ޚަބަރު

‏ސްޓެލްކޯ ފަހުމީ ކުރަމުންދާހާ ވައްކަންތަކާއި, ހިންގަމުންދާ ކޮރަޕްޝަނާއި ސްކޭމްގެ މޭސްތިރިއަކީ މުއިއްޒު!

ދިޔަވަރު
‏ސްޓެލްކޯ ފަހުމީ ކުރަމުންދާހާ ވައްކަންތަކާއި, ހިންގަމުންދާ ކޮރަޕްޝަނާއި ސްކޭމްގެ މޭސްތިރިއަކީ މުއިއްޒު!

‏ސްޓެލްކޯގެ މިހާރުގެ އެމް.ޑީ ހުސެއިން ފަހުމީ އަކީ ކޮރަޕްޓް މީހެއްކަން އެކި މަސްދަރުތަކުން ލިބިފައިވާ މައުލުމާތުތަކުން ވަރަށް ސާފުކޮށް އެނގެއެވެ. މީނާގެ ނާގާބިލް ކަމުގެ ސަބަބުން ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއް އަޑިއަޅާލައިގެން ދާތަން ބަލަން ކެތް ނުވެގެން ރައީސް މުއިއްޒުއާއި ހަމައަށް މީނާގެ މައްސަލަ މިނިސްޓަރ ޒަމީރު އަދި މިނިސްޓަރ ތޯރިގް ވެސް ވަނީ ގެންގޮސްފައެވެ. މިކަން ރައީސް އޮފީހުގެ މިނިސްޓަރަކުވެސް ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް މި 2 މިނިސްޓަރުންނަށްވެސް ނޭގުނު ކަމަކީ ފަހުމީ ދިވެހި ރައްޔިތުން ފެލަން ހިންގާ ސްކީމްގެ އެންމެ އިސް ފަރާތަކީ ރައީސް މުއިއްޒު ކަމެވެ. އެހީވަނީ ބާރަށު ސުޖާ އާއި ކެލާ ޝަރީފެވެ.

ސްކީމް ހަމަޖެހިފައި އޮންނަ ގޮތުން ފަހުމީ ސްޓެލްކޯއަށް ގެންނަ މުދާ ގެންނަނީ ސުޖާ އަދި ޝަރީފުގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ހަވާލުކޮށްގެންނެވެ. ކޮންމެ ޓްރާންސެކްޝަނެއްގެ ފައިދާގެ %50 ރައީސްއަށެވެ. މީގެ އިތުރުން ރައީސް ގައުމުން ބޭރަށް ކުރަށްވާ ކޮންމެ ދަތުރަކަށް މިލިޔަނުން ހަރަދު ކުރެއެވެ. އެގޮތުން ދާދި ފަހުން ރައީސް އިނގިރޭސި ވިލާތައް ކުރި ދަތުރަށް 5 މިލިއަން ރުފިޔާ ފަހުމީ ވަނީ ދީފައެވެ. މިކަމަށް ބޭނުންވާ ފައިސާ ފަހުމީ ހޯދަނީ ރައްޔިތުންގެ ކަރަންޓް ބިލްތަކާއި ކުޅެގެން ރައްޔިތުން ފެލައިގެންނެވެ. އެހެންކަމުން ފަހުމީ ބޭރު ނުކުރާނެ ކަމުގެ ގެރަންޓީ ރައީސް ވަނީ ދެއްވާފައެވެ. ދާދި ފަހުން ސްޓެލްކޯ ސީނިއަރ މެނޭޖްމަންޓާއި އެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ޒަމީރުއާއި މިނިސްޓަރ ތޯރިގް ފަހުމީ ބޭރު ކުރަން އުޅެކަން އެނގޭ ކަމާއި އޭނާ ބަދަލެއް ނުކުރެވޭނެ ކަމާއި ރައީސްގެ މައްޗަށް އެނާގެ ނުފޫޒު މާ ގަދަވާނެކަމަށް އޭނާ ވަނި ބުނެފައެވެ.

އޭނާ ދަންނަ އަދި އެއްކޮށް މަސައްކަތް ކޮށްފައިވާ ކޮންމެ މިހެއް ދަންނާނެއެވެ. އަދި މިނާ އަކީ ހަވާލްވި އެއްވެސް ޑިޕާޓްމަންޓެއް ރަނގަޅުގޮތުގައި ހިންގަން ނޭގި ފެއިލްވެފައި ހުރި މީހެކެވެ. އެކި އެކި މައްސަލަތަކާއި ހެދި މަސައްކަތުން ދެތިން ފަހަރަށް ދުރުވެސް ކުރެވިފައި ހުރި މީހެކެވެ. މިފަދަ މީހަކާއި ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއްގެ ޒިންމާ ހަވާލްކުރުމުން ތަނުގައި ދުވަސްވީ މުވައްޒަފުންނަށް ލިބިގެންދިޔައީ ޝޮކެކެވެ. މިނާއަށް ކުންފުނި ހިންގުމުގެ ގާބިލްކަން ނެތްކަން އެގޭތީއެވެ. ކުންފުނި އަޑިއަޅައިގެން ދާނެކަން އެނގޭތީއެވެ. މިއަދު ފެންނަމުން މިދަނީ ފަހުމީއާއި ކުންފުނި ހަވާލް ކުރުމުގެ ހިތި ނަތީޖާއެވެ. މީގެ ބައެއް ކަންކަން ތިރީގައި ފާހަނގަ ކުރަމެވެ. އަދި މިކަންކަމަކީ އިތުރަށް ތަހުގީގުކޮށް ބަލަންޖެހޭ ކަންކަން ކަމުގައިވެސް ދެކެމެވެ.
‏އެހެންކަމުން މި ލިޔުމުގައި ފަހުމީގެ ކަންތައްތަކަށް ތަންކޮޅެއް ބޮޑަށް އަލި އަޅުވާލާނަމެވެ.

