މަސްލަހަތު ފުށުއަރާތީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން އެ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދުނީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް އަބްދުﷲ އެވެ.
އިކްރާމްގެ ހުށަހެޅުއްވުމާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ ވިދާޅުވީ އެ ހުށަހެޅުމަކީ ކޮމިޓީން ނިންމޭނެ ކަމެއް ނޫން ކަމަށާއި އެ ދެ މެންބަރުން ވެސް އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައިވާތީ އެގޮތަށް އެދި އާންމު ކޮމިޓީއަށް ފޮނުވޭނެ ކަމަށެވެ.
"މަޖިލިސް ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާ ނުބެލެހެއްޓޭ ގޮތަށް އެ ކޮމިޓީން ފާސްކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ. ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އެ އެގޮތަށް އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އީވާ އާއި ނަޝީދުގެ އޮތް އާއިލީ ގާތްކަމާ ގުޅިގެން މައްސަލައަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.