ޚަބަރު

އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި އަބުދުއްރައްޒާގު ހަލީމްއާއި ނާޒިމް އިސްތިއުފާ ދޭންޖެހޭ: ރައީސް ޔާމިން

ދިޔަވަރު
އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި އަބުދުއްރައްޒާގު ހަލީމްއާއި ނާޒިމް އިސްތިއުފާ ދޭންޖެހޭ: ރައީސް ޔާމިން

އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި މާލޭ ހޮސްޕިޓަލްތަކުގެ ސީއީއޯ އަބުދުއްރައްޒާގު ހަލީމްއާއި ހެލްތު މިނިސްޓަރ ނާޒިމް އިސްތިއުފާ ދޭންޖެހޭކަމުގައި ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ, މާލޭ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބުދުއްރައްޒާގު ހަލީމްއަކީ މާލޭ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތައް ބެލެހެއްޓުމުގެ ގާބިލްކަން ހުރި ފަރާތެއް ނޫންކަމަށާއި, މިފަދަ ހާދިސާއެއް ކުރިމަތިވުމުން އޭނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ ކަމުގައެވެ. އަދި ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާގެ އެއްވެސްކަމެއް ރަގަޅު ނުކުރެވުނު ކަމަށާއި, އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖެއްގެ ފުރާން ގެއްލުމުން ހެލްތު މިނިސްޓަރ ނާޒިމްވެސް އިސްތިއުފާ ދޭން ޖެހޭކަމުގައެވެ.

އިއްޔެ ނިޔާވި ކުއްޖާއަކީ ގދ. ތިނަދޫ، އަލަމާވިލާގޭ ޔޫނުސް ހުސައިން އަބްދުﷲ އެވެ. މިއީ ކައިވެނި ކޮށްގެން 20 އަހަރު ފަހުން އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅެވެ.

ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނުކައި ހޮޑުލާތީ ކަމަށް އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އާއިލާއިން ހާމަކޮށްފައިވަނީ އެޑްމިޓް ކުރުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ދުޅަވާން ފެށިކަމަށެވެ. އަދި ލިވާގައި ހުންނަންޖެހޭ އެންޒައިމެއް މައްޗަށް ދިއުމުން ހަށިގަނޑުގައި ފްލުއިޑް ޖަމާވެ ދުޅަވި ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުނެއެވެ.

އާއިލާއިން ބުނެފައިވަނީ ދުޅަ މަޑުކުރުމަށް އާދިއްތަ އަދި ހޯމަ ދުވަހު އިންޖެކްޝަން ޖަހާފައި ވާކަމުގައެވެ. އަންގާރަ ދުވަހު މޫނާއި އަތް ފައިގައި ހުރި ދުޅަ މަޑުވި ނަމަވެސް ބަނޑު ފުއްޕާފައި އޮތް ކަމަށް އާއިލާއިން ބުނެއެވެ.

ފަސް ދުވަސް ވީއިރުވެސް ބައްޔެއް ޑައިގްނޯސް ނުކުރެވުމުން ކުޑަކުދިންގެ ސްޕެޝަލިސްޓަކަށް ދެއްކުމަށް އާއިލާއިން އެދުނެވެ. އެހެންނަމަވެސް ބުރާސްފަތި ރޭ ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރަކު ކުއްޖާ ބަލާފައި ވެއެވެ. އެހެންނަމަވެސް ބުދަ އަދި ބުރާސްފަތި ދުވަހު ހަދަން އެދުނު ސްކޭން ބަންދު ދުވަހަކާ ދިމާވުމުން ނުހެދުނު ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އާއިލާއިން ބުނެއެވެ.

ކުއްޖާގެ ހާލަތު ނުރައްކާ ކަމަށް ބުނެ އައިސީޔޫއަށް ލުމަށް އާއިލާއިން އެދުނު ނަމަވެސް، އައިސީޔޫއަށް ލާންޖެހޭ ހާލަތެއް ނެތް ކަމަށް ޑޮކްޓަރު ފަހުން ބުނެފައިވާކަމަށް އާއިލާއިން ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަކުން އައިސީޔޫ ފަރުވާ ހޯދުމަށް ކުއްޖާ ދޫކޮށްދިނުމަށް އެދުނު ނަމަވެސް އެ ފުރުސަތު ވެސް ނުދިން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އައިސީޔޫ ފުރިފައިވާ ކަން ނަރުހުން ބުނީ ފަހުން ކަމަށް އާއިލާއިން ބުނެއެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަ ސަމާލުކަމަށް އައުމާއެކު އައިޖީއެމްއެޗްގެ ތެރޭގައި ތަހުގީގު ކުރިއަށްދާ ކަމަށެވެ. "ކަން ހިނގި ގޮތާމެދު އެއްޗެއް ދެންނެވޭނީ މައްސަލަ ބަލައި ނިމުމުން" ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗްގެ އިހުމާލުން އެންމެ 8 މަހުގެ ތުއްތު ކުއްޖަކު ނިޔާވުމުންވެސް, އައިޖީއެމްއެޗްއިން ވަނީ އެ އިހުމާލުން ބޯ ދަމައިގަނެ, އެ ހޮސްޕިޓަލުގެ އެއްވެސް އިހުމާލެއް މި މައްސަލާގައި ނެތްކަމަށް ބުނެފައެވެ. އަދި މުއިއްޒުގެ އިތުރުން ހެލްތު މިނިސްޓަރުވެސް މިމައްސަލާގައި ހުންނެވީ ހަނުއެވެ.