މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްފައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ނިޔާވިތާ 12 ގަޑިއިރު ފަހުން މުއިއްޒު ތައުޒިޔާގެ މެސެޖެއް ޕޯސްޓު ކޮށްފިއެވެ. މި މެސެޖުގައި މުއިއްޒު ވަނީ އަލްސަންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް ދުއާކުރައްވާ އަދި އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
އަލްސަން އެކްސިޑެންވި ހާދިސާ ހިނގާފައިވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީއާއި މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު (އަލް) ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާ ވުމާއި ގުޅިގެން ފިލްމީ ދާއިރާއާއި ސިޔާސީ ދާއިރާ އަދި އާންމުންގެ ގިނަ ބަޔަކުވެސް ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އެކްސްގައި މެސެޖްތައް ޕޯސްޓު ކޮށްފައެވެ. އެހެންނަމަވެސް މިއަދުގެ ހެނދުނާއި ހަމައަށްވެސް މި ހިތާމަވެރި ހާދިސާއާއި ގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖިމުހޫރިއްޔާގެ ހިލަމެއް ވެފައެއް ނުވެއެވެ. އަލްސަންގެ މަރުގެ ހާދިސާއާއި ގުޅިގެން ހިތާމަ ފާޅުކުރުން މުއިއްޒުއަށް މުހިންމު ކަމަކަށް ނުވިއެވެ. އެއާއިލާއަށް ތައުޒިޔާ ވިދާޅުވުން މުއިއްޒުއަށް ވެގެންދިޔައީ ތާވަލުގެ އެންމެ ފުލުގައި އޮތް ކަމުގެ ގޮތުގައެވެ.
ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލުން މުއިއްޒުއަށް އަހަންމިއްޔަތުކަން ކުޑަ ކަމަކަށްވެ, އެއީ މުއިއްޒުގެ އެއްވެސް ވަރެއްގެ ސަމާލުކަމެއް ނެތް ކަމެއްގެ ގޮތުގައި މޭރުންވެގެން ދިއުމުން, ގިނަބައެއްގެ ފާޑުކިއުން މުއިއްޒުއަށްވަނީ އަމާޒުވެގެން ގޮސްފައެވެ.
މާފަންނު ބަސް ޓާމިނަލް ކައިރި، ވެރިރަށުގެ މައި މަގުގައި ހިނގި މި ހިތާމަވެރި ހާދިސާގައި އަލްސަންގެ އިތުރުން އިތުރު ދެ މީހަކު ވެސް ވަނީ އަނިޔާ ލިބިފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު އަނިޔާވި 16 އަހަރުގެ ކުޑަކުއްޖާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ ވާރޑްގައެވެ.
އަލްސަންގެ ކުއްލި މަރުވުމަކީ އެ ދަރިފުޅުގެ އާއިލާއަށް ވެސް އަދި މުޅި ދިވެހި މުޖުތަމައަށް ވެސް ވަރަށް ބޮޑު ހިތާމައެކެވެ.