ވެރިކަމަށް އައީ ފޯޅަވަހި ވިއްކާލި ކަމަށް ބުނެ ދޮގު ހަދައިގެންނެވެ. ވެރިކަމަށް އައީ ވިއްކާލި ކަމަށް ބުނި ކަނޑު ހޯދުމަށް ވައުދު ވެގެންނެވެ. އިނގިރޭސި ވިލާތަށް މީގެ ކުރިން ދެ ފަހަރު މަތިން ވަޑައިގެންނެވި އިރުވެސް ފޯޅަވަހީގެ ވާހަކަވެސް އިނގިރޭސި ސަރުކާރާއި އެކު މުއިއްޒު ދައްކާފައި ނުވެއެވެ. ކީއްވެގެން ކަމެއް ސަރުކާރުން ހާމަ ކޮށްފައި ނުވެއެވެ.
މިއީ ރައީސް މުއިއްޒު ރަސްމީކޮށް އިނގިރޭސި ވިލާތަށް 3 މަސްތެރޭ ކުރާ 2 ވަނަ ދަތުރެވެ. ޖުމްލަ 3 ވަނަ ދަތުރެވެ. މި ދަތުރުގައި، އިނގިރޭސި ރަސްގެފާނާއި ބައްދަލު ކުރާނެ ކަމުގެ އަޑުތައްވެސް ވަނީ ސޯޝަލް މީޑިޔާގައި ފެތުރިފައެވެ. ނަމަވެސް، ފޯޅަވަހި ހޯދުމަށްޓަކައި އެކަމާއި ގުޅޭ ގޮތުން އިނގިރޭސި ވިލާތާއި މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު ނިންމާފައި ނުވާކަން ދިޔަވަރު ނޫހަށް ވަނީ ފޮރިން މިނިސްޓްރީގެ އޮފިޝަލެއްގެ ފަރާތުން ޔަގީން ކުރެވިފައެވެ.
މޮރިޝަސް އަށް ފޯޅަވަހި ދިނުމުގެ މަސައްކަތުގައި އިނގިރޭސިން އުޅޭ އިރު މި ފަދަ މުހިންމު ދަނޑިވަޅެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާއިރު، ދަތުރުގެ މުޅި އެޖެންޑާގައި އޮންނަންވާނީ ފޯޅަވަހި ހޯދުމަށް އެނގިރޭސި ވިލާތުގެ އެކިވެރިންނާއި ކުރާ ރަސްމީ މަޝްވަރާތައް ނޫން އިތުރު ދެން ކޯއްޗެއް ތޯއެވެ؟ އެކަން ނުކޮށް އިތުރު އެއްވެސް ކަމެއް ކުރުމަށް ދިވެހި އެއްވެސް ރައްޔިތަކު ހަމަ ޔަގީނުންވެސް ބޭނުމެއް ނުވެއެވެ.
ވެރިން އެއްޤައުމުން އަނެއް ޤައުމަށް އާންމުކޮށް މިހާ ގިނައިން ގޮސް އުޅެނީ ދެ ޤައުމެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުން ބޮޑު ކަމުންންނެވެ. އޭގެ މިސާލަކީ ނަތަންޔާހޫ އެމެރިކާއަށް ކުރާ ދަތުރުތަކެވެ. އެހެން ކަމުން މިފަހަރު އުއްމީދު ކޮށްގެން ހުރީ ފޯޅަވަހި ހޯދުމުގެ ވާހަކަތައް އިނގިރޭސި ވިލާތާއި އެކު ފަށައި، ރައީސް އިސްވެ ހުންނަވައި އެކަމުގެ މަޝްވަރާތައް ކުރާނެކަމަށެވެ. އެއަށް ފަހު ދެ ޤައުމުގެ ވަފްދުތައް މެދުގައި ހައިލެވެލް ބައްދަލުވުންތައް ދާނެކަމަށެވެ. ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާނަމަ މިއީ މިކަން ސަރުކާރުން ކުރާނެ ގޮތެވެ.
ދިވެހިރާއްޖެއަށް އެހާ މުހިންމު ވެފައިވާ އެފަދަ ބޮޑު ހައްސާސު ކަމެއް އޮއްވައި، އަދި އެކަން ރިޔާސީ ވައުދެއް ގޮތުގައި އޮއްވައި، އެކަމާއި މަޝްވަރާ ކުރުމަށް އިނގިރޭސި ސަރުކާރާއި، އަދި ފޯޅަވަހީގެ މައްޗަށް ދައުވާ ކުރާ މޮރިޝަސް އާއި އެކު މަޝްވަރާގެ މޭޒަށް ނާދެވޭ ގޮތަކަށް އިނގިރޭސި ވިލާތަކަށް އިހްލާސްތެރި މީހެއް ވެއްޖިއްޔާ ނުދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އިނގިރޭސިން އެ ފުރުޞަތު މުއިއްޒަށް ނުދޭހާ ހިނދަކު އިނގިރޭސި ވިލާތުގެ ފަސްގަނޑަށް ދިވެހިލޭ ހިނގާ ޤައުމީ ވެރިއަކު ނާރާނެއެވެ. މުއިއްޒު އަކީ ރަތް ރޮނގުދެމި ޤައުމީ ރައީސްއެވެ. ނަމަވެސް އެއާއި ޚިލާފަށް މުއިއްޒު އިނގިރޭސި ވިލާތަށް މި ދިޔަ ދިޔުމަކީ ދިވެހި ކަނޑާއި، ދިވެހި ޤައުމަށް މުއިއްޒުވި ގައްދާރު ވުމެއް ކަމުގައި ނޫނީ ނުވާނެއެވެ.
ފުރަތަމަ ދެފަހަރު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އިރު، އަޅުގަނޑުމެން ރައްޔިތުންނާއި، އެ ރައްޔިތުންނަށް ގެއްލުނުކަމަށް އެމަނިކުފާނު ވިދާޅުވި ކަނޑު މަތިން ހަނދާން ނެތުނަސް މިފަހަރު ހަނދުމަ ނެތުނީ ކަމުގައި ނުބެލެވޭނެއެވެ. އަޅުގަނޑުމެން މި ދަތުރުގައި ފޯޅަވަހީގެ ވާހަކަ ހަމަ ކޮންމެ ދުވަހަކުމެ ރައީސްއަށް ހަނދުމަ ކޮށް ދޭނަމެވެ. މަނިކުފާނު އަޅުގަނޑުމެންނަށް ގެއްލުނު ކަނޑާއި ފޯޅަވަހި ހޯދައި ނުދީ ދެން ރާއްޖޭގެ ހަފޮޅުން އެތެރެ ނުވާށެވެ.