ފޭކް ޕްރިންސެއް ދައްކައިގެން ދައުލަތުން 800 މިލިއަން ރުފިޔާ ނެގުމަށް މޫސާ ޒަމީރު އިސްވެ ހުރެ، މުއިއްޒުއާއި، ބަންޑާރަ ނައިބު އުޝާމަށް ބައި އެޅޭ ގޮތަށް ހިންގި ސްކޭމް ބަލައި، މޫސާ ޒަމީރުގެ މައްޗަށް ޖިނާޢީ ތަހުގީގެއް ހިންގަން ޖެހެއެވެ.
ފޭކް ޕްރިންސްގެ މައްސަލަ ރާއްޖޭގައި ބޮޑު ޖޯކަކަށް ހަދައި، އެއީ މުއިއްޒަށް މަލާމާތް ރައްދުކުރަމުންދާ ކަމެއް ކަމުގައި ވިއަސް މިކަމުގެ ފަހަތުގައި އޮތީ ބައިތުލްމާލުން ބޮޑު ވައްކަމެއް ކުރުމަށް ރާވާފައިވާ ނުބައި ރޭވުމެކެވެ. 800 މިލިއަން ރުފިޔާ ދައުލަތުން ނުގެއްލި، ސަލާމަތްވީ މަޝްހޫރު ސޯޝަލް މީޑިޔާ އެކައުންޓް ހަސަން ކުރުސީ އިސްވެ އެއީ ފޭކް ޕްރިންސެއް ކަން ހާމަކޮށް، އެއާއި ގުޅިގެން ނޫސްތަކުން ބެލި ބެލުމުން އެކަން އިތުރަށް ސާފުވެ، އެންމެ ފަހުން ސައުދީ އެމްބަސީއިން އެ މައްސަލާގެ ތެރެއަށް ވަދެ، ރައީސް އޮފީހާއި ސުވާލު ކުރި ހިސާބުންނެވެ. ސައުދީ ސަރުކާރުން ޕްރިންސްގެ މައްސަލަ ބޮޑު މައްސަލައެއް ގޮތުގައި ނުނެގިނަމަ، 800 މިލިއަން ރުފިޔާގެ ސްކޭމް ހިންގުމަށް މޫސާ ޒަމީރު އާއި، މުއިއްޒު އާއި، ބަންޑާރަ ނައިބު އުޝާމު ހުރީ ކުރިއަށް ދާ ގޮތަށް ކަމަށް ދިޔަވަރު ނޫހަށް އެކަމުގެ މައުލޫމާތު އެނގިހުރި ފަރާތަކުން ޔަގީން ކޮށްދެއެވެ. މުސާ ޒަމީރު ހުރީ މީޑިޔާގައި އާއި ސޯޝަލް މީޑިޔާގައި ދައްކަމުން ދިޔަ ވާހަކައަކަށް ބަލައިގެން ފުކެއްވެސް ދޫދޭ ގޮތަކަށް ނޫނެވެ.
ސޯޝަލް މީޑިޔާއާއި މީޑިޔާއިން ހަގީގަތް ފާޅު ކުރުމުން، މޫސާ ޒަމީރު ފައިސާ ދީގެން، މިހާރު ނޫހުގައި އެއީ ސައްޙަ ޕްރިންސް އެއް ކަމަށް ދެއްކުމަށް ބޮޑު ލިޔުމެއްވެސް ލިޔުވިއެވެ.
ދިވެހި ދައުލަތުން 800 މިލިއަން ރުފިޔާ ފޭރުމަށް، މޫސާ ޒަމީރު ރާވާފައިވާ ގޮތް
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ނަމަކަށް ކިޔާ ފޭކް ކުންފުނިން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އަށް 8.8 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާކަމަށް ދައްކައި އެކަމަށް ރާއްޖޭގައި ބޮޑު ހަފްލާއެއް ބާއްވައި، ރައްޔިތުންނަށް މިއީ ސައްޙަ ޕްރޮޖެކްޓެއް ކަމަށް ދެއްކުން.
ބޭރުގެ ކުންފުނިން 8.8 ބިލިން ޑޮލަރު އިންވެސްޓް ކުރާއިރު، އޭގެ ތެރެއަށް ސަރުކާރުގެ ހިއްސާލުމަށާއި، ޖޮއިންޓް ވެންޗަރ ހިއްސާގެ ފައިސާގެ ގޮތުގައި ފިނޭންސް މިނިސްޓްރީއިން އިންވެސްޓްމަންޓް ޕްރޮޖެކްޓަށް ބަޖެޓް ލައިނެއް ހުށައެޅުމަށް ނިންމުން. މި ގޮތުން ދައުލަތުން 800 މިލިއަން ރުފިޔާގެ ފައިސާ އިންވެސްޓް ކުރުމަށް ނިންމުން.
އޭގެ ފަހުން ކެބިނެޓުން މިކަން މިގޮތަށް ކުރުމަށް ފާސްކުރުން.