‏ފަހުމީ އަކީ އަސްލު ކާކު؟

ފަހުމީ އަކީ ކުންފުނީގައި އެތައް ދުވަހަކު އެކި ޑިޕާޓްމަންޓް ތަކުގައި މަސައްކަތް ކޮތްފައި ހުރި މީހެކެވެ. އެންމެ މަތި ސަނަދަކަށް އޮންނަނީ މާސްޓާސް ޑިގްރީއެވެ. ގްރެޖުއޭޓް ވީ އެންމެ ދަށު ދަރަޖައިންނެވެ. ތަރޑް ކްލާސް އެވެ. ކިރިޔަ ކިރިޔާ ފާސްވީއެވެ. ފަހުމީ ގިނަ މީހުންނަށް އެނގޭނީ ޕްރޮކިޔަމެންޓް ޖީ.އެމް އަކަށް އޭނާ ހުރި ދުވަސްވަރުންނެވެ. އޭރު ކުރި ވައްކަން ތަކުންނެވެ. ފަހުމީ ސްޓެލްކޯގައި ކޮށްފައި ހުރި ބައެއް ކަން ކަން ފާހަގަ ކޮށްލަމެވެ.
‏ފަހުމީ އިސްވެ ހުރެ ސްޓެލްކޯއަށް ކޮޅުވެއްޓިއެއް ގަންނަން ބަޔަކާއި ހަވާލުކުރިއެވެ. ފުލް ޕޭމަންޓް އެޑްވާންސްކޮށް ދިނެވެ. އެކަމަކު އެ ކޮޅުވެއްޓި ސްޓެލްކޯއަކަށް ނުލިބެއެވެ. މަސައްކަތް ހަވާލުކުރި ކުންފުންޏަށް ވީނުވީ އެއްވެސް ނޭގުނެވެ. ފައިސާވެސް އަނބުރާ ނުލިބުނެވެ.

ފަހުމީ އިސްވެ ހުރެ ސްޓެލްކޯއަށް ޔުނިވާސަލް ބްރޭންޑްގެ ކޭބަލް ގެނައެވެ. ގެނައީ މޯހަން މުތާ ކުންފުންޏާއި ހަވާލްކޮށްގެންނެވެ. މޯހަން މުތާއަކީ ފަހުމީއާއި ވަރަށް ގާތް ފަހުމީއަށް ކޮމިޝަންދޭކަމަށް އެއްބަސްވާ ކުންފުންޏެކެވެ. މޯހަން މުތާއާއި ކޭބަލް ގެންނަން ހަވާލު ކުރީ ޔުނިވަރސަލް ކުންފުނިން އެ ކޭބަލް އޭގެ %50 އަގުގައި ގެންނަން ބިޑްކޮށްފައި އޮތްވައެވެ. މިކަންކުރީ ޕްރޮކިޔަމަންޓް ޕޮލިސީއަށް އެންމެ ފަހު ވަގުތު ގެނައި ބަދަލެއްގެ ދަށުންނެވެ. އެމް.ޑީ އަކަށް ވީފަހުން މޯހަންމުތާ އާއި ހަވާލްކޮށްގެން ބޮޑު އަގުގައި ޖަނަރޭޓަރ ތަކެއްގެންނަން އުޅުންކަން ސޯޝަލް މީޑިއާގައި ފަޅާއެރިއެވެ.

ފަހުމީ އިސްވެ ހުރެ 2018 ވަނަ އަހަރު ސްޓެލްކޯއަށް ލެޑްފަތި ތަކެއް އޯޑަރ ކުރިއެވެ. ފުލް ޕޭމަންޓް ދެއްކިއެވެ. އެކަމަކު ލިބުނީ 4 ކޮންޓެއިނަރ އިން 2 ކޮންޓެއިނަރ އެވެ. ބާކީ 2 ކޮންޓެއިނަރ އަށް ވީގޮތެއް ނޭގުނެވެ.

ފަހުމީ އިސްވެ ހުރެ ސްޓެލްކޯގައި ފެން ބަންދުކުރާ ޕްލާންޓެއް ހެދިއެވެ. މަސައްކަތް ހަވާލްކުރީ ސީދާ ފަހުމީ ބޭނުންވި ޗައިނާ ބަޔަކާއެވެ. މިލިއަނުން ހަރަދހު ކުރިއެވެ. އެހެނަސް އޭގެ މާ ބޮޑު ބޭނުމެއް ނުހިފި ހުރެފައި އެ ޕްލާންޓް ވަނީ ފަހުމީ އެމް.ޑީ އަކަށް އައިފަހުން ބާ ދަނގަޑަށް ކިރާފައެވެ. އެއްލާލި އިރު އިންވެސްޓްމަންޓް ވެސް ކަވަރ ނުވެއެވެ.

