ޚަބަރު

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު %7 އިތުރު ވެއްޖެ

ދިޔަވަރު
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު %7 އިތުރު ވެއްޖެ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 7 އިންސައްތައިން އިތުރުވެފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީއިން ޖޫން މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 5.6 ބިލިއަނެވެ. މިއީ ޖުމްލަ 7 އިންސައްތައިގެ ބޮޑު އަދަދެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 206.6 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.

އެގޮތުން ހަރަދުތަކުގެ ޖުމްލަ 91 އިންސައްތައަކީ ރިކަރަންޓް ހަރަދުތަކަށް ކޮށްފައިވާ ހަރަދުކަން ފާހަގަ ކުރެވެ އެވެ.

ރިކަރަންޓު ހަރަދު އިތުރުވެ ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ހިންގުން ހަރުދަނާކުރުމަށްޓަކައި ޚަރަދުތައް ކުޑަކޮށް އިސްލާހީ އަވަސް ފިޔަވަޅު އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ގެންދަނީ ތަކުރާރުކޮށް ރާއްޖެއަށް ލަފައާ އިރުޝާދު ދެމުންނެވެ. ނަމަވެސް ގައުމުގެ ވެރިން އެ އަޑުތައް ނާހާކަމަށް ރައްޔިތުން ދަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުންދަނީ ކެނޑި ނޭޅި ހަރަދުތައް ކުޑަ ކުރުމަށް އިލްތިމާސް ކުރަމުންކަން ފާހަގަ ކުރެވެ އެވެ.