ޚަބަރު

ޑޮލަރުގެ އަގު 20 ރުފިޔާގައި, ގައުމުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %118 ގައި, ތަކެތީގެ އަގު އުފުލި ރައްޔިތުން ނިކަމެތި ހާލުގައި, 5 މިލިއަން ޑޮލަރުގެ ޑްރޯން ޝޯއެއް ބާއްވަން މިޖެހެނީ ކީއްވެ؟ މިއީ ނޯތު ކޮރެއާތަ؟

ދިޔަވަރު
ޑޮލަރުގެ އަގު 20 ރުފިޔާގައި, ގައުމުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %118 ގައި, ތަކެތީގެ އަގު އުފުލި ރައްޔިތުން ނިކަމެތި ހާލުގައި, 5 މިލިއަން ޑޮލަރުގެ ޑްރޯން ޝޯއެއް ބާއްވަން މިޖެހެނީ ކީއްވެ؟ މިއީ ނޯތު ކޮރެއާތަ؟

އެމްޑީޕީގެ ސަރުކާރުގެ %90 ނިންމާފައިވާ, ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުލަ ވެރިކަންކުރާ ޕީއެންސީގެ ކުލައަށް ބަދަލު ކުރުމަށްފަހު އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލްއިން ދަނީ ކުރަމުންނެވެ.

އެމްއޭސީއެލްއިން މިހާރު އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އާ ޓާމިނަލްގެ މޫނުމަތި މިހާރުވަނީ ވެރިކަން ކުރާ ޕީއެންސީގެ ކުލައަށް ބަދަލު ކޮށްފައެވެ. އަދި މި ޓާމިނަލް އަންނަ ޖުލައިމަހުގެ 26 ވަނަ ދުވަހު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އެހެންނަމަވެސް މިވެރިކަން ފެށުނުއިރު އާ ޓާމިނަލްގެ %90 މަސައްކަތް ވަނީ ނިންމާފައެވެ. އާ ޓާމިނަލް އެޅުމަށް ބޭނުންވާ ފައިނޭންސްވެސް އެމްޑީޕީގެ ސަރުކާރުން ކަށަވަރު ކޮށްފައިވާއިރު, ޔޫއޭއީ ސަރުކާރު މެދުވެރިކޮށް އެމްޑީޕީގެ ސަރުކާރުން ހޯދާފައިވާ 1.2 ބިލިއަން ރުފިޔާއަކީ މި ސަރުކާރުން ހޯދި ފައިސާކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން ދަނީ ދޮގު މައުލޫމާތު ފަތުރަމުންނެވެ.

ހަމަ އެއާއެކު ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ މި އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވުމަށް އެމްއޭސީއެލްއިން މިހާރު ހަމަޖައްސާފައިވާ އަގޮބޮޑު ޑްރޯން ޝޯއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އަންނަ ޖުލައިން ސައްބީހުގައި ބާއްވާ ރަސްމިއްޔާތުގައި ބޭއްވުމަށް މިހާރު ހަމަޖައްސާފައިވާ މި ޚާއްސަ ޑްރޯން ޝޯއެއް ބޭއްވުމަށް, މިހާރުވަނީ އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން ކުރިން މަސައްކަތް ކުރި އިވެންޓް މޯލްޑިވްސްއާއި ހަވާލުކޮށްފައެވެ.

"ދިޔަވަރު އޮންލައިން" އަށް ކަށަވަރު ވެފައިވާ ގޮތުގައި މި އަގުބޮޑު ޑްރޯން ޝޯ ބޭއްވުމަށް އިވެންޓް މޯލްޑިވްސްއާއި ހަވާލު ކޮށްފައިވަނީ 5 މިލިއަން ޑޮލަރަށެވެ. މި ކުންފުންޏާއި މި މިޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މުއިއްޒުއަށް މި ޑީލްއިން 2 މިލިއަން ޑޮލަރުގެ "ކޮމިޝަން" ލިބޭ ގޮތަށްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާންއަކީ, އެމްއޭސީއެލްއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުން މުއިއްޒުއަށް ބައި އަޅާގޮތަށް އެ ކުންފުނީގައި ކޮރަޕްޝަން އަމަލްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތެވެ. އެމްއޭސީއެލްއަށް ގަންނަ އަގުބޮޑު ހެވީ މެޝިނަރީތަކާއި އަދި ކޮމާޝަލް ވެހިކަލްތަކުންވެސް އޭނާ ގެންދަނީ މުއިއްޒުއަށް ބައި އަޅާގޮތަށް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގަމުންނެވެ.