ފަހުމީގެ ވިލަރެސްވެރިކަމުގެ ދަށުން ސްޓެލްކޯ ހިޔާ އަޅަން ފެށިއެވެ. ރޯޓައިމް އިންޖިނިއަރިންގެ ކޯޓޭޝަންގައި ސްކުރޫ ޕައިލް ކުރަން 10 މިލިއަން ޑޮލަރު ޖަހާފައި އިނެވެ. އެކަމަކު ޕްރޮޕޯސް ކުރި ގޮތަށް ސްކުރޫ ޕައިލް ނުކުރެއެވެ. އެކަމަކު ރޯޓައިމް އިން މަސައްކަތް ނިމުނު ކަމަށް ބުނެ 10 މިލިއަން ޑޮލަރު ދައްކަން އިންވޮއިސް ކުރިއެވެ. މިކަމަށް އޭރު ހުރި ޕްރޮޖެކްޓް ކޮންސަލްޓަންޓް އަދި ވިލަރެސް ކޮމެޓީ މެމްބަރުން އެއްބަސް ނުވުމުން ކޮމެޓީއާއި ކޮންސަލްޓަންޓް ފަހުމީގެ އެދުމަށް އޭރުގެ ސީ.އީ.އޯ ޒުހޫރު ބަދަލް ކުރިއެވެ. އަދި އާ ކޮންސަލްޓަންޓާއި ކޮމިޓީއިން ފަހުމީ އެދުނު ގޮތަށް ނުކުރާ މަސައްކަތަކަށް ފައިސާ ދޫކުރިއެވެ. މީގެއިން ފަހުމީއަށް ކޮމިޝަން ލިބުނެވެ.

އެމްޑީކަމާއި ހަވާލުވުން:

‏އެމް.ޑީ މަގާމަށް އައްޔަން ކުރުމަށް ފަހުން ކުރަމުން އަންނަ ކަންކަމާއި ބަސް މަގު ބަދަލު ކުރިގޮތް
‏ފަހުމީ އަބަދުވެސް ފަހުރުވެރި ކަމާއެކު ބުނަމުން އަންނަނީ ތިމަންނާ މިއީ ރާއްޖޭގެ ރައީސް އައްޔަން ކޮށްފައިވާ މީހެއް ކަމަށެވެ.

އެހެން ކަމުން ޖަވާބު ދާރީވާންވެސް ޖެހޭނީ ރައީސަށް އެކަނި ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ކުރަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންކަމަށެވެ. އެހެންކަމުން މިހާރު ފަހުމީ ކުރަމުން އަންނަ ވައްކަމާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމާއި ދެމުންދާ އަނިޔާ ސީދާ މުވައްޒަފުން ގުޅުވަނީ ރައީސް ޑރ. މުއިއްޒުއާއި އެވެ. ޓީވީ އާއި މީޑިއާ އައުޓްލެޓްތަކަށް އަރާފަ ބުނަމުން ދިޔައީ ތަން ސިޔާސީ ކުރުން ހުއްޓުނީ ކަމަށެވެ.

އެހެނަސް ކަންތައް ކުރީ އެއާ މުޅިން ހިލާފަށެވެ. ތަން ވެގެން ދިޔައީ ސިޔާސީ އައްޑާއަކަށެވެ. ސިޔާސީ ގޮތުން އެތައް ބޭކާރު މުވައްޒަފުންތަކެއް ބޮޑު މުސާރަ ދީފައި ވަޒީފާއަށް ވެއްދިއެވެ. ސިޔާސީގޮތުން އެތަށް ޕްރޮމޯޝަނެއް ދިނެވެ. އިދިކޮޅު ވިސްނުން ހުރި ފަރާތެއް ވިއްޔާ އަނިޔާ ދިނެވެ. ދުރު އިންޖީނުގެތަކަށް އަރުވާލައެވެ. ނުވަތަ ވަޒީފާއިން އެއްވެސް ސަބަބެއް ނެތި ކަނޑާލައެވެ. މަގާމު ދަމަހައްޓަނީ ހަރުދަނާ މަސައްކަތެއް ކޮށްގެނެއް ނޫނެވެ. ކުންފުނި ހިންގަން ނޭގޭތީ މަގާމު ދަމަހައްޓަނީ 3 ޑީ.އެމް.ޑީ، ހާއްސަކޮށް މުޒުނާ ރުސްސައިގެންނާއި މަޖިލިސް މެމްބަރުނ ރުއްސައިގެންނެވެ.

‏ކޮށްފައިވާ ބައެއް ކަންތައް:

ކުންފުންޏަށް ގެންނަ ޖަނަރޭޓަރ ވަކި ބައެއް އަތުން ގެނައުން:

ސްޓެލްކޯއަށް މިހާރު ގެންނަ ޖަނަރޭޓަރ ގެންނަނީ ކެލާ ދާއިރާ މެމްބަރ ޝަރީފަށް ބައި އަޅާގޮތަށް އޭނާ ބުނާ ސަޕްލަޔަރެއް އަތުންނެވެ. އެގޮތުން ސަޕްލަޔަރާއި ރާއްޖެއިން ބޭރުން ބައްދަލު ކުރާ ހުރިހާ ބައްދަލުވުމެއްގައި ޝަރީފް ބައިވެރިވެއެވެ. މިކަން ޝާރީފްގެ ދަތުރު ކުރުމުގެ ޕެޓާންއާއި ސްޓެލްކޯ އިސް ވެރިން ޗައިނާއަށް ކުރާ ދަތުރު ތަކުގެ ދުވަސްތަކާއި އަޅާ ކިޔާލީމަވެސް ވަރަށް ސާފުކޮށް އެނގިގެން ދާނެއެވެ. މިގޮތަށް ޖަނަރޭޓަރ ގެނައުމުން އެތަކެތީގެ އަގު އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ކުންފުންޏަށް ގެންނަ ސްޕެއާ ޕާޓްސް ވަކި ބައެއް އަތުން ގެނައުން:

