ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) އަކީ އިންޑިޔާ، ސްރީލަންކާ، ދިވެހިރާއްޖެ، އަދި މޮރިޝަސް ހިމެނޭ ހެން އުފައްދާފައިވާ ސަރަޙައްދީ ސަލާމަތީ އޮނިގަނޑެކެވެ. މީގެއިތުރުން ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބަންގްލަދޭޝް އަދި ސީޝެލްސް ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރި ވެފައެވެ. މި ކޮންކްލޭވްގެ މަޤްޞަދަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އަދި ކާރިސާތަކުގައި އެހީތެރިވުމުގެ އެއްބާރުލުން އިތުރުކުރުމެވެ. ސީއެސްސީއިން އިސްކަންދެނީ ޖުމްލަ ސަލާމަތާއި ސަރަޙައްދީ އިސްތިޤްރާރަށެވެ.
ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ރަސްމީކޮށް އުފެދިގެން އައީ 2020 ގައެވެ. ނަމަވެސް މިއީ، 2011 ގައި ފެށުނު މަސައްކަތްތަކެއްގެ ނަތީޖާއެވެ.
ކޮލޮމްބޯގައި ސީއެސްސީ ސެކްރެޓޭރިއެޓް ޤާއިމުކުރުމަށްޓަކައި ޗާޓަރާއި އެމްއޯޔޫ ފަދަ ލިޔެކިޔުންތައް ފާސްކުރެވުނީ 2022 ގެ އޯގަސްޓްމަހު ބޭއްވުނު 5 ވަނަ ޤައުމީ ސަލާމަތީ ލަފާދޭ ފެންވަރުގެ ބައްދަލުވުމުގައެވެ. ދިވެހިރާއްޖެގެ، ސަރުކާރުން، މި މަޝްވަރާތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ސަރަހައްދީ ސަލާމަތް ގާއިމް ކުރުމަށް ވަކިކަންތައް ތަކަކަށް އެއްބަސްވެފައިވެއެވެ.
އެއަށްފަހު، ސަރަހައްދުން ބޭރުން މިލިޓަރީ ބަޔަކު ރާއްޖެގެނެސް ބޭތިއްބުމަކީ މި އެއްބަސް ވުމާއި ޚިލާފުވުމެވެ. އަދި ސިއްރުން އެފަދަ ކަމެއް ކުރުމަކީ އަމުދުން މުޅި ސަރަހައްދުގެ ރައްކާތެރިކަމަށް ރާއްޖޭގެ ފަރާތުން ބިރުވެރިކަން ގެނައުމެވެ. އަވަށްޓެރި ޒަމާންވީ ގުޅުންތައް ހީނަރުކޮށް، އަމިއްލަ މަންފާއަށް ރާއްޖޭގެ ޚަރިޖީ ސިޔާސަތު ފައިސާއަށް ތުރުކީއަށް ވިއްކާ ލުމަކީ ޤައުމަށް ގައްދާރުވުމެވެ. އެކަމުގައި އޮތީ ރައްޔިތުންނަށް ވެފައިވާ ބޭވަފާތެރިކަމާއި، ޚާއިނުކަމެވެ.
ތުރުކީއިން ހަދިޔާކުރި ހަނގުރާމަ މަތީ މަނަވަރަކީ އެ މެއިންޓެއިން ކުރުމުގެ ޚަރަދާއި، އެއަށް ބޭނުންވާ އާލާތްތައް ރާއްޖެއިން ލިބެން ހުރި އެއްޗެއް ނޫނެވެ. 1981 ގައި އުފައްދާފައިވާ މި ބޯޓު ބެލެހެއްޓުމުގެ ނަމުގައި ދައުލަތުން އަހަރަކަށް އެތައް މިލިއަނެއް ތުރުކީއަށް ޚަރަދު ކޮށް، ތުރުކީ ސިފައިން ރާއްޖޭގައި ގާއިމުވުމަށް އެއްވެސް ބޭނުމެއް ނުހިފޭ ބާދަނގަޑުގަނޑެއް ރާއްޖޭގެ ފަޅުގައި އަޅާފައި ބޭއްވުމަކީ ރާއްޖޭގެ މިނިވަންކަން މުއިއްޒު ފައިސާ ފޮއްޗަކަށް ވިއްކާލާފައިވާ ކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެކެވެ.