އެމެރިކާއިން އީރާނަށް އުދުވާނީ ހަމަލާދިންތާ 24 ގަޑިއިރު ފާއިތު ވެގެން ދިޔައިރުވެސް, އެމެރިކާގެ އުދުވާން ކުށްވެރި ކުރުމަށް މުއިއްޒު ފަސް ޖެހިއްޖެއެވެ.
އެމެރިކާއިންވަނީ އެގައުމުގައި ހުރި އެންމެ ވަރުގަދަ ހަތިޔާރުގެ ބޭނުން ކޮށްގެން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލާދީ އީރާނުގެ މިނިވަންކަން ނަގާލާފައެވެ. މިއީ ޔޫއެންގެ ޗާޓަރާވެސް ޚިލާފަށް އެމެރިކާއިން އީރާނަށް ދީފައިވާ އުދުވާނީ ހަމަލާއެކެވެ. އަދި އެމެރިކާގެ މި އުދުވާން އިސްލާމީ ހުރިހާ ގައުމަކުންވެސްވަނީ ކުށްވެރި ކޮށްފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ އާއި ތުރުކީފަދަ އިސްލާމީ ބޮޑެތި ގައުމުތައް ހިމެނޭއިރު, ބަހުރެއިން ޤަތަރުފަދަ, އިސްލާމީ ކުދި ގައުމުތައްވެސް ހިމެނެއެވެ. އަދި ރާއްޖެއާއި އަވައްޓެރި ފާކިސްތާނާއި އެނޫން އެތައް އިސްކާމީ ގައުމަކުންވެސް ދަނީ, ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ޚިލާފަށް އެމެރިކާއިން އީރާނަށް ދިން އުދުވާނީ ހަމަލާތައް ކުށްވެރި ކުށްވެރި ކުރަމުންނެވެ.
އެހެންނަމަވެސް އެމެރިކާއިން މި އުދުވާނީ ހަމަލާދިންތާ 24 ގަޑިއިރުވެގެން ދިޔައިރުވެސް, ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރިއަކަށް ހުންނެވި, ރައީސް މުއިއްޒު މިހަމަލާ ކުށްވެރިކޮށްފައި ނުވާއިރު, ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް އެމެރިކާގެ މި އުދުވާން ކުށްވެރިކޮށްފައި ނުވެއެވެ.
ރައީސް މުއިއްޒުއަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކުގައި އަޑުއުފުއްލަވާކަމަށް އަމިއްލަފުޅަށް ވިދާޅުވެ, އަދި ސިޔާސީ ވަޒިފާތަކުގައި ތިބި ސިޔާސީ އެކްޓިވިސްޓުން ލައްވާ އެބީދައިން ޓުވީޓުވެސް ކުރައްވާ ބޭފުޅެކެވެ. އެހެންނަމަވެސް ހުޅަނގުގެ ގައުމަކުން އިސްލާމީ ގައުމެއްގެ މިނިވަންކަން ނަގާލާ, އުދުވާނީ ހަމަލާދީ, ބައިނަލް އަގުވާމި ގާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުން ކުރިއިރުވެސް, މުއިއްޒު ހުންވެވީ އެކްސް ޕޯސްޓެއްހާ މިންވަރުވެސް ކޮށްލައްވަން ކެރިވަޑައި ނުގެންނެވެ.
ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ގެންދަވަނީ, ދީނީ ކާޑު ކުޅުއްވުމުގައިވެސް މުނާފިގުކަމުގެ ސިފައް ދައްކަވަމުންނެވެ.
މިއީ, އިސްލާމީ އުއްމަތާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހުޅަނގުގެ ގައުމަކުން ހިންގަމުންދާއިރު, ދިވެހި ސަރުކާރުން އުއްމަތުގެ ދިފާއުގައި ބަސްބުނަން ފަސްޖެހުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އަދި ރާއްޖޭގެ އެއްވެސް ރައީސަކު މީގެކުރިން މިބީދައިން ހުޅަނގުގެ ގައުމުތަކުގެ އުނގަށްވެއްޓިފައި ނުވާއިރު, މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސެއްގެ ކިބައިން މުނާފިގުކަމުގެ ސިފަ މިބީދައިން ފެނިގެން ގޮސްފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.