ޚަބަރު

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އަގުބޮޑު ޑްރޯން ޝޯއެއް: މުއިއްޒުއަށް ބައި އަޅާގޮތަށް, 5 މިލިއަން ޑޮލަރަށް މި ޑްރޯން ޝޯ އެވާޑް ކޮށްފައިވަނީ އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން ކުރިން މަސައްކަތް ކުރި އިވެންޓް މޯލްޑިވްސްއަށް

ދިޔަވަރު
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އަގުބޮޑު ޑްރޯން ޝޯއެއް: މުއިއްޒުއަށް ބައި އަޅާގޮތަށް, 5 މިލިއަން ޑޮލަރަށް މި ޑްރޯން ޝޯ އެވާޑް ކޮށްފައިވަނީ އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން ކުރިން މަސައްކަތް ކުރި އިވެންޓް މޯލްޑިވްސްއަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އަންނަ ޖުލައިން ސައްބީހުގައި ބާއްވާ ރަސްމިއްޔާތުގައި ޚާއްސަ ޑްރޯން ޝޯއެއް ބޭއްވުމަށް, އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން ކުރިން މަސައްކަތް ކުރި އިވެންޓް މޯލްޑިވްސްއާއި ހަވާލުކޮށްފިއެވެ.

"ދިޔަވަރު އޮންލައިން" އަށް ކަށަވަރު ވެފައިވާ ގޮތުގައި މި އަގުބޮޑު ޑްރޯން ޝޯ ބޭއްވުމަށް އިވެންޓް މޯލްޑިވްސްއާއި ހަވާލު ކޮށްފައިވަނީ 5 މިލިއަން ޑޮލަރަށެވެ. މި ކުންފުންޏާއި މި މިޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މުއިއްޒުއަށް މި ޑީލްއިން 2 މިލިއަން ޑޮލަރުގެ "ކޮމިޝަން" ލިބޭ ގޮތަށްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާންއަކީ, އެމްއޭސީއެލްއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުން މުއިއްޒުއަށް ބައި އަޅާގޮތަށް އެ ކުންފުނީގައި ކޮރަޕްޝަން އަމަލްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތެވެ. އެމްއޭސީއެލްއަށް ގަންނަ އަގުބޮޑު ހެވީ މެޝިނަރީތަކާއި އަދި ކޮމާޝަލް ވެހިކަލްތަކުންވެސް އޭނާ ގެންދަނީ މުއިއްޒުއަށް ބައި އަޅާގޮތަށް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގަމުންނެވެ.

މުއިއްޒުގެ ވެރިކަމުގައި އެމްއޭސީއެލްގެ ޑީއެމްޑީކަމަށް ހަމަޖެއްސި ލަމްއާންއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުގެ މަގާމްގައި ހުރެވެސް އޭރު ކޮރަޕްޝަންގެ އެތައް ޖަރީމާއެއް ހިންގާފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް މަތިވެ, ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20 ރުފިޔާއަށް އުފުލިގެން ގޮސްފައިވާއިރު, އާ ޓާމިނަލް ހުޅުުވުމުގެ ރަސްމިއްޔާތުގައި 5 މިލިއަން ޑޮލަރުގެ އަގުބޮޑު ޑްރޯން ޝޯއެއް ބާއްވަން ނިންމި ސަބަބު އެމްއޭސީއެލްއިން ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް, ސަރުކާރުން ބޭކާރު ގޮތުގައި މިފަދަ އަގޮބޮޑު ޕްރޮޖެކްޓްތައް ކުރިޔަށް ގެންދަނީ, މުއިއްޒުގެ އަމުރަށްކަން ފާހަގަ ކޮށްލެވެއެވެ. މިފަދަ ގިނަ ޕްރޮޖެކްޓްތައް ހިންގަނީ ޕްރޮޖެކްޓްތަކުން މުއިއްޒުއަށް ބައި އަޅާގޮތަށް ކުންފުނިތަކުގެ އެމްޑީންނާއި އިސް ވެރިން މެދުވެރި ކޮށްގެންނެވެ.