ޚަބަރު

ދަރިވަރުންގެ ނަތީޖާ ދަށްވެ, ފާސްނުވާ ވާހަކަ ދައްކަން އެޑިއުކޭޝަން މިނިސްޓަރު ޝަފީޢު ލަދެއް ނުގަތް, ނާގާބިލް ވަޒީރަކާ ތަޢުލީމީ ވުޒާރާ ހަވާލުކޮށްގެން, މުއިއްޒު ގެންދަވަނިީ ޒުވާން ޖީލެއްގެ މުސްތަގުބަލް ހަލާކުކޮށް ނެތި ކޮށްލަމުން!

ދިޔަވަރު
ދަރިވަރުންގެ ނަތީޖާ ދަށްވެ, ފާސްނުވާ ވާހަކަ ދައްކަން އެޑިއުކޭޝަން މިނިސްޓަރު ޝަފީޢު ލަދެއް ނުގަތް, ނާގާބިލް ވަޒީރަކާ ތަޢުލީމީ ވުޒާރާ ހަވާލުކޮށްގެން, މުއިއްޒު ގެންދަވަނިީ ޒުވާން ޖީލެއްގެ މުސްތަގުބަލް ހަލާކުކޮށް ނެތި ކޮށްލަމުން!

ރާއްޖޭ ދަރިވަރުންގެ ނަތީޖާތައް ކަންބޮޑުވާ ހާލަތެއްގައި ހުރިކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަފީޢު ވިދާޅުވީ، އޯލެވެލް އިމްތިޙާނުގައި ވަނަތައް ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އޭލެވެލްގައި ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް ވަރަށް ދަށްކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2013 އާއި 2014 ވަނަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ 50 ޕަސެންޓަށްވުރެ ގިނަ ދަރިވަރުން 5 މާއްދާއިން ފާސްވެފައެއް ނުވެއެވެ. މިއީ ތަޢުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމުގައިވާ 5 މާއްދާއިން ސީ ފާސް ހޯދުމުގެ މިންގަޑަށްވުރެވެސް ދަށް ނަތީޖާއެކެވެ.

އޭލެވެލް ފެންވަރުގައި ހާލަތު އިތުރަށް ގޯސްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، 2021-2022 ގައި އޭލެވެލް ނިންމި ދަރިވަރުންނަށް ބަލާއިރު، އޯލެވެލްގައި ޓޮޕް ޓެންގައި ހިމެނުނު 840 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން 64 ޕަސެންޓް ދަރިވަރުން އޭލެވެލް ކިޔަވަން ފެށިނަމަވެސް، އޭގެ ތެރެއިން އޭލެވެލް ޓޮޕް ޓެންއަށް ވަނީ 36 ޕަސެންޓް ދަރިވަރުން ކަމުގައެވެ.

ސަރުކާރުން އަހަރަކު ތަޢުލީމީ ދާއިރާއަށް 4 ބިލިޔަން ރުފިޔާ ޚަރަދުކުރާއިރުވެސް، މުދައްރިސުންނާއި ބެލެނިވެރިންގެ އެއްބާރުލުމާއެކު ކުރާ މަސައްކަތުން ބޭނުންވާ ނަތީޖާ ހާސިލުނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށްވަމުން ދާވާހަކަ އެޑިއުކޭޝަން މިނިސްޓަރު ދެއްކެވިއިރު, ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމުގެ އެންމެހާ ޒިންމާއެއް އުފުލާން ޖެހިފައިވާ ފަރާތަކީވެސް އެއީއެވެ. އަދި މިވެރިކަމަށް 2 އަހަރު ފާއިތުވެގެންދިޔަ އިރު, ފެންނާން އޮތް ނަތީޖާއަކީ, މިއިން ސަމާނަކު ދަރުވަރުންގެ ނަތީޖާ ދަށަށް ނުދާ މިންވަރަށް ދަށަށް ދިއުންކަމަށްވާނަމަ, ސާފުވާން އޮތް އެއް ހަގީގަތަކީ, ރާއްޖޭގެ ތައުލިމީ ނިޒާމުގެ ހާލަތު ބޮއްސުން ލާފައި އޮތުމެވެ.

ގިނަ ބަޔަކު މިއަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ރާއްޖޭގެ ތައުލީމީ ހާލަތު މިފަދަ ދަށު ދަރަޖައަކަށް ވެއްޓެން މެދުވެރިވި ހަގީގީ ސަބަބަކީ މުއިއްޒު ތައުލީމީ ވުޒާރާ, އޭނާގެ ގާތް އެކުވެރިޔަކާ ހަވާލު ކުރެއްވި ކުރެއްވުމެވެ.

އާދޭހެވެ! އެވުޒާރާގެ ވަޒީރަކަށް ހުންނެވި ޑރ. އިސްމާއިލް ޝަފީޢުއަކީ ބޮޑާ، ކިބުރުވެރި, ހައްދުފަހަނައެޅި ވަޒީރަކަށް ވިޔަސް، މުއިއްޒުގެ އަރިސް ބޭފުޅަކަށްވީމާ ވަޒީރު ކަމަކީ މި 5 އަހަރަށް ހިބަކޮށް ލިޔެދީފަ އޮތް ވަޒީފާއެއްކަމަށް އޭނާ ހުންނެވީ ހިތުލައިގެންނެވެ. މުއިއްޒުއާއި އޮންނަ ގާތްކަމެއްގެ ބޮޑުކަމުން, މި ވަޒީރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތެވެ. ޝަކުވާއެއްގެ އަޑު އޭނާގެ ކަންފަތަށް އިއްވޭނެ ގޮތެއް ނެތެވެ. މައްސަލައެއްގެ ހައްލު ހޯދުމަށް އޭނާއާއި މަޝްވަރާ ކުރެވޭނެ ގޮތެއް ނެތެވެ. ތައުލީމީ ވުޒާރާއަކީ އޭނާ ހިތުހުރި ގޮތަކަށް މޮޑެން އޮތް ފުށްގަޑަކަށް ވެގެން ހިގައްޖެއެވެ.

އެހެންނަމަވެސް, މުއިއްޒު މިއަދު ގަބޫލުރައްވަން ވީ ހަގީތަކީ, ސިޔާސީ ތަޖުރިބާއެއް ނެތް, ހައުސް މޭޓުންނާއި, ރޫމް މޭޓުންނާއި ކުލާސް މޭޓުން ލައިގެން ގައުމު ހިންގެން ނެތްކަމެވެ. ބޮޑާ ކަމާއި, ހަރުކަށިކަމާއި, ކިބުރުވެރިކަމުން ފޯވެފައި ހުރި މިފަދަ މިވަޒީރެއްގެ ފަރާތުން މުއިއްޒުއަށް ހާސިލްވާ ސިޔާސީ އެއްވެސް މަންފާއެއްވެސް ނެތްތާގައި, އޭނާއާއި ހެދި ހަނާ ވަމުން ދަނީ ތައިމީލީމީ ނިޒާމުކަމެވެ. ނެތި ގެއްލިގެން ދަނީ ޒުވާން ޖީލެއްކަމެވެ.