ފަހުމީ ކުންފުންޏާ ހަވާލުވި ފަހުން ސްޕެއާ ޕާޓްސް ވެސް ގެންނަނީ ތާޑް ޕާޓީ ބައެއް އަތުންނެވެ. މިގޮތަށް ގެންނަ މުދަލަށް އެކި ކަހަލަ ގެއްލުންވެފައި ހުއްޓަސް އެތަކެތި ގަބޫލްކުރަން ޝަރީފް މަޖުބޫރު ކުރުވައެވެ. އަދި މިގޮތަށް ގެންނަ ޕާޓްސްގެ އަގު 2 ގުނަ އަގުވެސް ބޮޑެވެ. މިކަމުގައިވެސް ކެލާދާއިރާގެ މެމްބަރުގެ އަތެއްވެއެވެ. އަދި މިތަކެއްޗަށް އޯޑަރ ޖަހަނީ ސީދާ ޔާސިރު ބުނާގޮތަކަށެވެ.

ހިފަހައްޓާފައި ހުރި ރިޓެންޝަން ފައިސާ ދޫކުރުން:

ސްޓެލްކޯ ހިޔާ އެޅިއިރު އެމަސައްކަތް ވިލަރެސް ކުރަން އޮތް ކޮމެޓީގެ ޗެއާމަނަކަށް އޭރު ހުރީ ފަހުމީއެވެ. މި މަސައްކަތް ކުރި ރޯޓައިމް އިނޖިނިއަރިން އަކީ ފަހުމީއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދާ ބައެކެވެ. އެގޮތުން ފަހުމީ ހަވާލު ވި އިރު ސްޓެލްކޯ ހިޔާގައި އަޅުވާފައި ހުރި ލިފްޓްތަކުގަ މައްސަލަ އުޅޭތީ އެމައްސަލަ ހައްލުކޮށް ނިމެންދެން ހިފަހައްޓާފައި ހުރި ފައިސާ ފަހުމީ ވަނީ ދޫކޮށްފައެވެ. މިއީ ހަތަރު 1.8 މިލިއަން ޑޮލަރެވެ. މި ފައިސާ ދޫކުރުމުން ފަހުމީއަށް ވަނީ ކޮމިޝަންގޮތުގައި %20 ލިބިފައެވެ.
‏މިއީ އަދި ފާހަގަކޮށްލެވޭ މަދު މިންވަރެކެވެ. މީގެ އެތައްކަމެއް ފަހުމީ ދަނީ ހިންގަމުންނެވެ. ހެޑް އޮފީސް ބޭރު ދޮންނަންވެގެން ގެނައި (ފަހުން އެމް.އެން.ޑީ.އެފް އަށް ހަދިޔާކުރި) ޑްރޯންތަށް ފަދަ ކަންކަމެވެ. މިކަންވެސް ކުރަނީ ހަމަ ސީދާ ޑރ.މުއިއްޒުގެ އެންގުމަށް ހެއްޔެވެ؟

‏ސިޔާސި ގޮތުން ޕްރޮމޯޝަން ދިނުން އަދި މީހުން ވެއްދުން:

މިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޝަރީފުގެ ދައުރުގައި 900އަށް ވުރެ ގިނަ މީހުން އެކި ގޮތްގޮތަށް ވަޒީފާއަށް ވަނީ ވައްދާފައެވެ. މި މުވައްޒަފުން މިގޮތަށް ތިއްބާ ފަހުމީ ހަވާލުވެފައި މަޖިލިސް އިންތިހާބާއި ދިމާކޮށް 400 ވަރަކަށް މުވައްޒަފުން ވަނީ އަލަށް ވައްދާފައެވެ. މީގެން ކޮންމެ މުވައްޒަފަކަށް އެވެރެޖް މުސާރައެއް ގޮތުގައި 20،000 އާއި 25،000އާއި ދޭތެރޭ މުސާރައެއް ދެއެވެ. އަދި އިހަކަށް ދުވަހު ސިޔާސީ އެކި މީހުންގެ އެދުމަށް 300އެއްހާ މުވައްޒަފުން ވަނީ ވައްދާފައެވެ. މީގެއިން ގިނަ މުވައްޒަފުންނަކީ މާބޮޑު މަސައްކަތެއް ކުރަންޖެހޭ ބައެއް ނޫނެވެ. މިއީ ކުންފުންޏަށް އޮތް ބޮޑު މާލީ ބުރައެކެވެ. މީގެ އިތުރުން ޕްރޮމޯޝަންވެސް ދެނީ ސިޔާސީ ގުޅުން އޮންނަ ވަރަކުން ނުވަތަ ފަހުމީ އާއި ޑީ.އެމް.ޑީ އިންނާއި އޮންނަ ގުޅުމަކަށް ބިނާކޮށް އެއްވެސް އުސޫލެއް ކޮލިފިކޭޝަނަކަށް ނުބަލައެވެ.

