ޚަބަރު

ޔަހޫދީ ދައުލަތުން އީރާނުގެ މިނިވަންކަން ނަގާލާ, ދިން އުދުވާނީ ހަމަލާ މުޅި އިސްލާމީ އުއްމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންދާއިރުވެސް, ހުޅަނގުގެ ގައުމުތަކަށް ޖެހިލުންވެ މުއިއްޒު ހަނު!

ދިޔަވަރު
ޔަހޫދީ ދައުލަތުން އީރާނުގެ މިނިވަންކަން ނަގާލާ, ދިން އުދުވާނީ ހަމަލާ މުޅި އިސްލާމީ އުއްމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންދާއިރުވެސް, ހުޅަނގުގެ ގައުމުތަކަށް ޖެހިލުންވެ މުއިއްޒު ހަނު!

ޔަހޫދީ ދައުލަތުން އީރާނުގެ މިނިވަންކަން ނަގާލާ, އެގައުމަށް ދިން އުދުވާނީ ހަމަލާ މުޅި އިސްލާމީ އުއްމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންދާއިރުވެސް, މި އަނިޔާވެރި ހަމަލާ ކުށްވެރިނުކޮށް ރައީސް މުއިއްޒު ހަނު ހުންނަވައިފިއެވެ.

އިސްރާއީލުންވަނީ ރޭގެ ފަތުހުގެ ވަގުތުގައި އިރާންގެ އަސްކަރީ އަދި ނިއުކުލިއަރ ސައިޓްތަކަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އީރާނުގެ ސިފައިންގެ ތަންތަނާއި ނިއުކްލިއަރ މަރުކަޒުތަކަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިއީ ތެހެރާނާ ދެކޮޅަށް އެގައުމުން ދިން ވަރުގަދަ އަސްކަރީ ހަމަލާއެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އެގައުމުގެ އަސްކަރިއްޔާގެ މި އޮޕަރޭޝަން ބޭނުންވާ މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އީރާނުގެ އޮފިޝަލުންވަނީ ތެހެރާނުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ދަތުރުފަތުރު މެދުކަނޑާލައިފައި ވާކަމަށް ވިދާޅުވެފައެވެ. ނޫސް މަޖައްލާތަކުން ރިޕޯޓު ކުރާ ގޮތުގައި އީރާނުގެ ވެރިރަށުގައި އާންމު ރައްޔިތުން ދިރިދިރިއުޅޭ ބައެއް ޢިމާރާތްތަކަށްވެސް ހަމަލާ ދީފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އެމެރިކާ މި ހަމަލާތަކުގައި "ބައިވެރިވެފައެއް ނުވާ" ކަމަށާއި، އީރާނުން ސަރަޙައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ނުދިނުމަށް އިންޒާރު ދޭ ކަމަށެވެ.

އީރާނަށް ދިން މި ހަމަލާތައް އައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންގޓަން ތެހެރާނާއެކު ޑިޕްލޮމެޓިކް މަސައްކަތް ކުރުމަށް ޢަޒުމް ކަނޑައަޅާފައިވާ ކަމަށް ބުނުމަށްފަހު ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

އިސްރާއީލުން އީރާނަށް މި ހަމަލާ ސައުދީ އަރަބިއާގެ އިތުރުން މުސްލިމު އެތައް ގައުމަކުން ވަނީ ކުށްވެރިކޮށްފައެވެ. ސައުދީ އަރަބިއާއިން ބުނެފައިވަނީ, އިސްރާއީލުން އީރާނުގެ މިނިވަންކަން ނިގުޅައިގެންފައިވާކަމަށެވެ.

އެހެންނަމަވެސް ދިވެހި ސަރުކާރުން މިހާތަނަށް މި ހަމަލާ ކުށްވެރި ކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އާންމުކޮށް ހުޅަނގުގެ ގައުމުތަކުގެ ރުހުން ހޯދުމަށް ޓުވީޓްކޮށް ހައްދަވާ މުއިއްޒުވެސް މިހާތަނަށްވެސް މިހަމަލާ ކުށްވެރިކޮށް ޓުވީޓެއްހާ މިންވަރުވެސް ކޮށްފައެއް ނުވެއެވެ.

މުއިއްޒުއަކީ މީގެކުރިންވެސް ހުޅަނގުގެ ގައުމުތަކަށް ބޯ ލެބުމުގެ, އިސްރާއީލުގެ މަސްލަހަތާއި ގުޅުންހުރި ކަންކަމުގައި ފާޑުކިއުމުގެ ނަޒަރިއްޔާތުން ޓުވީޓު ކުރުމަށް ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވި ތަނުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންވަނީ, އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުގެ ނަމުގައި, އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ މަގު ފަހިކޮށް ބޭއްވުމަށްފަހު, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުގައި ނަމެއްގައި އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް މުއިއްޒުގެ އަމުރަށް ބިލެއްވެސް ފާސްކޮށްފައެވެ.