ޚަބަރު

ޔޯގާއަކީ ޝިރުކުގެ ޢަމަލެއް, އެކަމަށް މުއިއްޒު ފުރުސަތު ދިނީ އޭނާއަކީ ލާދީނީ ވެރިއަކަށް ވާތީ: ޝައިޚު ފަޒުލޫން

ދިޔަވަރު
ޔޯގާއަކީ ޝިރުކުގެ ޢަމަލެއް, އެކަމަށް މުއިއްޒު ފުރުސަތު ދިނީ އޭނާއަކީ ލާދީނީ ވެރިއަކަށް ވާތީ: ޝައިޚު ފަޒުލޫން

ޔޯގާއަކީ ޝިރުކުގެ ޢަމަލެއް ކަމަށާއި, އެކަމަށް މުއިއްޒު ފުރުސަތު ދިނީ އޭނާއަކީ ލާދީނީ ވެރިއަކަށް ވާތީ ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު ފަޒްލޫން މުހައްމަދު ވިދާޅުވެއްޖެއެވެ.

500 ބައިވެރިންނާއެކު މިއަދު ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަ ކުރުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި ޝައިޚު ފަޒްލޫން ވިދާޅުވީ ޔޯގާއަކީ އޭރުވެސް މިހާރުވެސް ޝިރުކެއް ކަމަށާއި, އޭރު އެކަން ހުއްޓުވުނީ ކުރިން އިއުލާންކޮށް މާލޭގެ ފަސްގަޑުގައި އެ ހަރަކާތް ހިންގުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މުހައްމަދު ކިޔަސް, އިބުރާހިމް ކިޔަސް މި ޝިރުކުގެ އަމަލަށް ރާއްޖޭގައި ފުރުސަތު ދެނީ ވެރިން ލާދީނީ ވުމުން ކަމަށެވެ. އޭނާ ވިދާޅުވީ މިފެންނަނީ އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެކަން ކަމަށާއި, ކުރުފުގެ ޑިމޮކްރަސީން އަންނާނެ ހެވެއް ނޯނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ފުޅީގެ ބޭރުގައި ޒަމްޒަމް ޖަހާފަ އޮތަސް, އެތެރޭގައި ހުރީ ބަނގުރާކަމަށް ވާނަމަ, އެ ބޯ މީހާ ހުންނާނީ ދެބަންދިހާރަވެފައި ކަމުގައެވެ.

އެމްޑީޕީގެ ވެރިކަމުގައި ޔޯގާ ދުވަސް ފާހަގަކުރުން ހަރާމްކަމަށް ބުނި ގިނަ ދީނީ ޢިލްމުވެރިން, މިފަހަރު ރާއްޖޭގައި 500 ބައިވެރިންނާއެކު ޔޯގާ ދުވަސް ފާހަގަކުރިއިރު ތިބީ ހަނުއެވެ. އޭގެ ތެރޭގައި ޔޯގާއަކީ ހަރާމްކަމެއްކަމަށް ބުނާ އަލީ ރަމީޒުއާއި, ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި, ޔޯގާއަކީ ހަރާމްކަމެއް ކަމަށް ބުނަމުން އައި ސަލަފްވެސް އޮތީ ހަނުއެވެ. އަދި ހެނދުނުގެ އެރި އިރާއެކު, ޔޯގާ ހަރަކާތް ބޭއްވުމަކީ އިރަށް އަޅުކަން ކުރުން ކަމަށް ދީނީ އެތައް އިލްމުވެރިންނެއް ސިފަކޮށްފައިވާއިރު, ނަމާދު ކުރަމުން ކުރަމުން ގޮސް ނިތްކުރީގައި ކުރަ ލާފާއި ހުންނެވި މުއިއްޒުވެސް ހުންނެވީ މިފަހަރު ހަނުއެވެ. އިސްލާމިކް މިނިސްޓަރ ޝަހީމްވެސް ހުންނެވީ ހަނުއެވެ. އަދި ފާއިތުވި ވެރިކަމުގައި, ޔޯގާ ހަރަކާތާއި ދެކޮޅަށް ދަނޑިބުރި ހިފައިގެން ތެދުވި ޕީއެންސީގެ މާފެލޭވެސް ހުރީ ހަނުއެވެ.

ފެންނަމުންދަނީ ދީން ހަތިޔާރަކަށް ހަދާ, މި ސަރުކާރުން ދައްކަމުންދާ މުނާފިގުކަމުގެ ސިފައެވެ.