ޚަބަރު

ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، ހޯދަންވެސް ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި މުއިއްޒުގެ ސަރުކާރުން ހާމަ ކޮށްފި

ދިޔަވަރު
ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، ހޯދަންވެސް ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި މުއިއްޒުގެ ސަރުކާރުން ހާމަ ކޮށްފި

ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، ހޯދަންވެސް ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ރައީސް މުއިއްޒުގެ ސަރުކާރުން، އެމަނިކުފާނުގެ ފަރާތުން ބެރެސެލްސް އަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ ހާމަ ކުރައްވައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ ޔޫރަޕިއަން ޕާލިމެންޓާއި އެކު މި މަހު ކުރީ ކޮޅު ބޭއްވި ބައްދަލު ވުމެއްގައެވެ. ސަރުކާރުގެ ފަރާތުން މި ޕާލިމެންޓްގައި ވާހަކަ ދައްކާފައިވަނީ، އެމްބެސެޑަރ ޖީލާ ޢަލީ އެވެ. އެމްޑީޕީ ގެ ފަރާތުން، ކުރީގެ އެންވަރަމެންޓް މިނިސްޓަރ ޝައުނާއި، މަޖިލީސް މެމްބަރު މީކާއިލް ބައިވެރިވެ ވަޑައިގަތެވެ.

އެމްޑީޕީއިން 3 ޖުލައި ގައި ނެރުނު ނޫސް ބަޔާނުގައި ވާ ގޮތުން، ޗާގޯސް ހޯދުމުގެ ނަމުގައި ސަރުކާރުން އެތައް ކެމްޕެއިނެއް ހިންގަމުން ދާއިރުވެސް، ޑިއެގޯ ގާސިއާގެ މައްޗަކަށް ރާއްޖެއަކަށް އެއްވެސް ކަހަލަ ބަލަދުވެރިކަމެއް ނެތްކަމަށް ސަރުކާރުން ޔޫރަޕިއަން ޕާލިމެންޓްގައި ހާމަ ކުރިކަމަށެވެ. އަދި އެތަން ބޭނުން ވެގެން އެއްވެސް ވަރަކަށް ނޫޅޭ ކަމަށް ވެސް ޔޫރަޕިއަން ޕާލިމެންޓްގައި ދެއްކެވި ވާހަކާގައި އެމްބެސެޑަރ ޖީލާ ހާމަ ކޮށްފައިވެއެވެ.

https://twitter.com/MDPSecretariat/status/1940751818608595280

މީގެ އިތުރުން އެމްބަސަޑަރ ޖީލާ މުއިއްޒުގެ ފަރާތުން ޔޫރަޕިއަން ޕާލިމެންޓްގައި ވިދާޅުވެފައިވަނީ، ޑިއަގޯ ގާސިޔާގައި އެމެރިކާގެ މިލިޓަރީ ބޭހެއް ހުރުމާއި މެދު، އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެއްވެސް މައްސަލައެއް އިއުތިރާޒެއް ރައީސް މުއިއްޒުގެ ސަރުކާރުގެ ނެތް ކަމަށެވެ.

ނަމަވެސް، މިއާއި ޚިލާފަށް ރައީސް މުއިއްޒު ވަނީ އެމަނިކުފާނު އެންމެ ފަހުން ބޭއްވި، ޕްރެސްގައިވެސް ޗާގޯސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި ޗާގޯސް ދިނުމަށް އިނގިރޭސި ވިލާތަށް ސިޓީ ފޮނުވި ކަމަށް ވިދާޅުވެ، ކަނޑައެޅިގެން ރައްޔިތުންނަށް ދޮގު ހަދާފައިވެއެވެ.

ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ، ދޮގު ހަދައިގެން ވެރިކަމަށް އައިސް، އެ ދޮގު ދެމެހެއްޓުމަށް ރައީސް މުއިއްޒު ދޮގު މައްޗަށް ރައްޔިތުން ކުރިމަތީ ދޮގު ހަދަމުން ދާއިރު، ޔޫރަޕިއަން ޕާލިމެންޓްގައި ޗާގޯސްގެ މައްޗަށް ރާއްޖެއަށް އެއްވެސް ހައިސިއްޔަތެއް ނެތްކަމަށް ބުނެ، އަދި އެތަން ބޭނުންވެގެން ނުވެސް އުޅޭ ކަމަށް ބުނެ ވާހަކަ ދެއްކުމުން، ޗާގޯސް އާއި، ގެއްލުނު ކަނޑުގެ ވާހަކައިން ރައްޔިތުންނަށް ރައީސް މުއިއްޒު ހަދަމުންދާ ދޮގު ތައް އިތުރަށް ވަނީ ފަޟީހަތް ވެފައެވެ.