ޚަބަރު

200 ބިދޭސީން ނުގެންނަ ކަމަށާއި، ނަމަވެސް 25 މީހުން 6 މަސްތެރޭ ވަކި ކުރިކަމަށް ސިޓީ ކައުންސިލުން އިއުތިރާފު ވެއްޖެ!

ދިޔަވަރު
200 ބިދޭސީން ނުގެންނަ ކަމަށާއި، ނަމަވެސް 25 މީހުން 6 މަސްތެރޭ ވަކި ކުރިކަމަށް ސިޓީ ކައުންސިލުން އިއުތިރާފު ވެއްޖެ!

މާލޭ ސިޓީ ކައުންސިލުން 200 ބިދޭސީން ވަކިކޮށް، އެ އަދަދަށް ކޮރަޕްޝަނަށް މަގުފަހި ކޮށް ބިދޭސިން ގެނެސްފައިވާ ކަމަށް ދިޔަވަރު ނޫހަށް ވަރަށް މުއުތަބަރު ފަރާތަކުން ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ލިޔެފައިވާ ޚަބަރަށް ރައްދު ދެއްވައި 200 ބިދޭސިން ނުގެންނަ ކަމަށް ސިޓީ ކައުންސިލުން ހާމަ ކޮށްފިއެވެ.

ނަމަވެސް ސީޓި ކައުންސިލުން ކޮށްފައިވާ ޓްވީޓްގައި 25 ބިދޭސީއަކު މަސައްކަތަށް ފަރުވާތެރިވުން ކުޑަ ކަމަށް ބަލައި، އަދި އުމުރު ދޮށިކަމަށް ކަމަށް ބަލައި މިއަހަރު ތެރޭ ފޮނުވާލާފައި ވާކަމަށް ބުނެ އިއުތިރާފު ވެފައި ވެއެވެ. މިދިޔަ އަހަރު ވަކި ކޮށްފައިވަނީ ކިތައް މުއައްޒަފުން ކަމެއް ހާމަ ކޮށްފައި ނުވެއެވެ.

6 މަސް ދުވަސް ތެރޭ 25 ބިދޭސީން ސިޓީ ކައުންސިލުން ވަކި ކުރި ކަމަށް އިއުތިރާފު ވި އިރު، އެއީ ކުޑަ އަދަދެއް ނޫނެވެ. 25 ބިދޭސީން އަލުން ގެންނަ ނަމަ، ކޮންމެ ބިދޭސީއެއްގެ އަތުން 50،000ރ އާއި 60،000ރ ސިޓީ ކައުންސިލުން މެދުވެރި ކުރާ އެޖެންސީއިން މަދުވެގެން ނަގާނެ ކަމަށް ބެލެވެއެވެ. އެއީ 1.5 މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން ސިޓީ ކައުންސިލް އޯޑިޓް ކޮށްފައިވަނީ 2012 އިން 2014 އާއި ހަމައަށެވެ. އެ އޮޑިޓް އާންމު ކޮށްފައިވަނީ 2016 ގައެވެ. އެހެން ކަމުން ސިޓީ ކައުންސިލުން ދައްކާ އެއްވެސް ވާހަކައެއްގެ ތެދު ދޮގެއް ބެލޭނެ އެއްވެސް ގޮތެއް އެއްވެސް އިރަކުން ނާދެއެވެ. އިދާރާތަކުން ތަކުރާރުކޮށް ދޮގުހެދުމުގެ ސަބަބުން މުއައްސަސާ ތަކުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ދުވަސްވަރެއްގައި 2014 އިން ފެށިގެން އޮޑީޓް ކޮށްފައި ނުވާ ތަނަކުން ދައްކާ މިފަދަ ވާހަކަތަކަކީ ސައްޙަ ވާހަކަ ތަކެއް ކަމާއި މެދު ސުވާލު އުފެދެއެވެ.

ސިޓީ ކައުންސިލް އޮޑިޓް ނުކުރަނީ، އޭރަކު އެތާގައި ހުންނަ މޭޔަރެއްގެ ނުފޫޒުންނެވެ. މިއީ ރާއްޖޭގައި އެންމެ ބޮޑަށް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެއް މުއައްސަސާއަށް ވާއިރު، އަދި ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓުން ބޭނުން ކުރާ ތަނަކަށް ވެފައި، އެތަނަށް އަންނަ މޭޔަރުންގެ ނުފޫޒުން މާލޭ ސިޓީކައުންސިލް އޮޑިޓް ނުކުރާ ނުކުރުމަކީ ރައްޔިތުން އެކަމާއި ސުވާލު ކުރަންޖެހޭ ބޮޑު މައްސަލައެކެވެ.

މާލޭ މޭޔަރަކަށް ކުރިން ހުރި މުހައްމަދު މުއިއްޒު ވަނީ އެތައް މިލިއަނެއްގެ އެތައް ކޮރަޕްޝަނެއް ސިޓީކައުންސިލް މެދުވެރިކޮށް ހިންގާފައެވެ. ސިޓީ ކައުންސިލް ނަން މަތީ ހުރި ބިންތަކާއި ގުދަންތައް ނުއަގުގައި، އެކި ފަރާތްތަކަށް ދިނުމާއި، ޕީޕީއެމް ޕީއެންސީގެ އިސް ފަރާތްތަކަށް މަސައްކަތެއް ނެތި ވަޒީފާ ދިނުމާއި، ސިއްރު ކޮންޓްރެކްޓް ހެދުމުން ފެށިގެން އެތައް ސަތޭކަ ޕީޕީއެމް ގްރާސްރޫޓް މީހުންނަށް ވަޒީފާ ދިން ކަމީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގޭ ކަންކަމެވެ. މިހާރުގެ މޭޔަރު އާދަން އާޒިމް ވެގެން ދިޔައީ، މިކަންކަން ފޮރުވައި މަތި ޖަހައި، މިއިން އެއްވެސް ކަމެއްގެ ހަގީގަތް ރައްޔިތުންނާއި ހަމަ އަށް ފޯރުވުމުގެ ބަދަލުގައި ސިއްރު ކުރި ފަރާތަށެވެ. މިއިން އެއްވެސް މައްސަލައެއް ކަމާއި ބެހޭ ފަރާތްތަކަށް ހެއްކާއި އެކު އާދަން އާޒިމް ހުށައަޅާފައި ނުވެއެވެ.