‏ކޮރަޕްޝަންއަށް ފަހުމީ ދޭ ހިތްވަރު:

އެކްސް (ޓްވިޓާ) ގައި އޭނާ ބޭން ކުރުމުގެ ކުރިން ހަސަން ކުރުސީ ވަނީ ސްޓެލްކޯގެ 3 ޖެނެރަލް މެނޭޖަރުން ކަމަށްވާ އަޒުހަދު، އަސްފާ އަދި ޔާސިރު ބައިވެގެން ކުންފުންޏެއް ހަދައި ނަހަމަ ފައިދާ ލިބޭގޮތަށް ސްޓެލްކޯގެ ޕްރޮޖެކްޓްތައް ނަގަމުން ދިޔަ ކަން ފަޅާއަރުވާލާފައެވެ. މިކަން ފަޅާއެރުމުގެ ކުރިން މި މައްސަލަ ހޫނުވެ ކުންފުނީގެ އިންޓާނަލް އޮޑިޓަށް މިމައްސަލަ ފެންމަތި ވުމާއި އެކު ފަހުމީ ވަނީ މި 3 ޖެނެރަލް މެނޭޖަރުން ހާޒިރުކޮށް ކުންފުނި ވީހާވެސް އަވަހަކަށް އުވާލައި ހުރިހާ މުއާމަލާތްތަކެއް ގެއްލުވާލުމަށް އަންގާފައެވެ. އަދި އެ ކުންފުނި ބިޒްނަސް ރަޖިސްޓަރ އިން ނަގައި ދިނުމަށް މިނިސްޓަރ ސައީދަށް ގުޅައި ދެންނެވީވެސް ހުދު ފަހުމީއެވެ. މިކަން ފަޅާއަރުވާލި މިނިސްޓްރީގެ މުވައްޒަފުވެސް މިހާރުވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މި 3 ޖެނެރަލް މެނޭޖަރުންނަށްވެސް މިދިޔަ މަހު ވަނީ ބޮޑެތި ޕްރޮމޯޝަންތަކެއް ހަމަޖައްސަ ދީފައެވެ. މިކަމުން ކޮރަޕްޝަން އަކީ ފަހުމީ ހިތްވަރު ދޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. މިއީ ފަޅާއެރި އެންމެ ކަމެކެވެ. އަދި ނޭގި އެތައް ކަމެއް ވަނީ ކޮށްފައެވެ.

‏ކުންފުނީގެ އާންމު ހާލަތު:

ކުންފުނީގެ އާންމު ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ވީ މިދިޔަ ޖޫން 1ވަނަ ދުވަހުއެވެ. ހުޅުލެ ހިމެނޭހެން މުޅި މާލެ އަދި ހުޅުމާލެއިން އެތައް ގަޑިއިރަކަށް ކަރަންޓް ކެނޑުނެވެ. ފަހުގެ ތާރީހެއްގައި އެހާގިނައިރު ބްލެކްއައުޓެއް ވެފައެއް ނެތެވެ. ވީގޮތް ސްޓެލްކޯއިން ވަނީ ސިއްރުކޮށްފައެވެ. ދެންނެވީ މާ ބޮޑު ކަމެއް ނުވާކަމަށެވެ. ހަމަ ހުރެލާފައި ކަރަންޓް ދިޔައީ ކަމަށެވެ. އަޅުގަނޑުމެންނާއި ވާހަކަ ދެއްކި ސްޓެލްކޯގެ އިންޖިނިއަރެއް ދެންނެވީ އެދުވަހު ކަރަންޓް ކެނޑުނީ އެސް.ޓީ.އޯ. އަށް ސްޓެލްކޯއިން ފައިސާ ނުދެއްކުމުގެ ސަބަބުން ހުޅުމާލެ ފިއުލް ޓޭންކޮ ތަކުގެ ލެވެލް ދައްވެ އެތަނުގެ އިންޖީނުތަކަށް ޓޭންކުގެ އަޑީގައި ހުރި "ޗަކަ" ތަށް ގޮސް ފިލްޓަރތައް ބުލޮކް ވުމުގެ ސަބަބުންނެވެ. ކަރަންޓް ކެނޑުނު އަސްލު ސަބަބު ފަހުމީ ކިޔައިދޭން ބޭނުންނުވީ މިހެންވެ އެވެ. މީގެ އިތުރުން ސްޕެއަރ ނުލިބުމުގެ ސަބަބުން އިންޖިންތަކަށް ޖެހޭ މައްސަލަތައް ގިނަވެ ވާ ގެއްލުންތައް ދަނީ ބޮޑުވަމުންނެވެ. އިންޖިނިއަރުން ބުނާގޮތުން މިގޮތަށް ކުރިއަށްދާނަމަ "ޕޮއިންޓ އޮފް ނޯ ރިޓާން" ވަރަށް ކައިރިވެއްޖެއެވެ.

‏ކުންފުނީގެ މާލީ ހާލަތު:

