ޚަބަރު

އެމެރިކާއިން އިމްޕޯޓް ޑިޔުޓީ ބޮޑު ކުރުމުން، ޗައިނާގެ ސިނާޢީ ފައިދާ މެއި މަހު ދަށަށް

ދިޔަވަރު
އެމެރިކާއިން އިމްޕޯޓް ޑިޔުޓީ ބޮޑު ކުރުމުން، ޗައިނާގެ ސިނާޢީ ފައިދާ މެއި މަހު ދަށަށް

ޗައިނާގެ ސިނާޢީ ވިޔަފާރިތަކުގެ ފައިދާ މެއި މަހު ކުރީ އަހަރާ އަޅާބަލާއިރު 9.1% އަށް ދަށަށް ގޮސްފައިވާކަމަށް ޤައުމީ ތަފާސްހިސާބު ބިއުރޯއިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ ޗައިނާގެ އިޤްތިޞާދަށް ޑިފްލޭޝަނަރީ ޕްރެޝަރތަކާއި ދިގުލައިގެންދާ ޕްރޮޕަރޓީ ހީނަރުކަމުގެ ސަބަބުން އަސަރުކޮށް، މުދަލަށް ބޭނުންވާ މިންވަރު (ޑިމާންޑް) އަދި އިޤްތިޞާދީ ކުރިއެރުން ދަށްވެފައިވެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުވެރިއެއް ކަމަށްވާ ޔޫ ވެއިނިންގ ވިދާޅުވީ "އެކަށީގެންވާ ޑިމާންޑެއް ނެތުމާއި، ސިނާޢީ އުފެއްދުންތަކުގެ އަގުތައް ދަށްވުމާއި، ކުރު މުއްދަތުގެ ބަދަލުތަކުގެ ސަބަބުން" ފައިދާ ދަށަށް ގޮސްފައިވާ ކަމަށެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ފަސް މަހުގައި ސިނާޢީ ފައިދާ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.1% ދަށަށް ގޮސްފައިވެއެވެ. މިއީ ޖަނަވަރީ-އޭޕްރިލް މުއްދަތުގައި ފެނުނު 1.4% ގެ ކުރިއެރުމާ ތަފާތު ނަތީޖާއެކެވެ.

ޗައިނާގެ ފެކްޓަރީތަކުން ނިކުންނަ މުދަލުގެ އަގުތައް ފާއިތުވި މަހު ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެންމެ ދަށް މިންވަރަށް ގޮސްފައިވާއިރު، ކޮންސިއުމަރ އަގުތައްވެސް ވަނީ ދަށަށް ގޮސްފައެވެ.

އެއެންޒެޑްގެ ސީނިއަރ ޗައިނާ ސްޓްރެޓަޖިސްޓް ޒިންގ ޒަވޯޕެންގ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމްޕޯޓް މުދަލަށް ނަގާ ޓެރިފް ބޮޑު ކުރުމާއި، ޗައިނާގެ އެތެރޭގައި ހިނގާ އަގުގެ ވާދަވެރިކަމުގެ ސަބަބުން އަގުތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފުރަތަމަ ފަސް މަހުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާ 7.4% ދަށަށް ގޮސްފައިވެއެވެ. ޕްރައިވެޓް ކުންފުނިތަކުގެ ފައިދާ 0.3% އިތުރުވެފައިވާއިރު، ބޭރުގެ ކުންފުނިތަކުގެ ފައިދާ 3.4% އިތުރުވެފައިވެއެވެ.