ޗައިނާއިން އެފްރިކާގެ ގައުމުތަކާއި އެކު 3 އަހަރު ތެރޭ 51 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ކުރުމަށް ނިންމީ މިދިޔަ 2024ގެ ސެޕްޓެމްބަރ މަހުގައެވެ. ޗައިނާއިން ދަނީ އެހީތަކާއި ލޯނުތައް ހަރުދަނާ ވެރިން ތިބި ޤައުމުތަކަށް އޮއްސަމުންނެވެ. އެ ލިސްޓުގައި ރާއްޖެ ނެތީ މުއިއްޒުގެ ސަބަބުންނެވެ. މުއިއްޒުގެ ނާގާބިލު ކަމުގެ ސަބަބުންނެވެ.
ރައީސް މުއިއްޒު ޗައިނާއަށް ދަތުރު ކުރީ ޖެނުއަރީ 2024 ގައެވެ. ދޮޅު އަހަރު ވެފައިވާއިރު އެދަތުރުން ރާއްޖެއަށް ލިބުނު އެއްވެސް ފައިދާއެއް ފެންނަން ނެތެވެ. މިދަތުރުގައި ޗައިނާ ބޭނުންވާ ގޮތަށް 20 އަށްވުރެ ގިނަ އެމްއޯޔޫގައި ސޮއެ ކުރުމަށް ފަހު، މާލީ އެހީތެރިކަމާއި ދަރަނި ރީސްޓްރަކްޗަރކުރުމަށް މުއިއްޒު އެދުނެވެ. އެކަމާއި ޗައިނާގެ އިސްއޮފިޝަލުން ޖޯކު ޖެހި ކަމަށް ވެއެވެ. އެއީ ލޯނު ރީސްޓްރަކްޗަރ ކުރަމުން އިތުރު ލޯނަކަށް އެދުމަކީ މާލީ އަދި އިޤްތިޞާދީ އެއްވެސް ތަސަރަފެއް ނެތް ތަންދޮރު ނުދަންނަ ވެރިއެއްކަން ޗައިނާއަށް ސާފުވި ހިސާބެވެ.
މިހާތަނަށް ޗައިނާއިން ވަނީ މާލެ އަދި ވިލިމާލޭގެ މަގުތައް އަޕްގްރޭޑްކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމެއް މިހާތަނަށް ނުފަށައެވެ. ސިނަމާލެ ބްރިޖް ހިލޭ މަރާމާތުކޮށްދިނުމަކީ ކުރިންވެސް ކުރަމުން ދިޔަ ކަމެކެވެ. ރައީސް މުޢިއްޒުގެ ދަތުރުފުޅަށް އެއް އަހަރު ފަހުންވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދަތިތައް އިތުރުވަމުން ދިޔަނަމަވެސް، ޗައިނާއިން އަދިވެސް ވަނީ މުއިއްޒުގެ ވެރިކަމުގައި އެއްވެސް އެހީއެއް ވުމަށް އިންކާރު ކޮށްފައެވެ.
ޗައިނާއިން އައު ލޯނުތައް މުއިއްޒަށް ދިނުމާމެދު ފަސްޖެހޭ ކަން މިވަނީ ޔަގީން ވެފައެވެ. މުއިއްޒުގެ ވެރިކަމުގެ ރައްޔިތުންގެ ލާރިން ވައްކަންކޮށް، އެފައިސާ ލޫޓުވަމުން ދާތަން ޗައިނާގެ ސަރުކާރަށް ވެސް ފެނެއެވެ. ލޯނެއް ދިނުމުން އެއަށް ވާނެގޮތް ޗައިނާއަށް ސާފުކޮށް އެނގެއެވެ.
ނަމަވެސް އޮކްޓޯބަރ މަހު، ޗައިނާއިން 75 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ރީފައިނޭންސް ކުރުމަށް ދިނެވެ. މިއީ ދިވެހިރާއްޖެއިން ޗައިނާ އެގްޒިމް (އެކްސްޕޯޓް-އިމްޕޯޓް) ލޯނުގެ ބައެއް އަނބުރާ ދެއްކުމަށް ދިން ކުޑަކުޑަ ލޯނެކެވެ. ނަމަވެސް ހަމަ އެ 75 މިލިއަން ޑޮލަރު ކުރު މުއްދަތެއްގައި އަނެއްކާ ޗައިނާއަށް ދައްކަން ވަނީ ޖެހިފައެވެ.