ފަހުމީ ބުނާގޮތުން މިދިޔަ އަހަރު ކުންފުންޏަށް 137 މިލިއަން ފައިދާ ވިއެވެ. އެހެންނަމަވެސް މިއީ ދޮގެކެވެ. ކުންފުނީގެ މާލީ ހާލަތު ވަނީ މީގެން ޒަމާނެއްގައި ވެސް ދަށަށް ނުދާވަރަށް ގޮސްފައެވެ. އެގޮތުން މިހާރު މުއައްޒަފުންނަށް މުސާރަ ދިނުންވެސް ވަނީ ދަތި ކަމަކަށް ވެފައެވެ. މީގެ އިތުރުން އެސްޓީއޯއަށް ފައިސާ ނުދެއްކިގެން އިންޖިން ހިންގަން ތެޔޮ ލިބުންވެސް ވަނީ ދަތިކަމަކަށް ވެފައެވެ. އެގޮތުން އިންޖީނުގޭ ތަކުގެ ތެޔޮ ރިޒާވް 3 ދުވަހަށް ވުރެ ގިނަ ނުވާގޮތަށް ބެހެއްޓުމަށް އިންޖީނުގެ ތަކަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ބޭރު ސަޕްލަޔަރުންނަށް ފައިސާދައްކާނެ ޑޮލަރު ނެތިގެން ގިނަ ސަޕްލަޔަރުންނަށް ވަނީ ފައިސާ ނުދެއްކި އެވެ. އަދި މުހިއްމު ސްޕެއާތަކާއި ބެނުން ކުރާ އާލާތްތައް ނުލިބޭކަން ސްޓެލްކޯގެ އިންޖިނިއަރުން ފާހަގަ ކުރެއެވެ. ސްޓެލްކޯގެ ފައިނޭންސްގައި މަސައްކަތް ކުރާ އިސް ބޭފުޅަކު ވިދާޅުވީ މިހާރު ދިވެހި ފައިސާވެސް ނެތްކަމާއި ކުންފުނީގެ މުސާރައާއި ލޯކަލް ސަޕްލަޔަރުންނަށް ދައްކާ ފައިސާ ދައްކަމުން ދަނީ ބިލްތަކަށް ރައްޔިތުން ފައިސާ ދެއްކުމުން ލިބޭ އެއްޗަކުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިކަންތައް ސްޓެލްކޯ ސީނިއަރ މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައި މުއައްޒަފުން މިހާރު ތިބީ ޑީމޯޓްކޮށް އެހެން ޑިޕާޓްމަންޓަކަށް ލާފައެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކުންފުނީގެ މާލީ ހާލަތު މިހާ ދަށްވެގެން ދިޔައީ އެމް.ޑީ ފަހުމީ އަދި ވެރިންގެ ދަތުރުތައް އިންތިހާއަށް އިތުރުވުމުން ނާއި، ކުންފުންޏަށް ގެންނަ މުދާ އެތައްތަނެއް އަގު ބޮޑުވުމުންނާއި، ކުންފުންޏަށް ވެއްދި އިތުރު އެތައް މުއައްޒަފުންގެ ބޮޑެތި މުސާރާ ދޭން ޖެހުމުންންނެވެ.

މިހާ ދަތިކޮށް ކުންފުނީގެ މާލީ ހާލަތު އޮތްއިރުގައިވެސް ކެލާ ޝަރީފް، ފަހުމީ ، ހުސެއިން ނުވަތަ ޔާސިރު މަސްލަހަތު އޮންނަ ކުންފުނިތަކުން ފޮނުވާ ހުރިހާ އިންވޮއިސް އެއް ނުވަތަ ބިލްތަކަށް އެއްވެސް ލަސްކުރުމެއް ނެތި ސީއެފްއޯ ލީނާގެ ސީދާ ބެލުމުގެ ދަށުން ޕޭމަންޓް ދަނީ ރިލީސް ކުރަމުންނެވެ. މިގޮތަށް ދޫކުރަމުންދާ ފައިސާއަކީ ކުންފުނީގެ އިންޖީންގެ ތައް ހިންގުމަށް ބޭނުންވާ ސްޕެއަރ އާއި ތެޔޮ ގަންނަން ރިޒާވްގައި ބަހައްޓާފައި ހުންނަ ފައިސާކަން ވެސް ވަނީ އެނގިފައެވެ.

އެހެންކަމުން މިދިޔަ ވެރިކަމުގައި ފެނަކަ ފަހަތުން މީހުން ދުވި ބީދައިން ސްޓެލްކޯ ފަހަތުން ސަޕްލަޔަރުން އަންނަން ފަށައިފިއެވެ. ނަގުދު ފައިސާއިން ނުވަތަ ފުލް އެޑްވާންސް ޕޭމެންޓް ނުދައްކާނަމަ މުދާ ދޭން އެއްބަސްވާ ސަޕްލަޔަރުން އަތުންގުނާލެވޭހާވަރަށް މަދުވެއްޖެއެވެ.

މުސާރަ ދީފިއްޔާ ޑީސަލް ގަންނަ ފައިސާ ނެތެވެ. ސްޕެއަރ ގަންނަ ފައިސާ ނެތެވެ. ސަޕްލަޔަރުންނަށް ދޭނެ ފައިސާ ނެތެވެ. ކުންފުނީގައި ވައްކަން އިތުރުވެ ކުންފުނީގެ މާލީ ހާލަތު ދަށްވެ ކުންފުނީ މުވައްޒަފުން ލައްވައި އިތުރު ގަޑި މަސައްކަތް ކުރުވުމަށްފަހު އެމުވައްޒަފުންގެ އޯޓީ ފައިސާ ދަނީ ކަނޑަމުންނެވެ. އަދި މަސް ނިމޭ އިރު މުސާރަ ދޭނެހާ ވެސް ފައިސާ ނެތިގެން ފައިނޭންސް މިނސްޓްރީއަށް އާދޭސް ދަންނަވަން ދާން ޖެހުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ.

‏ސަޕްލަޔަރުންނާއި ސްޓެލްކޯއާއި އޮންނަ ގުޅުން ހީނަރުވުން:

