ވިނަރެސް މަޝްރޫޢިން ފްލެޓް ލިބުނު ފަރާތްތަކުގެ އެދުމުގެމަތިން, މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އިއުލާންކުރި ހަފްތާ 14ގައި, ފްލެޓްތަކަށް ފައިސާ ދެއްކުމުގައި ހަމަޖައްސަވާ ދެއްވާނެކަމަށް ވިދާވި ލުއި މިއަދާއި ހަމައަށް އައިއިރުވެސް ނުދެއްވާތީ އެކަމުގެ ކަންބޮޑުން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އަދިވެސް ގެންދަވަނީ ފާޅު ކުރަމުންނެވެ.
މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު, ޖެހިގެން އައި 2024 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެޗްޑީސީން އާންމުކުރި ނޫސްޗބަޔާނުގައި ވިދާޅުވެފައިވަނީ ވިނަރެސް މަޝްރޫޢިން ފްލެޓް ލިބުނު ފަރާތްތަކުގެ އެދުމުގެމަތިން, މުއިއްޒުގެ ހަފްތާ 14ގެ މަގު ޗާޓާ އެއްގޮތަށް އެކޯޕަރޭޝަން އިން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމުގައެވެ.
އެގޮތުން "ލީސް މޮޑެލްގެ" އިންޓަރެސްޓް ރޭޓް %9 އިން %6 އަށް ަބދަލު ކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުން ޕޭމަންޓްގެ %50 ކުޑަކުރެވި, ކުޑަކުރެވުނު %50 ފްލެޓްގެ އަގުން އުނިކުރެވިފައިވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އެއާއެކު ޑައުން ޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސްދުވަހުން ޑައުންޓް ޕޭމަންޓް ދައްކާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ. އަދި އޭގެ އިތުރުން %6 އިންޓަރެސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4,400 ރުފިޔާ ކުޑަކުރެވިފައިވާ ކަމަށާއި, އެ ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްކަމުގައިވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އެ ބަދަލާއެކު, ވިނަރެސް މަޝްރޫއިން ފެލެޓް ގަތް ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ގަތް ފަރާތްތަކަށްވެސް އެ ލުއި ދިނުމަށް ހަމަޖެހިފައިވާކަމަށް އޭރު އެޗްޑިސީން ބުނެފައި ވެއެވެ.
އެގޮތުން ބޭންކު ލޯނަށް މަހަކު އެވްރެޖްކޮށް ދައްކާންޖެހޭކަމަށް ލަފާކުރެވޭ އަދަދުން 4,200 ރުފިޔާ އެވްރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓްގެ އަގުން ޑިސްކައުންޓެއް ދެވިގެންދާނެ ކަމަށާއި, އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް ފްލެޓްގެ އަގުންވެސް އެވްރެޖް ޑިސްކައުންޓެއް ދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީން އޭރު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އޭގެވެސް އިތުރުން އެހާތަނަށް ލޯން ހަަމަޖެހިގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށާއި އަމިއްލަ ފައިސައިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރިޔަށްދާ ކަމަށާއި, އަދި ފްލެޓް ޑައުން ޕޭމަންޓަށްވާ އަދަދުގެ %50 އަގުން އުނިކުރެވި އަދި އަގު އަދާކޮސްފައިވާ ފަރާތްތަކަށް އެ ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށްދާކަމަށްވެސް އެޗްޑީސީން 1 ފެބްރުއަރީ 2024 ގައި ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެގޮތުން އެ ބަދަލާއި ގުޅިގެން އެގްރީމަންޓަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް އޭރުވެސް ކުރެވެމުންދާކަމަށް އެޗްޑީސީން ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފުރިގެންދާއިރު, މުއިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގެ ދަށުން ދޭނެކަމަށް ވައުދުވި އިސްވެ ދެންނެވުނު ލުއިތައް, މިއަދާއި ހަމައަށް އައިއިރުވެސް ބޭންކު މެދިވެރިކޮށް ލޯން ނަގައިގެން ފްލެޓްތަކަށް ފައިސާ ދައްކަމުންދާ ފަރާތްތަކަށާއި, އަމިއްލަ ފައިސާއިން އެއްފަހަރާ ފައިސާ ދެއްކި ފަރާތްތަކަށް އެޗްޑީސީން ދީފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ލުއި ދިނުމުގެ މައްސަލަ ހައްލުކޮށް ދިނުމަށް ތަކުރާކޮށް އެދިފައެވެ. އެހެންނަމަވެސް މެނޭޖްމަންޓުން ޖަވާބު ދީފައިވަނީ އެ މައްސަލައާއި ގުޅޭގޮތުން މިއަދާއި ހަމައަށް އައިއިރުވެސް ދޭނެ ވަކި ޖަވާބެއް ނެތްކަމަށާއި, މުއިއްޒުގެ ހަފްތާ 14ގެ އެ ވައުދު ފުއްދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމުގައެވެ.
އެޗްޑީސީއަކީ, ދައުލަތުގެ މާލިއްޔަތުން ކޮރަޕްޝަންގެ ފައިސާ އެންމެ ގިނައިން ނެގުމަށް މުއިއްޒު ބޭނުންކުރާ ކުންފުންޏެވެ. އެކުންފުނީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު މެދުވެރިކޮށް މުއިއްޒު ވަނީ އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައެވެ. އަދި އޭނާގެ ހިންގަމުންދިޔަ ކޮރަޕްޝަން އާންމުންނަށް ފަޅާ އެރުމުން ވަޒީފާއިން ވަކިވުމަށް މަޖުބޫރުވެ ވަޒީފާއިން ވަކިވުމަށްފަހުވެސް މުއިއްޒުގެ އަމުރަށް މިހާރުވަނީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް ޕާކް ކޮށްފައެވެ.
އެއަށްފަހު, އިތުބާރު ކޮށްފަ ކަމަށް ބުނެ މުއިއްޒު ވަޒިފާ ދިން މައުރޫފް ޖަމީލަށް ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށްފަހު, އެޗްޑީސީ މެދުވެރިކޮށް މުއިއްޒުއަށް ކޮރަޕްޝަން ހިންގޭނެ މަގުފަހި ކުރަން އެ ކުންފުންޏަށް އާ އެމްޑީއެއް ލާން މުއިއްޒު މިހާރުވަނީ ނިންމާފައެވެ.