ސަރުކާރުން 800 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް، އަދި އެފައިސާ ބޭރުގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ އެކައުންޓަކަށް ޖަމާވާ ގޮތަށް، ހަދާ ޖޮއިންޓް ވެންޗަރ އެގްރިމެންޓަކީ މި މަޝްރޫޢު ކުރިއަށް ގެން ދިޔުމުގައި އެއްވެސް ހުރަހެއް ނެތް، ސައްޙަ އެއްޗެއް ކަން ޤާނޫނީ ހަމަތަކުން ކަށަވަރުކޮށް، އެ ޤާނޫނީ ލަފާގެ މައްޗަށް އޭޖީ އޮފީހުން އެގްރިމެންޓް ސައްހަ ކުރުވުން.
800 މިލިއަން ރުފިޔާ ނަގާއިގެން، އެންމެފަހުން، ޕްރޮޖެކްޓް ކުރިއަށް ނުގޮސް، 800 މިލިއަން ރުފިޔާ "ގެއްލޭ" އިރު، މުއިއްޒު އާއި، މޫސާ ޒަމީރަށް ޤާނޫނީ އިމުގެ ތެރެއިން ރެކި ގަނެވޭނެ މަގު ފަހިކޮށް ދެނީ ބަންޑާރަނައިބު އުޝާމުގެ ނުފޫޒުން، އޭޖީ އޮފީހުން އެއްބަސްވުން ކުރިއަށް ގެންދިޔުމަށް ދޫކުރާ ލިޔުން ބޭނުން ކޮށްގެން ކަމަށް ނިންމުން.
އެސްޕީވީ ނުވަތަ ޖޮއިންޓް ވެންޗަރ ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާވުމުން، ފޭކް އިންވޮއިސް ހަދައިގެން އެކި ގޮތްގޮތުން އެ ފައިސާ ނަގައި، މޫސާ ޒަމީރުގެ ޔޫއޭއީގައި ހުންނަ ބޭންކު އެކައުންޓަށް އެ ފައިސާ ޖަމާ ކުރަން ރޭވުން.
ޔޫއޭއީގައި ހުންނަ ބޭންކު އެކައުންޓަށް ލާރި ޖަމާ ކުރުމަށްފަހު، 800 މިލިއަން ރުފިޔާ ދައުލަތުން ނެގުމަށް ބައިވެރިވި، ފޭކް ޕްރިންސަށް އަޅަން ޖެހޭ ބައި އެޅުން.
އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ އެޅުމުގެ މަޝްރޫޢު ނުފަށައި ލަސްކޮށް، މި ފެށެނީގައި 2 އަހަރު ދުއްވާލައި، ފަހު އަހަރު، ބޭރުގެ ކުންފުންޏާއި ކުރާ މުއާމަލާތް ހުއްޓާލައި، ދެން އަންނަ ސަރުކާރެއްގެ ބޮލަށް މި މައްސަލަ ޖެހުން.
މިއީ ދައުލަތުން 800 މިލިއަން ރުފިޔާ ވަގަށް ކަޓުވާލުމަށް މޫސާ ޒަމީރު އިސްވެހުރެ، ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.
މޫސާ ޒަމީރުގެ މި ބޮޑު ވައްކަން ހުއްޓުވުމުގެ ފުރަތަމަ ފިޔަވަޅު އެޅީ ހަސަން ކުރުސީއެވެ. ސައުދީ ސަރުކާރުން މައްސަލާގެ ތެރެއަށް ވަދެ، ރައީސް އޮފީހާއި ސުވާލުކޮށް، ރައީސް އޮފީހުގެ ސައިޓުގައި ހުރި ފޮޓޯ އާއި ޚަބަރު ނެގުމަށް ސައުދީ ސަރުކާރުން އަންގައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހީނަރުވެ، މޫސާ ޒަމީރު ހިންގަން އުޅުނު 800 މިލިއަން ރުފިޔާގެ ބޮޑު ވައްކަން ހުއްޓާލަން ރައީސް މުއިއްޒު އަށް މަޖުބޫރުވިއެވެ. އެކަމުގެ ރުޅިގަނޑު ފަޅައިގެން ގޮސް، ދޮގު ސިޓީ އެއް އުފައްދައި ފުލުހުން ލައްވައި ޓްވިޓަރ (އެކްސް) އަށް ސިޓީ ފޮނުވައިގެން ހަސަން ކުރުސީ އެކައުންޓް ސަސްބެންޑް ކުރުވީ މުއިއްޒުއެވެ.
ވެރިކަމުގައި ކައްޒާބަކު ބަހައްޓައިގެން މުޅި ދައުލަށް ލޫޓުވައި، ސްކޭމަކަށް ފަހު، ސްކޭމެއް ހިންގުމަށް ގައުމުދީގެން، ވައްކަމާއި ދޮގުގެ ކިއްލާއަކަށް މުޅި ޤައުމު ބަދަލު ކުރާތަން ބަލަން ތިބޭ ރައްޔިތެއް އުޅޭ އިތުރު ޤައުމެއް މިނޫނީ ނުދެކެމެވެ.