ފަހުމީ ސްޓެލްކޯއާއި ހަވާލްވެ މި ދިޔަ 18 ވަރަކަށް މަސް ތެރޭ ސްޓެލްކޯގެ ލޯކަލް އަދި އިންޓަނޭޝަނަލް ސަޕްލަޔަރުންނާއި އޮތް ގުޅުންވަނީ އިންތިހާއަށް ހީނަރު ވެފައެވެ. ސަބަބަކީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމާއި ފަހުމީ ޖައްސަމުންދާ ސްކޭމްތަކެވެ. އެގޮތުން ފަހުމީ މިހާރު ކުރަމުންދާ ކަމަކީ ކޮންމެ ސަޕްލަޔަރަކާވެސް ކްރެޑިޓް އެގްރިމެންޓެއް ހަދައި ކްރެޑިޓް ލިމިޓް އެއްކޮށް ޔޫޓިލައިޒްކޮށް އެ ސަޕްލަޔަރަށް ފައިސާ ނުދައްކައި އެ މަސައްކަތެއް ކުރުވަން ނުވަތަ ސާމާނު ގަންނަން އެހެން ސަޕްލަޔަރެއް ހޯދައި އެ ސަޕްލަޔަރާއި އިތުރު ކްރެޑިޓް އެގްރީމަންޓެއް ހަދައިގެން އަނެއްކާވެސް ހަމަ އެ ސްކޭމް ތަކުރާރު ކުރަނީއެވެ. މިގޮތަށް ހަދަމުން ގޮސް ސްޓެލްކޯގެ ދަރަނި 100 މިލިޔަނުން މައްޗައްވަނީ ގޮސްފައެވެ. އެހެންނަމަވެސް ފާގަކޮށްލެވޭ ކަމަކީ ރައީސް މުއިއްޒު، ފަހުމީ، ބާރަށު ސުޖާ އަދި ކެލާ ޝަރީފާއި ގުޅުން އޮންނަ ފަރާތްތަކަށް ލަހެއް ފަހެއް ނެތި ފައިސާ ލިބޭކަމެވެ.

މިވީހާތަނަށް ކުރެވުނީ ކޮންކަމެއް؟

ފަހުމީއަކީ މިވީހާތަނަށް ސްޓެލްކޯއާއި ހަވާލުވި އެންމެ ނާގާބިލް އެމް.ޑީ އެވެ. ޝަރީފް ދައުރުގައި ހިންގާފައި ހުރި ޖަރީމާތައް (ސިޔާސީ އަދި މާލީ) ހުއްޓުވަން ހަވާލު ކުރި އެމް.ޑީ. އެވެ. އެކަން ފަހުމީއަށް ނުކުރެވުނުތާގައި އޭނާ އެކަންކަން މެކްހަށް ޖެހިއެވެ. މި ވީ ދޮޅު އަހަރުތެރޭގައި ހަރުދަނާ އެއްވެސް ކަމެއް ނުކުރެވެއެވެ. ކައިރީގައި ގެންގުޅެނީ ވާނުވާ ނޭގޭ މީހުންނެވެ.

ފަހުމީގެ ބޭނުމަކީ ހެޑްލައިން ޖަހާލުމެވެ. ފުރަތަމަ 100 ދުވަހު ބިންގާއަޅަން ބުނި އިންޖީނުގެއެއް ނެހެދުނެވެ. މާލޭގެ ޕަވަރ ސެކުއިރިޓީއަށް ބޭނުންވާވަރަށް އިންޖީނާއި ސްޕެއަރ އަދި ޓްރާންފޯމަރ ނުގެނެވެއެވެ. މިވީހާތަނަށް ބޮޑުކަމަކަށް ކުރެވުނު ކަމަކީ ދޮންއަނދަރާދަ މަގު ހުޅުވުމާއި ބިޒްނަސް ސެންޓަރ އޭކިޔާފައި ބޮޑެތި ހިސާބު ނުކުރެވޭ ހަރަދުކޮށްގެން މިހާ އިގްތިސާދީގޮތުން ދަތި ދުވަސްވަރެއްގައިވެސް އެޅުމެވެ. ސުވާލަކީ މިތަން ހަމަ ބޭނުންވޭތޯއެވެ.

ދެން ސުރުހީ އެޅީ ރަކީދޫގައި ބެޓަރީ ސިސްޓަމެއް ބަހައްޓާފައެވެ. އެކަމަކު މައުލޫމާތު ލިބޭގޮތުގައި އެވެސް ފެއިލްޑް ޕްރޮޖެކްޓެކެވެ. މަސައްކަތް ކުރަން ޖެހޭ ގޮތަކަށް މަސައްކަތް ނުކުރެއެވެ. އެ ސިސްޓަމް ގާއިމް ކުރި ފަހުން ރަށުން ކަރަންޓް ކެނޑޭ ވަރު ވީ ގިނައެވެ.

ދެން ގެނައީ ބެޓަރީ ސައިކަލެވެ. ހަބަރު ލިބޭގޮތުން އެވެސް ގެނައި އިރު ގެނައީ ރާއްޖޭގައި ބޭނުންކުރެވޭ ޗާޖިން ސިސްޓަމެއް ނޫނެވެ. އެހެންކަމުން އެ ބެޓެރީ ސައިކަލް ޕްރޮޖެކްޓް ހުއްޓާލައި ސައިކަލްތައްވެސް ހިރަފުސް އަރުވަން ގުދަނުގައި ބެހެއްޓީއެވެ. އިތުރު ބޮޑު ޕްރޮޖެކްޓަކަށް ހިންގީ ދޮން އަނދަރާދަ މަގުގައި ބެހެއްޓި އީ.ވީ ޗާޖިން ސްޓޭޝަންތަކެވެ. މިވެސް ރާއްޖޭގައި ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. އެހެންކަމުން މިވެސް ދަބަރަށް ވާން ބެހެއްޓީއެވެ.