މުއިއްޒުގެ ވެރިކަމުގައި އެމްއޭސީއެލްގެ ޑީއެމްޑީކަމަށް ހަމަޖެއްސި ލަމްއާންއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުގެ މަގާމްގައި ހުރެވެސް އޭރު ކޮރަޕްޝަންގެ އެތައް ޖަރީމާއެއް ހިންގާފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް މަތިވެ, ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20 ރުފިޔާއަށް އުފުލިގެން ގޮސްފައިވާއިރު, އާ ޓާމިނަލް ހުޅުުވުމުގެ ރަސްމިއްޔާތުގައި 5 މިލިއަން ޑޮލަރުގެ އަގުބޮޑު ޑްރޯން ޝޯއެއް ބާއްވަން ނިންމި ސަބަބު އެމްއޭސީއެލްއިން ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް, ސަރުކާރުން ބޭކާރު ގޮތުގައި މިފަދަ އަގޮބޮޑު ޕްރޮޖެކްޓްތައް ކުރިޔަށް ގެންދަނީ, މުއިއްޒުގެ އަމުރަށްކަން ފާހަގަ ކޮށްލެވެއެވެ. މިފަދަ ގިނަ ޕްރޮޖެކްޓްތައް ހިންގަނީ ޕްރޮޖެކްޓްތަކުން މުއިއްޒުއަށް ބައި އަޅާގޮތަށް ކުންފުނިތަކުގެ އެމްޑީންނާއި އިސް ވެރިން މެދުވެރި ކޮށްގެންނެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި, ގައުމުގެ ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު, މިއުސޫލުން ގައުމުގެ މާލިއްޔަތު ލޫޓުވާލުމަކީ ޚުދުމުޚްތާރު ވެރިކަމުގެ ސިފައެކެވެ. މި ސިޔާސަތު އަދުގެ ދުނިޔޭގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ތަންފީޒު ކުރަމުން ދަނީ އުތުރު ކޮރެއާގައެވެ. އެގައުމަކީ, ރައްޔިތުން ބަނޑަށް ބޭތިއްބުމަށްފަހު ގައުމުގެ މާލިއްޔަތު, އެގައުމުގެ އެންމެ މަތީވެރިޔާ ކިމް ޖޮންގ އުންގެ ޖާހު މަތިވެރި ކުރުމަށް ތަޅާ ބުރުވަމުންދާ ގައުމެކެވެ.

މިއަދު ދިވެހި ރާއްޖެއިންވެސް ފެންނަމުން މިދަނީ ހަމަ އެ މަންޒަރުތަކެވެ. ރާއްޖޭގައި, ޑޮލަރުގެ އަގު މިވަނީ 20 ރުފިޔާއަށް އުފުލިފައެވެ. މިއީ ދިވެހި ތާރީޚުގައިވެސް މި ދަރަޖައަށް ޑޮލަރުގެ އަގު އުފުލިގެންދިޔަ ފުރަތަމަ ފަހަރަވެ. ގައުމުގެ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން %118 ގައެވެ. ތަކެތީގެ އަގު އުފުލި ރައްޔިތުން ދަނީ ދުވަހެއް ދުވަހަކަށް ނިކަމެތި ވަމުންނެވެ. އެހެންނަމަވެސް, ރައްޔިތުން މިހާލަތުގައި ބޭތިއްބުމަށްފަހު މި ސަރުކާރަށް އެންމެ މުހިންމު މަޝްރޫޢަކަށްވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި, މުއިއްޒު ނަން ރަމްޒު ކޮށްދޭ, 5 މިލިއަން ޑޮލަރުގެ ޑްރޯން ޝޯއެއް ބޭއްވުމަށެވެ.

މުއިއްޒުގެ ވެރިކަމުގައި ހަގީގަތުގައިވެސް މި ރާއްޖެ ބަދަލުވެގެން މިދަނީ ނޯތު ކޮރެއާއަށެވެ.