މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މަސައްކަތު މީހުން އެއްވެސް އުޒުރަކާނުލާ ވަޒީފާއިން ވަކިކޮށް, 200 ބިދޭސީ މަސައްކަތު މީހުން އެކައުންސިލްގެ މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެ ގެނެސްފިއެވެ.
މާލޭ ސިޓީ ކައުންސިލަކީ މާލޭގެ ޕާކުތަކާއި މިސްކިތްތަކާއި އާންމު އޭރިއާތައް ބެލެހެއްޓުމުގެ އިތުރުން މަސައްކަތު މީހުންގެ ގޮތުގައިވެސް އެތައް ސަތޭކަ މުވައްޒަފުން މަސައްކަތް ކުރަމުންދާ މުވައްސަސާއެކެވެ. މާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގައި ދެމުންދާ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށް ދެމުންދަނީ މާލޭ ސިޓީ ކައުންސިލުންނެވެ. އެގޮތުން މި ހުރިހާ ޚިދުމަތެއް ބެލެއްޓުމަށްޓަކާ ދިވެހިންގެ އިތުރުން ބިދޭސީ އެތައް ސަތޭކަ ލޭބަރުން މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ގޮތުގައި ގެންގުޅެމުން ދެއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އަލަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނެސް, މާލޭ ސިޓީ ކައުންސިލްގެ ވެރިން ރިޝްވަތުގެ ފައިސާ ޖީބަށް ލުމުގެ ބޭނުމުގައި, އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރަމުންދިޔަ ހުރިހާ ބިދޭސީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެއްފަހަރާ ވަޒީފާއިން ވަކިކޮށްފައެވެ. އެގޮތުން 200އަށްވުރެ ގިނަ ބިދޭސީން ވަޒީފާއިން ވަކިކޮށްފައިވަނީ ކުއްލިގޮތަކަށް އެއިން ކޮންމެ ބިދޭސީއަކަށް ސިޓީ ފޮނުވައިގެންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް މިއީ މުވައްޒަފުން މަދުކުރުމުގެ އެޅިފިޔަވަޅަކަށް ނުވާއިރު, ބިދޭސީން ވަޒީފާއިން ވަކިކުރާންޖެހޭ އެއްވެސް ސަބަބެއްވެސް ނެތްކަމަށް އެނގިފައި ވެއެވެ. އަދި ވަކި ކުރި އަދަދަށް ރާއްޖެއިން ބޭރުން ބިދޭސީން ލޭބަރުންގެ ގޮތުގައި މިހާރު ގެނެސްފައިވާކަމަށްވެސް އެނގިފައިވެއެވެ.
އެގޮތުން މި ބިދޭސީން ރާއްޖެ ގެނައުމަށް ހިންގުނު މުއާމަލާތުގެ ތެރެއިން ބިދޭސީން ގެނެސްދޭ އޭޖެންސީތައް މެދުވެރިވެ ސިޓީ ކައުންސިލްގެ ވެރިން އެތައް މިލިއަން ރުފިޔާއެއް ރިޝްވަތުގެ ގޮތުގައި ނަގާފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން" މައުލޫމާތުދިން ފަރާތުން ވިދާޅުވެފައި ވެއެވެ. މި ސްކޭމްގައި ސީދާ މޭޔަރު އާދަމް އާޒިމްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މާލޭ ސިޓީ ކައުންސިލަކީ ދައުލަތުގެ މުވައްސަސާތަކުގެ ތެރެއިން މިހާރު ކޮރަޕްޝަން އެންމެ ބޮޑަށް ހިންގަމުންދާ މުވައްސާސާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ނުއަގުގައި އެ މުވައްސަސާގެ މަސައްކަތްތައް ކުރުވުމާއި, އެ މުވައްސަސާއިން އިއުލާންކުރާ ބިޑްތައް ސިޓީ ކައުންސިލްގެ ވެރީން ބޭނުންވާ ބަޔަކަށް ދީގެން ސިޓީ ކައުންސިލްގެ ވެރިން ބޮޑެތި އަދަދުތަކުން ކޮރަޕްޝަންގެ ފައިސާ ނަގަމުން ދިއުމަކީ އާންމު ކަމެކެވެ.