްފައެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި, ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮ ހައްޖަށް ގޮސްފައިވަނީ ހައްޖަށް ދިޔަ މީހުންގެ އެހީތެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް, މީގެ ކުރީގެ އަހަރުތަކުގައި ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދާ ފަރާތްތައް ހޮވަނީ ވަކި ތަރުތީބަކުން, އެކަމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ހިމެނިގެން ނުދާ އުސޫލުތަކަށް އިސްކަން ދީގެންނެވެ. އަދި އެފުރުސަތަށް އެދިއެދި ތިބޭ އެތައް ބަޔަކު އަބަދުވެސް ތިބެއެވެ. އެހެންނަމަވެސް, ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮ އެހީތެރިއެއްގެ ގޮތުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދިޔައީ, މިކަމުގެ ތެރެއަށް ސީދާ ޝަކީލް އަތް ބާނައިގެންކަމަށް އެނގިފައިވެއެވެ.

ނިކަމެތި އެތައް ރައްޔިތުން އެތައް އަހަރެއް ވަންދެން ހައްޖަށް ދިއުމުގެ ފުރުސަތު ނުލިބި ކިއުގައި ތިއްބާ, ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ މަންމައާއި ބައްޕަވެސް ވަނީ ކިއުގައި ނުޖެހި, މިއަހަރު ހައްޖަށް ގޮސްފައެވެ.

“ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ މަންމައާއި ބައްޕަ މިއަހަރު ޙައްޖަށް ގޮސްފައިވަނީ މޯލްޑިވިއަންގެ ބިޒްނަސް ކުލާހުގައެވެ. އަދި ޝަކީލްގެ މަންމައާއި ބައްޕަ މައްކާގައި ހުންނަ ހޮޓެލްގައި ހިލޭ ރޫމް ހަމަޖައްސާފައިވާއިރު ތިބެނީ 26,000 ރުފިޔާގެ އަގުބޮޑު ކޮޓަރިއެއްގައެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރަމުންދަނީ އާންމު ހައްޖުވެރިންނާއި ޚިލާފަށް, ވީއައިޕީ ފެންވަރުގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން ވީއައިޕީ ފެންވަރުގައި އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ސޯޝަލް މީޑިއާގައި ޕްރޮމޯޓު ކުރުމަށް ޚާއްސަ މީޑިއާ ޓީމެއް މުއިއްޒުވެސް ވަނީ އެކުލަވާލާފައެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތުދިން ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ މި ޓީމުގެ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ކަވަރޭޖް ހަދާ, އަޅުކަމުގައި ހޭދަ ކުރައްވާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރުން ކަމުގައެވެ. އެގޮތުން އިއްޔެ ސައުދީ އަރަބިއާއަށް ވަޑައިގެންނެވުމަށްފަހު, މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކޮށް މުއިއްޒު ނަމާދު ކުރެއްވި މަންޒަރުތައް މި މީޑިއާޓީމުން ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ހައްޖުގެ މަތިވެރިއަޅުކަން މިބީދައިން އިސްތިހާރުކޮށް, މި މަތިވެރި އަޅުކަމުން ސިޔާސީ މަންފާ ހާސިލްކުރުމަށް, މިއީ ރާއްޖޭގެ ރައީސަކު މީޑިއާ ޓީމެއް އެކުލަވާލައިގެން މިއީ މި ބީދައިން މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ,

ސައުދީ ރޯޔަލް ކޯޓާގައި ހިލޭ ހައްޖު ކުރުމުގެ ފުރުސަތު ހޯއްދަވާ, ވީއައިޕީ ފެންވަރުގައި ހައްޖު ކުރެއްވުމަށް ކުރައްވާ މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ ފުރާވަޑައިގެންނެވީ އިއްޔެ ހެނދުނުއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީވެސް، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.

މުއިއްޒުގެ ދެމަފިރި ކަނބަލުން މިފަހަރު ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ ރޯޔަލް ކޯޓާގައި ހިލޭ އެހީގައި ދޭ ހައްޖެއް ކަމަށާއި, ހައްޖުގެ ހުރިހާ ޚިދުމަތެއް ހުންނާނީ ވީއައިޕީ ފެންވަރުގައި ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވެފައިވަނީ ސާޖިދާއާއި އެމަނކުފާނުގެ ދެމަފިރި ކަނބަލުން މިފަހަރު ހައްޖަށް ވަޑައިގަންނަވާ ކަމަށާއި, އެ ދަތުރަކީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއް ކަމަށެވެ. އަދި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައި ވަނީ ހިލޭ ރޯޔަލް ކޯޓާގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވާ ހުރިހާ ދިވެހިންނަށްވެސް ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ރަގަޅު ފެންވަރުގައި ކަމުގައެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހައްޖުގެ އަޅުކަމަކީ, އިސްލާމް ދީނުގެ އެންމެ މާތް އެއް އަޅުކަމަށް ވާއިރު, މިމަތިވެރި އަޅުކަން ވީއައިޕީ ފެންވަރުގައި މުއިއްޒުގެ ދެމަފިރިން އަދާކުރައްވާ ވާހަކަ މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް މުއިއްޒު އިސްތިހާރު ކުރައްވަން ފެއްޓެވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.