ޚަބަރު

ވިނަރެސް ޓަވަރުތަކުގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެޗް.ޑީ.ސީއިންވަނީ ނުކުޅެދި އިހްމާލްވެފައި

ދިޔަވަރު
ވިނަރެސް ޓަވަރުތަކުގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެޗް.ޑީ.ސީއިންވަނީ ނުކުޅެދި އިހްމާލްވެފައި

ވިނަރެސް ފްލެޓްގަތް ފަރާތްތަކުން އެ ޓަވަރުތަކުގެ ސެކިއުރިޓީ، މަރާމާތު އަދި މުނިސިޕަލް ޚިދުމަތްތަކާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

މިކަންބޮޑުވުންތަކަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރީންވެސް ވިނަރެސް ފްލެޓްގަތް ފަރާތްތަކުން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަންބޮޑުވުންތަކެކެވެ. އެގޮތުން ވިނަރެސް ފްލެޓްތައް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން 500 އަށްވުރެ ގިނަ ފަރާތުން ސޮއިކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް 15 ޑިސެންބަރު 2024 ގައި ޕެޓިޝަންއެއް ހުށަހަޅާފައިވާއިރު އެ ޕެޓިޝަންގައިވެސް މި ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮސް ބަޔާން ކޮށްފައިވެއެވެ. ވިނަރެސް ފްލެޓްތައް ގަނެފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ މައިގަނޑު ހަތަރު ކަމެއްގެ ތެރޭގައި، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ވިނަރެސް ފްލެޓްތަކުގައި ހުރި އެންމެހައި މައްސަލަތައް ހައްލުކޮށް، ސެކިއުރިޓީ ޤާއިމުކޮށް، މަރާމާތުކުރަންޖެހޭ އެންމެހައި ތަންތަން މަރާމާތުކޮށް ނިންމުމަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ވިނަރެސް ސަރަހައްދުގެ ބިން ބޭނުންކުރުމުގެ ޕްލޭން، މެއިންޓެނަންސް ޕްލޭން، އަދި ސެކިއުރިޓީ ޕްލޭން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، މުނިސިޕަލް އަދި އާންމު މަރާމާތުގެ މައްސަލަތައް ހައްލުކުރެވޭނެ ގޮތާއި މުއްދަތު، އަދި މަރާމާތުކުރުން ލަސްވަމުންދާ ސަބަބުތަކުގެ ތަފްސީލު ހިއްސާކުރުމަށް އެދިފައިވެއެވެ. އެޗް.ޑީ.ސީއިން އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ހައްލުނުކުރާނަމަ، އެއްމެދު އިމާރާތުގެ ޤާނޫނުގެ ދަށުން ޕްރޮޕަރޓީ މެނޭޖްމަންޓް ބަލަހައްޓާނެ ވަކި މެނޭޖްމަންޓް ބޮޑީއެއް އުފެއްދުމަށް ވެސް ވިނަރެސް ފްލެޓްގަތް ފަރާތްތަކުންވަނީ އެޗް.ޑީ.ސީއަށް ހުށަހަޅާފައެވެ.

ފްލެޓްގަތް ފަރާތްތަކުން ކަންބޮޑުވުންތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ވިނަރެސް ފްލެޓްތައް ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން އިޝްތިހާރުކޮށްފައިވާ 'ވިނަރެސް ބްރޯޝަރ' ގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކާއި ވަސީލަތްތައް ލިބެމުން ނުދާތީއެވެ. މީގެ އިތުރުން، ވިނަރެސް ފްލެޓްތަކުގައި ޤަވާޢިދުން ކުރަންޖެހޭ މަރާމާތުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަންވެސް ފާހަގަކުރެވެއެވެ. ވިނަރެސް ކޮމިއުނިޓީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދާ ހަމައަށްވެސް ޙައްލުނުވެ ހުރި ވަރަށް ގިނަ މައްސަލަތަކާއި މެދުކެނޑިފައިވާ ޚިދުމަތްތަކުގެ ސަބަބުން ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.

ވިނަރެސް ފްލެޓްތަކުގެ ވެރިފަރާތްތަކުން ވަކިވަކިން އެޗް.ޑީ.ސީއަށް ގުޅައި އަދި އީމެއިލް މެދުވެރިކޮށް މައްސަލަތައް ހުށަހަޅައި، ޓިކެޓް އިޝޫކޮށްފައި ވީނަމަވެސް، އެކަށީގެންވާ ޙައްލެއް ނުވަތަ ޖަވާބެއް ލިބިފައެއް ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ. ވިނަރެސް ކޮމިއުނިޓީގެ ފަރާތުން ޓަވަރުތަކުގެ މަންދޫބުން އިސްނަގައިގެން އެޗް.ޑީ.ސީއާއެކު ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތައް ބޭއްވިފައިވީ ނަމަވެސް، ފާހަގަކުރެވިފައިވާ މައްސަލަތަކަށް ޙައްލު ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އެޗް.ޑީ.ސީއިން އުސޫލުގެ ތެރެއިން ވިނަރެސް ފްލެޓްތައް ގަތް ފަރާތްތައް ވަނީ ބޮޑަށް ސްކްރީންކުރެވި، ބޮޑު އެޑްވާންސް ފައިސާއެއް ދެއްކުމަށްފަހު، ކޮންމެ މަހަކު މެއިންޓަނަންސް އަދި ކުލީގެ ގޮތުގައި ފައިސާ ދައްކަމުން ގެންދާ ފަރާތްތަކެއް ކަމެވެ.