ޚަބަރު

ރަސްމީ ހައިސިއްޔަތެއް ނެތް ސާޖިދާ ގެންދަނީ މުޅި ސަރުކާރަށް އަތްފައި ބާނަމުން, ދައުލަތުގެ ޚަރަދުގައި ރަށްރަށަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް, ދައުލަތުގެ މާލިއްޔަތު ސާޖިދާ ތަޅާ ބުރުވަމުން ދިއުމަކީ ސީދާ ކޮރަޕްޝަން

ދިޔަވަރު
ރަސްމީ ހައިސިއްޔަތެއް ނެތް ސާޖިދާ ގެންދަނީ މުޅި ސަރުކާރަށް އަތްފައި ބާނަމުން, ދައުލަތުގެ ޚަރަދުގައި ރަށްރަށަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް, ދައުލަތުގެ މާލިއްޔަތު ސާޖިދާ ތަޅާ ބުރުވަމުން ދިއުމަކީ ސީދާ ކޮރަޕްޝަން

ފަސްޓް ލޭޑިންގެ ދައުރަކީ ރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ދައުރެއް ނޫނެވެ. ހަމަ އެއާއެކު ފަސްޓް ލޭޑީންނަކީ ސިޔާސީ އެއްވެސް ދައުރެއް އޮންނަ ބައެއްވެސް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެކަން އޮންނަނީ އެ އުސޫލުންނެވެ. ސަރުކާރުގެ ރަސްމީ ހަފްލާތައް ޝަރަފްވެރިކޮށް ދިނުމާއި, ރަށްރަށަށް ގިނިކަންޏާ ވަޑައިގެން އަރިއަރިއަށް އޮންނަވާ ސެލްފީ ނެންގެވުމާއި, އަދި އެނޫނަސް އެބީދައިން, ގައުމުގެ ނައިބު ރައީސްގެ ދައުރު އަމިއްލައަށް އަތްޕުޅަށް ނަންގަވައިގެން އުޅުއްވުމަކީ ހުދޫދުން ބޭރުން, އަދި ފަސްޓް ލޭޑީ އުޅުއްވުން ހުތުރުވެސް ގޮތެއްމެއެވެ. ރާއްޖެއިން ބޭރަށްވެސް ދައުލަތުގެ ޚަރަދުގައި ބޮޑެތި ވަފްދުތަކާއެކު ވަޑައިގަންނަވަނީއެވެ. ޖަލްސާތަކާއި ވަށްމޭޒު ހަފްލާތަކުގައި ރާއްޖެ ތަމްސީކޮށް ތަގުރީރުވެސް ކުރައްވަނީއެވެ. މިއީ ގާނޫނު އަސާސީންވެސް އަދި ގާނޫނަކުންވެސް ރާއްޖޭގެ ފަސްޓް ލޭޑީއަށް ދީފައި އޮތް ދައުރެއް ނޫނެވެ. ރާއްޖޭގެ ވެރިކަމުގެ މި ދައުރު އަންނަންދެން މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ރައީސެއްގެ އަނބި ކަބަލަކު މިބީދައިން އުޅުއްވާފައެއްވެސް ނުވެއެވެ.

އެހެންނަމަވެސް ރާއްޖޭގެ މިހާރުގެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ތަފާތުވެއްޖެއެވެ. ރަށްރަށް ގިނިކަންޏާ ވަޑައިގެން ޖަލްސާތަކުގެ ޝަރަފްވެރި މެހެމާންކަން ކުރެއްވުން އެއީ ސާޖިދާގެ ރަސްމީ ވަޒީފާގެ ބަޔަކަށް ހައްދަވައިފިއެވެ. ރަށްރަށް މިހާރު އާންމުކޮށް ވަޑައިގަންނަވަނީވެސް ގިނިކަންޏާއެވެ. މުއިއްޒުގެ އަރިހުގައެއްވެސް ނުމެނޫންމެއެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ, ސާޖިދާ މިވަނީ ނައިބު ރައީސްގެ ދައުރު އަދާކުރައްވަން ފައްޓަވާފައެވެ. ނައިބު ރައީސް ސެމްބެގެ އެއްވެސް ދައުރެއް ނެތެވެ. ރަށަކުން ހަފްލާއެއް ޝަރަފްވެރިކޮށް ދިނުމަށް ދައުވަތެއް އަޔަސް އެއިން ތަނަކަށް ދިއުމުގެ ހުއްދައެއް ސެމްބެއަކަށް ނެތެވެ. ސެމްބެއަށް ހަމައެކަނި ލިބެނީ ސެމިނާއެއް ނުވަތަ ކޮންފަރެންސަކުން ލިބޭ ދައުވަތަކަށް ރާއްޖެއިން ބޭރަށް ދަތުރު ކޮށްލުމުގެ ފުރުސަތު އެކަންޏެވެ.

މިއީ ހަގީގަތުގައިވެސް ބޮޑު މައްސަލައެކެވެ. ގާނޫނު އަސާސީން ދީފަ ނެތް ބާރެއްގެ ބޭނުން, ނުވަތަ ދީފަ ނެތް ހައިސިއްޔަތެއްގެ ބޭނުން ކޮށްގެން ސާޖިދާއަށް ދައުލަތުގެ މާލިއްޔަތު މި ބީދަައިން ތަޅާ ބުރުވާލެވިދާނެތޯއެވެ? ފިރިމީހާއަކީ ރައީސަކަށްވީތީ, ދައުލަތުގެ މާލިއްުޔަތުން ހިތުހުރި ގޮތަކަށް ހޭދަކުރެވިދާނެތޯއެވެ?

ނޫނެކެވެ. ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްގެން ސާޖިދާ މިހާރު އެ ހިންގަވަނީ ޢައިރު ގާނޫނީ އަމަލުތަކެވެ. ހިންގަވަމުން ގެންދަވަނީ ސީދާ ކޮރަޕްޝަންގެ އަމަލުތަކެވެ. މި ދިވެހި ގައުމަކީ ރައީސްކަމަށް ވައިޑައިގަންނަވާ ކޮންމެ ދެމަފިރިއެއްގެ މިލްކު މުދަލެއް ނޫނެވެ. އެ ދެމަފިރިންވެސް އުޅުއްވަން ޖެހޭނީ ގާނޫނު އަސާސީގެ ހުދޫދުގެ ތެރޭގައެވެ. ގާނޫނީ އިމުގެ ތެރޭގައެވެ. އެހެންނޫނީ, މިއަދު ނޫނީ މާދަމާ ނަމަވެސް ހަމަ އެބޭފުޅުންނާވެސް ގާނޫނުގެ ދިގުއަތް އަރާ ހަމަކުރާނެއެވެ.