މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވައި މައްސަލައާ ބެހޭ ގޮތުން ވާހަކަދެއްކިކަން މިއަދު އާންމުކުރި ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އެހެންނަމަވެސް, މުއިއްޒުގެ ނުފޫޒު ފޯރާގޮތަށް ބައްޓަން ކޮށްފައި އޮތް މި ކޮމިޝަންއިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ އެހާދިސާއާއި ގުޅިގެން ތަހުގީގަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، އެތަނުގައި އިންނެވި އޭރުގެ ޕޮލިސް ކޮމިޝަނަރު ޝުޖާއުއަށް ގުޅުއްވި ކަމަށެވެ. އަދި އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި އެކަން އެގޮތަށް ކުރީ ނުފޫޒު ފޯރުވަން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ޓެރެސްގައި ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އަމީންގެ ޓީމްގައި ހިމެނުނު ފަރާތެއް ކަމަށެވެ.
މީގެ އިތުރުން، އަމީނަށް ބޮޑުބޭބެ ކިޔާ ދެ ކުއްޖަކު ވެސް މި މައްސަލައިގައި ހިމެނޭ އިރު، އެރޭ އަމީން ގޭގެ ޓެރެސްގައި ހިނަގއިދިޔަ ކަންކަމަކީ ފުލުހުން ތަހުގީގު ކުރަމުންދިޔަ ކަމަކަށްވާތީ، ފުލުހުންގެ އެއްވެސް އޮފިސަރަކަށް ގުޅައި، މައްސަލައާ މެދު އެއްވެސް ވާހަކައެއް ދެއްކެވުމަކީ އާންމު މީހެއްގެ ވިސްނުމުން ބެލިޔަސް، ބަލައިގަންނަން ދަތިކަމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.
"ނަމަވެސް، މިނިސްޓަރު މުހައްމަދު އަމީންގެ ފޯނު ކޯލުގެ ސަބަބުން އެކަމާ ގުޅިގެން، މި މައްސަލައިގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަކަށް މި ކޮމިޝަނަށް ނުފެނެއެވެ،" އެ ރިޕޯޓުގައި ބުންޏެވެ.
އެހެންނަމަވެސް މި މައްސަލާގައި އަމީން ތަކުރާރުކޮށް ވަނީ, މައްސަލައަށް ނުފުޒު ފޯރުވުމަށް އޭރުގެ ސީޕީ ޝުޖާއު އަށް ނުގުޅާކަމަށް ވިދާޅުވެ ބޮޑެތި ދޮގުތައް ހަދާފައެވެ.