މީގެ އިތުރުން ސްޓެލްކޯ ފާރުތަކުގައި ހަރުކުރި ގަސް ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓް ފައްޓަން ޖެހުނީ ކެލާ ޝަރީފްގެ ކޮއްކޮ ސްޓެލްކޯ ޖެނެރަލް މެނޭޖަރ ޔާސިރާއި ގުޅުން އޮންނަ ބަޔަކު ގެނެސް ނުވިކި ހުރި ޕްލާންޓް ހޯލްޑަރ ތަކެއް ސްޓެލްކޯއަށް ވައްދަން ޖެހިގެންނެވެ. އެގޮތުން 40 ފޫޓް ކޮންޓެއިނަރެއް ފުރާ ގެނެސްފައި ހުރި އެތައް ސަތޭކަ ކޭހެއްގެ ޕްލާންޓް ހޯލްޑަރ ވަނީ ސްޓެލްކޯއިން ގަނެފައެވެ. ސްޓެލްކޯ ފާރު ތަކުގައި އަޅުވާފައި ހުރިވަރަށްވުރެ ނާލުވާ ހުރިވަރު އަދިވެސް ގިނައެވެ.

ދެން 5 ލައްކަ ގަސް ޕްރޮޖެކްޓަށް ބަލަމާތޯއެވެ. ފަހުމީ ވަނީ ދާދި ފަހުންވެސް މިކަމާ ބެހޭގޮތުން ޕޯސްޓެއް ކޮށްފައެވެ. ހަގީގަތަކީ އެއް ރަށުގައި އިންދާ ގަހާއި ރުއް ފޮޓޯ ސެޝަން ނިމުމަށްފަހުނ އެ ރަށުން ނަގައި އަނެއ ރަށަށް ގެންގޮސް ފޮޓޯ ސެޝަން ބާއްވާކަމަވެ.

‏ދާދި ފަހުން ބޭއްވި މޯލްޑިވްސް އެކްސްޕޯއިން ވަނަ ހޯދީވެސް ސްކޭމަ އަކުންނެވެ. "ރީޖަނަލް ސްކާޑާ" ނަމުގައި ހެދިކަމަށް ފަހުމީ ބުނި ޕްރޮގްރާމް އަކީ ރާއްޖެއަށްވެސް އަދި ސްޓެލްކޯއަށްވެސް އައު އެއްޗެއް ނޫންކަމަށް މި ނޫހަށް ހަބަރު ލިބެއެވެ. ސްޓެލްކޯގެ މާލެ އިންޖީނުގެ، ހުޅުމާލެ އިންޖީނުގެ އަދި ރަށްރަށުގެ އިންޖީނުގެ ތަކުގައިވެސް ސްކާޑާ ސިސްޓަމް ބޭނުން ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އަދި ރާއްޖޭގެ އެތަކެއް ރިސޯޓްތަކުގައި މި ފަދަ ސްކާޑާ ބޭނުންކުރާ އެތައް ރިސޯޓެއް މިހާރުވެސް އެބަ އުޅެއެވެ.

ރާއްޖޭގައި މިފަދަ މަސައްކަތް ކުރާ ކުންފުންޏެއްގެ އެމް.ޑީ އެއް މި ނޫހަށް މައުލޫމާތު ދިންގޮތުގައި މިފަދަ ސޮފްޓްވެއަރ 5000 އެމެރިކާ ޑޮލަރަށް ގަންނަން ލިބެއެވެ. އަދި ބޭނުންގޮތަކަށް ޑިޒައިން ކުރެވެއެވެ. މިއީ ފަހުމީ ދައްކުވައި ދިންގޮތަށް އާ އީޖާދެއްވެސް ނޫނެވެ. އަދި އުނދަގޫ ނުވަތަ މާ ބޮޑު ޓްރެއިނިންގ އެއް ބޭނުންވާ ކަމެއް ވެސް ނޫނެވެ.

ދެން ހިންގީ އެމް.އެން.ޑީ.އެފް އާއި ގުޅިގެން ހިންގި "ތަމްރީން"އެވެ. މިކަމުން ކުންފުނީގެ ޓެކްނިކަލް ކެޕޭސިޓީ އިތުރެއް ނުވެއެވެ. ޓެކްނިކަލް ޓްރެއިނިން ފީލްޑްގައި މަސައްކަތް ކުރާ މުވައްޒފުންނަށް ނުހިންގައެވެ. ފައިސާ ނެތީކަމަށް ސީ.އެފް.އޯ ބުނެއެވެ. މިވަރުންވެސް އޮންނަނީ ހެޑްލައިން ޖެހުމެވެ. މިނޫންކަމަކަށް ކުރަނީ އެމް.އޯ.އީ ތަކުގަ ސޮއި ކުރުމާއި ބޭކާރު މީޓިން ބޭއްވުމެވެ. މި ދިޔަ ދޮޅުއަހަރު ކުންފުނީގެ މަސައްކަތަށް ރަންގަޅަށް ކްރިޓިކަލްކޮށް ބަލައިފިނަމަ އަސްލު މަންޒަރު ފެންނާނެއެވެ.

މިކަންކަން މިހެން ހުރި ކަމުގައިވިޔަސް ފަހުމީ ރާއީސަށް މި ސްކޭމް ހިންގައިދޭހާ ހިނދަކު ފަހުމީގެ މަގާމު ސޭފް އެވެ. ހިތާމަޔަކީ މި ސްކޭމްގެ ޝިކާރަޔަކަށް ދިވެހި ރައްޔިތުން އެބައި މީހުންނަށް ނޭގިތިބެ ޖެހި ސަލާމަތް ވެވޭނެ އެއްވެސް މަގެއް ނެތީމައެވެ. އެހެނީ ސްޓެލްކޯ ފަހުމީގެ ސްކޭމްގެ މޭސްތިރި އަކީ ރައީސް މުއިއްޒު ކަމަށް ވުމުންނެވެ.