ޗައިނާއިނާގެ ކުންފުނިތަކުން ރާއްޖޭގައި ފަށާ ޕްރޮޖެކްޓްތަކަށްވެސް ޗައިނާ ސަރުކާރުން އެހީތެރިކަން ނުދެއެވެ. މުއިއްޒު ސޮއެކުރި އެއްވެސް ޕްރޮޖެކްޓެއް އަދި ޗައިނާގެ ކުންފުންޏަކުން ނުފަށައެވެ. މި ކުންފުނިތަކަށް ރާއްޖެއިން ބޮޑެތި ފައިދާ ވާގޮތަށް ހެދިފައިވާ އެއްބަސްވުންތައް ހުރީ ހުރިތާގައެވެ. އެވަރުންވެސް ޗައިނާއިން ހަމަ ގުޑާވެސް ނުލަނީ މުއިއްޒުގެ ވައްކަމާއި، ޚާރިޖީ ސިޔާސަތުގެ ސަބަބުންނެވެ.
ފާއިތުވި ދެ ވެރިކަމުގައި، މުއިއްޒުގެ ސަރުކާރު އައުމުގެ ކުރިން ޗައިނާއިން ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެފައިވެއެވެ. ތިރީގައި މިވަނީ އޭގެތެރެއިން މައުލޫމާތު މިވަގުތަށް ލިބެން ހުރި ބައެއް މިސާލެވެ. މީގެ ތެރޭ ބައެއް މުހިންމު ޕްރޮޖެކްޓްތައް އަދި ނެތެވެ. ރާއްޖެއާއި، ދިވެހި ރައްޔިތުން މިތިބީ މިއަދު ދުވަހަކުވެސް ނިކަމެތި ނުވާވަރަށް ނިކަމެތިވެފައެވެ. އިންޑިޔާއިން، ޗައިނާއިން، މެދުއިރުމަތިން، ރާއްޖެއަށް އޮހެމުންދިޔަ އެހީ ހުއްޓުނީ މުއިއްޒުގެ ސަބަބުންނެވެ.
| މައިގަނޑު މަޝްރޫޢުތައް | އެހީގެ ބާވަތް | އަދަދު |
|---|---|---|
| ސިނަމާލެ ބްރިޖް | ހިލޭ އެހީ | 108 މިލިއަން އެމެރިކާ ޑޮލަރު |
| ލޯނު | 72 މިލިއަން އެމެރިކާ ޑޮލަރު | |
| އެއަރޕޯޓް މަގު އަޕްގްރޭޑްކުރުން | ސަރުކާރުގެ ގެރެންޓީ | 31 މިލިއަން އެމެރިކާ ޑޮލަރު |
| ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް | ސަރުކާރުގެ ގެރެންޓީ | 548 މިލިއަން އެމެރިކާ ޑޮލަރު |
| ވެލާނާ އެއަރޕޯޓްގެ ސީޕްލޭން ވަސީލަތްތައް | ސަރުކާރުގެ ގެރެންޓީ | 47 މިލިއަން އެމެރިކާ ޑޮލަރު |
| ކަރަންޓުގެ މަޝްރޫޢުތައް | ސަރުކާރުގެ ގެރެންޓީ | 181 މިލިއަން އެމެރިކާ ޑޮލަރު |
| ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް | ލޯނު | 219 މިލިއަން އެމެރިކާ ޑޮލަރު |
| ވެލާނާ އެއަރޕޯޓް އަޕްގްރޭޑްކުރުން | ލޯނު | 374 މިލިއަން އެމެރިކާ ޑޮލަރު |
| ލ. އަތޮޅު ލިންކް ރޯޑް | ހިލޭ އެހީ | 26 މިލިއަން އެމެރިކާ ޑޮލަރު |
| ލޮނުފެން މީރުކުރާ ޕްލާންޓްތައް | ހިލޭ އެހީ | އަދަދު ސާފެއް ނުވޭ |
އެހީތައް ހުއްޓުނީ މުއިއްޒު އާއި އެކީއެވެ. މައްސަލައަކީ ނާގާބިލު ކަމާއި، ބަހުގެ އިތުބާރު ނެތުމާއި، ރައްޔިތުންގެ ފައިސާއިން ހައްދަނެތް މިންވަރަށް ވައްކަން ކުރުމާއި، ޚާރިޖީ ސިޔާސަތު ބައްޓަން ކުރަން ނޭނގި އެއްބިތުގައި ޖެހި، އަނެއް ބިތުގައި ޖެހިގެން އާވާރާވެގެން މުއިއްޒު އުޅޭ އުޅުމެވެ.
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން ދިވެއްސަކަށް އޮތް އެއްވެސް ފައިދާއެއް ނެތްކަން މިއޮތީ ސާފުކޮށް ފެންނާށެވެ. ރައްޔިތަކަށް ފައިދާ ނުވާ ވެރިކަމެއް ކުރުމަށް ނުހުރެ މުއިއްޒު އިސްތިއުފާ ދިނުމަށް ގޮވާލަމެވެ.